އައްޑޫ ސިޓީ ފޭދޫ ލިންކު ރޯޑުގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 37 އަހަރުގެ މީހަކު މަރުވެއްޖެއެވެ.
މިކަމާ ގުޅިގެން ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، މި އެކްސިޑެންޓު ރިޕޯޓުކޮށްފައި ވަނީ މިރޭ 19:39 ހާއިރު ކަމަށެވެ. މި އެކްސިޑެންޓުގައި މަރުވީ ސައިކަލު ދުއްވި ފޭދޫ، އުލްފަތު، އިބްރާހީމް ސިޔާދެވެ.
ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ، އަނިޔާ ވެގެން އޭނާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް މަރުވެފައި ވާކަމަށެވެ.
މި މައްސަލައިގައި ހިމެނޭ ކާރު ދުއްވީ، ގދ، ފިޔޮރީ، މާގޯލްޑް، މުހައްމަދު މާހިލް މުމްތާޒެވެ. އޭނާ ވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
އައްޑޫ ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެފައި ވާއިރު، ލާމު ލިންކު ރޯޑުގައި ރޭ ދަންވަރު 1:40ހާއިރު ހިނގި އެކްސިޑެންޓެއްގައި ވަނީ ޒުވާނަކު މަރުވެފައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، އެކްސިޑެންޓުގައި މަރުވީ ލ. މާބައިދޫ، ސޫރަޖް ވިލާ، 30 އަހަރުގެ އިބްރާހީމް ނައުޒަމް ކަމަށް ފުލުހުން ބުންޏެވެ.
އޭނާ މަރުވީ، ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ހެނދުނު 8:45 ހާއިރެވެ.
އެ އެކްސިޑެންޓުގެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.