އެންޑީއޭގެ އިމާރާތް ހުރީ ބޭނުންނުކުރެވޭ ވަރުވެފައި، އެކަން ހައްލު ކުރާނަން: އިހުސާން

ހޯމް މިނިސްޓަރު އަލީ އިހުސާން، އެންޑީއޭގެ މުވައްޒަފުންނާއެކު: އިހުސާން ވިދާޅުވީ އެންޑީއޭ ހިންގާ އިމާރާތް ހުރީ ވަރަށް ބޮޑަށް 'ފަނާވެފައި' ކަމަށާއި އެކަން ހައްލު ކުރާނެ ކަމަށް -- ފޮޓޯ/ ހޯމް މިނިސްޓްރީ

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ހިންގާ އިމާރާތް ހުރީ ވަރަށް ބޮޑަށް 'ފަނާވެފައި' ކަމަށާއި އެކަމަށް ހައްލު ހޯދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިއްޔެ އެންޑީއޭއަށް ވަޑައިގަތުމަށްފަހު މިނިސްޓަރު ވަނީ، އެންޑީއޭ ހިންގާ ގްރީން އިމާރާތުގެ ހާލަތު ކިޔައިދެއްވާފައެވެ.

އެގޮތުން، އެ އިމާރާތް ހުރީ ވަރަށް ބޮޑަށް ފަނާވެފައި ކަމަށާއި އެއީ މަސައްކަތް ކުރުމަށް އެންމެ އެކަށީގެންވާ އިމާރާތް ނޫން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ ވިސްނުމަކީ އެކަމަށް ވީހާވެސް އަވަހަކަށް ހައްލެއް ހޯދުންކަން ފާހަގަކުރައްވައި އިހުސާން ވަނީ، އެ ބިމުގައި އައު އިމާރާތެއް އެޅުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވެފައެވެ.

އޭގެއިތުރުން، މަސްތުވާތަކެއްޗަށް އޮތް ޑިމާންޑު ކުޑަކުރުމަށް މަސައްކަތް ކުރާއިރު، އެ މަސައްކަތަށް ބޭނުންވާ އިންފްރާސްޓަކްޗާ އޮތީ ވަރަށް ދަތި ހާލުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރުގެ އަމާޒަކީ އިންފްރާންސްޓަކްޗާގެ މަސައްކަތްތައް ރަނގަޅު ކުރުން ކަމަށާއި އެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އިހުސާން ވިދާޅުވެފައިވެއެވެ.

އެކަމަށް މަސައްކަތްތަކެއް ވެސް ކުރިއަށް އެބަދޭ. އެގޮތުން ނ. ވެލިދޫ އާއި ލ. އަތޮޅާއި އަދި ތުލުސްދޫގައި އަޅުގަނޑުމެން މިދަނީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތައް އަޅަމުން

ހޯމް މިނިސްޓަރު އަލީ އިހުސާން

މިނިސްޓަރު އިތުރަށް ވިދާޅުވީ، ފަރުވާ ދެވޭ ވަރަށް ވުރެ، ދަށް ހާލަތުގައި ކ. ހިންމަފުށީގައި ހުރި ރިހެބިލިޓޭޝަން ސެންޓަރު ވެސް އިތުރަށް ތަރައްގީ ކުރުމަށާއި ގިނަ މީހުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރާ ކަމަށެވެ.

ސެޓިފައިޑް އެޑިކްޝަން ޕްރޮފެޝަނަލް އެންޑް ގްލޯބަލް ޑްރަގް ރިމާންޑް ރިޑަކްޝަން މާސްޓާ ޓްރެއިނާ އަލީ އަދީބް 'ސަން'އަށް ކިޔައިދެއްވި ގޮތުގައި، ހިންމަފުށީ ސެންޓަރުގެ ހާލަތު ހުރީ ވަރަށް ގޯސްކޮށެވެ. އަދި ވަރަށް ބޮޑަށް ދުވަސްވެ ވީރާނާ ވެސް ވެފައެވެ.

https://sun.mv/204050

މިނިސްޓަރު ވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދިނުމަށްޓަކައި ގާއިމްކޮށްފައިވާ ކޮމިއުނިޓީ ސާވިސް ސެންޓަރާއި ގަގަން ކްލިނިކުގެ ހާލަތުވެސް ބައްލަވާލައްވާފައެވެ. މިޒިޔާރަތުގައި އެތަނުގައި ކުރަމުންދާ މަސައްކަތްތަކާއި ތަނުގެ ހާލަތު ބައްލަވާ، މުވައްޒަފުންނާ ބައްދަލުކޮށް ކަންބޮޑުވުންތައް އަޑުއައްސަވާފައިވެއެވެ.

ރާއްޖޭގައި އޮތް ޑްރަގްގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެެވެ.

comment ކޮމެންޓް