ރާޖާއި ވަމީގާގެ ފިލްމު މެއި މަހު

ފިލްމު "ބޫލް ޗަކް މާފް"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "އިސްތިރީ"ގެ އެކްޓަރު ރާޖްކުމާރު ރާއޯ އަދި ބަތަލާ ވަމީގާ ގައްބީ ފުރަތަމަ ފަހަރަށް އެކުގައި ސްކްރީނުން ފެންނަ ފިލްމު "ބޫލް ޗަކް މާފް" މި އަހަރުގެ މެއި މަހު ރިލީޒްކުރަން ނިންމައިފިއެވެ.

މި ފިލްމަކީ ޕްރޮޑިއުސަރު ދިނޭޝް ވީޖަންގެ މެޑްޑޮކް ފިލްމްސްއިން މި އަހަރު ގެނެސްދިން ފިލްމު "ސްކައި ފޯސް" އަދި "ޗާވާ"އަށް ފަހު ބެލުންތެރިންނަށް ގެނެސްދޭ ތިންވަނަ ފިލްމެވެ. އިތުރު އެންޓަޓެއިނިންގް ފިލްމަކަށް މެޑްޑޮކް ފިލްމްސްއިން ތައްޔާރުވަމުން އަންނައިރު ފިލްމު "ސްކައި ފޯސް" އަދި "ޗާވާ"އަށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބުނުކަން ފާހަގަކޮށްލެވެއެވެ.

މި އަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ ފިލްމު "ބޫލް ޗަކް މާފް"އަކީ އިންޑިއާގެ އާދައިގެ އަވަށެއްގައި ހިނގާ ހެއްވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.

އެކްޓަރު ރާޖްކުމާރު ރާއޯ ބަތަލާ ޝްރައްދާ ކަޕޫރާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

މި ފިލްމަކީ ހެއްވާ މަޖާ ހާދިސާތަކާ އެކު ލޯބީގެ ރަހަތައް ވެސް އެކުލެވޭ ފިލްމެއް ކަމަށް ފިލްމުގެ ޑައިރެކްޓަރު ކަރަން ޝަރުމާ ވަނީ ބުނެފައެވެ. ފިލްމުގައި ރާޖްކުމާރު ފެންނާނީ ލޯބީގައި ކާމިޔާބީ ހޯދުމުގެ ގޮތުން ސަރުކާރު ވަޒީފާއެއް އަދާކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިލާ ހިތްވަރުގަދަ މީހެއްގެ ރޯލުންނެވެ.

މިހާތަނަށް މެޑްޑޮކް ފިލްމްސްއިން ގެނެސްދީފައިވާ ފިލްމުތަކަކީ ވަރަށް ކުޑަ ބަޖެޓްތަކުން އުފައްދާފައިވާ އެހެންނަމަވެސް އޯޑިއަންސަށް ވަރަށް ކަމުދާ ގޮތަކަށް ވާހަކަ ބައްޓަންކޮށްފައިވާ ފިލްމުތަކެކެވެ.

އެހެންކަމުން މި ފިލްމަކީ ވެސް ބެލުންތެރިންނަށް ކަމުދާނެ ކަހަލަ ގޮތަކަށް ފަރުމާކުރެވިގެން އުފައްދާފައިވާ ފިލްމެއް ކަމަށް މެޑްޑޮކް ފިލްމްސްއިން ވަނީ ބުނެފައެވެ. ހަމައެއާއެކު މިއީ އެ ކުންފުނިން ގެނެސްދިން "ލުއްކާ ޗުއްޕީ" އަދި "ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ"އާ ދާދި އެއްކަހަލަ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް