ހޮލީވުޑްގެ މަގުބޫލު އެކްޓަރު މައިކަލް ބީ ޖޯޑަން ލީޑުން ފެންނަ ވެމްޕަޔާ ފެންޓެސީ ބިރުވެރި ފިލްމު "ސިނާސް" ކްރިޓީކުންގެ ތެރޭގައި ބޮޑު ހިޓަކަށްވެ ހީވެސް ނުކުރާ ވަރު މަތީން ރޭޓިން ލިބެން ފަށައިފިއެވެ.
ޖޯޑަން ޑަބަލް ރޯލު ކުޅޭ މި ފިލްމަކީ ގިނަ ދުވަސްތަކަކަށް ފަހު ސިނަމާއަށް އަނެއްކާ ވެމްޕަޔާ ތީމު ގެނެސްދޭނެ ފިލްމެކެވެ. ވެމްޕަޔާ ތީމުގެ ފިލްމުތަކަކީ އާންމުކޮށް ބޮކްސް އޮފީހުގައި ބޮޑު މަގުބޫލުކަމެއް ހޯދާ ފިލްމުތަކެކެވެ.
އެގޮތުން "ޓްވައިލައިޓް" އާއި "އަންޑަވޯލްޑް" އަދި "ބްލޭޑް" އަކީ ބޮޑެތި ފްރެންޗައިޒްތަކަށް ވެފައިވާ ވެމްޕަޔާ ތީމުގެ ސީރީޒް ފިލްމުތަކެވެ.
އަލަށް ނެރުމަށް ތައްޔާރުވާ ފިލްމު ސިނާސްއަކީ ވޯނާ ބްރޮސް (ޑަބްލިއުބީ)އިން ގެނެސްދޭ ބިރުވެރި ފިލްމެކެވެ. މި ފިލްމުގައި ދައްކައިދޭނީ 1900ގެ ކުރީކޮޅުގެ ވަގުތަކަށް ސެޓުކޮށް ކުޅެފައިވާ މަންޒަރުތަކެކެވެ.
ފުރަތަމަ ގިނަ ބަޔަކު ތިބީ ފިލްމާ މެދު ޚިޔާލު ތަފާތުވެފައެވެ. ނަމަވެސް ދާދިފަހުން ފިލްމުގެ ރިވިއުތައް ވަނީ ޑެބިއޫ ކޮށްފައެވެ. ރޮޓެން ޓޮމާޓޯސްގައި މި ފިލްމު ޑެބިއޫ ކުރީ 32 ކްރިޓީކުންގެ ރިވިއުއާއެކު 100 އިން 100 އެއް ލިބިގެންނެވެ. އަދި މިހާރު ފިލްމުގެ ރިވިއުތައް 92 އިން މަތިވެފައިވާއިރު އަދިވެސް ފިލްމުގެ ކްރިޓީކުންގެ ރިވިއުތައް އިނީ 99 އަށްގައެވެ.
މިއީ ފަހުގެ ތާރީޚެއްގައި މިހާ މަތީން ރޭޓިންއެއް ލިބިފައިވާ ފުރަތަމަ ފިލްމެވެ. ފިލްމުގެ ރޭޓިން މި މިންގަނޑުގައި ހިފަހައްޓާލައިފި ނަމަ މިއީ މުޅި ތާރީޚުގައި އެޅުވި އެންމެ މޮޅެތި ފިލްމުތަކުގެ ލިސްޓަށް މި ފިލްމު އަރާނެއެވެ.
ރޮޓެން ޓޮމާޓޯސްގެ އެންމެ މޮޅު ފިލްމުތަކުގެ ލިސްޓުގައި 100 ލިބިފައިވާ ފިލްމުތަކުގެ ތެރޭގައި 1954ގެ "ލާސްޓް ސަމުރާއި" އާއި 1995ގެ "ޓޯއި ސްޓޯރީ" އާއި 1999 ގައި ނެރުނު "ޓޯއި ސްޓޯރީ 2" އަދި 1952ގައި ނެރުނު "ސިންގިން އިން ދަ ރެއިން" ފަދަ ފިލްމުތައް ހިމެނެއެވެ.
މާދަމާ އާންމުންނަށް ދައްކަން ފެށުމަށް ހަމަޖެހިފައިވާ މި ފިލްމުގައި މައިކަލް ބީ ޖޯޑަންގެ އިތުރުން މުހިންމު ރޯލުތަކުން ފެންނާނީ ހެއިލީ ސްޓައިންފީލްޑް (ސްޕައިޑާމޭން މައިލްސް މޮރާލެސް)، އާއި ވުންމީ މުސާކޫ (ހިސް ހައުސް) އާއި ލީ ޖުން ލީ (ބެބިލޯން)އެވެ.
ސިނާސް ޑައިރެކްޓު ކޮށްފައިވަނީ ބްލެކް ޕެންތާ، ކްރީޑްގެ ޑައިރެކްޓަރު ރާޔަން ކޫގްލާއެވެ.