އިންޑިއާއިން މި އަހަރުގެ ޤައުމީ އެވޯޑު ދޭ ފަރާތްތަކުގެ ނަންތައް ރަސްމީކޮށް އިއުލާނުކުރިއިރު މުނިފޫހިފިލުވުމުގެ ދާއިރާއިން އެވޯޑު ލިބޭ މީހުންގެ ލިސްޓަށް ބޮލީވުޑްގެ ކިންގް ޚާން ޝާހްރުކް ޚާންގެ ނަން ވެސް އިތުރުވެއްޖެއެވެ.
ޝާހުއަށް ޤައުމީ އެވޯޑު ދެނީ އެންމެ މޮޅު އެކްޓަރުގެ ކެޓަގަރީއިންނެވެ. ފިލްމު "ޖަވާން"ގައި ޝާހު ކުޅުނު ރޯލަށް އެވޯޑު ލިބޭއިރު މިއީ އެކްޓަރުގެ 33 އަހަރުގެ ފިލްމީ ކެރިއަރުގައި ޝާހުއަށް ލިބޭ ފުރަތަމަ ޤައުމީ އެވޯޑެވެ.
އިންޑިއާގެ އިތުރުން ބައިނަލްއަޤްވާމީ ދުނިޔޭގައި ވެސް މަގުބޫލުކަން ހޯދާފައިވާ ޝާހު މިހާތަނަށް އިންޑިއާގެ ސިނަމާއަށް ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދީ ސިނަމާއަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދިން ނަމަވެސް އިންޑިއާގެ އެންމެ ޝަރަފުވެރި އެވޯޑު އެކްޓަރަށް ލިބިފައެއް ނުވެއެވެ.

މި އަހަރު އިންޑިއާއިން ނެޝަނަލް އެވޯޑު އަރުވާ ބޮލީވުޑްގެ ތިން ތަރިން ކަމަށްވާ ޝާހްރުކް ޚާން، ރާނީ މުކަރުޖީ އަދި ވިކްރާންތު މަސޭ--ފޮޓޯ/ބޮލީވުޑްހަންގާމާ
އެހެންކަމުން ޝާހުއަށް ޤައުމީ އެވޯޑު ލިބޭތީ މިއީ ތާރީޚުގައި ލިޔެވިގެންދާނެ ވަރަށް މުހިއްމު ނިންމުމެއް ކަމަށް ބުނެ ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު އަންނަނީ ޝާހުއަށް ތަހުނިޔާ ކިޔަމުންނެވެ.
ޝާހުއަށް ޤައުމީ އެވޯޑުގެ ޝަރަފު ލިބޭކަން ރަސްމީކޮށް އިއުލާނުކުރުމާ އެކު އެކްޓަރު ވަނީ ޤައުމީ އެވޯޑުގެ ޖޫރީ ޕެނަލް މެމްބަރުންނަށާއި ޗެއާމަން އަދި އިންޑިއާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގްގެ އިސްވެރިންނަށް ޝުކުރު އަދާކޮށްފައެވެ.
ޝާހުގެ ރަސްމީ އިންސްޓަގްރާމް މެދުވެރިކޮށް އާއްމުކުރި ވީޑިއޯއެއްގައި ޝާހު ބުނީ 2023 ވަނަ އަހަރުގެ ކާމިޔާބީގެ ހައްގުވެރިންނަކީ އެކްޓަރުގެ ޑައިރެކްޓަރުންނާއި ފިލްމް ސްކްރިޕްޓްތައް ތައްޔާރުކުރި ލިޔުންތެރިން ކަމަށެވެ. ހަމައެއާއެކު ޤައުމީ އެވޯޑު ފަދަ ޝަރަފުވެރި އެވޯޑެއް ޝާހުއަށް ހައްގުވާކަމަށް ނިންމީތީ އެކަމަށް ވެސް އެކްޓަރު ވަނީ ޝުކުރު އަދާކޮށްފައެވެ.
މި އަހަރުގެ އެންމެ މޮޅު އެކްޓަރުގެ ޤައުމީ އެވޯޑު ޝާހުއާ އެކު ދެން ލިބޭނެކަން އިއުލާނުކޮށްފައި ވަނީ ފިލްމު "ޓުވެލްތު ފެއިލް"އިން އެކްޓަރު ވިކްރާންތު މަސޭއަށެވެ. އެންމެ މޮޅު ބަތަލާގެ ކެޓަގަރީއިން ޤައުމީ އެވޯޑު މި އަހަރު ދިނުމަށް ނިންމާފައި ވަނީ ފިލްމު "މިސިސް ޗެޓަޖީ ވާސަސް ނޯވޭ"އިން ބަތަލާ ރާނީ މުކަރުޖީއަށެވެ.
މި އަހަރުގެ އެންމެ އެންޓަޓެއިންމަންޓް ކެޓަގަރީއިން ޤައުމީ އެވޯޑު ލިބޭ ފިލްމަކީ ކަރަން ޖޯހަރު ޑައިރެކްޓްކޮށް 2023 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ"އަށެވެ.