މި ސަރުކާރުން ވެރިކަމަށް އައި ބޭރުގެ ގައުމުތަކުން ގިނަ އެހީތަކެއް ލިބޭނެ ކަމަށް ބުނަމުންނެވެ. ލޯންތައް ރިފައިނޭންސްކޮށް، އެހީތައް ލިބޭނެކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ކެމްޕޭން ތެރޭގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
އެކަމަކު، މި ސަރުކާރަށް މިހާ ދުވަސްވީއިރު މިހާތަނަށް ބޭރުގެ ގައުމުތަކުން ލިބޭނެ ކަމަށް އަންދާޒާކުރި ހިލޭ އެހީއާއި ލޯންގެ ބޮޑު އިންސައްތައެއް ނުލިބެއެވެ. އަދި، ބޭރުގެ ދޭދޭ ގައުމުތަކާއި އަވައްޓެރި ގައުމުތަކާ އެކުގައި އޮންނަންވާވަރުގެ އެކުވެރި ގުޅުމެއް ނެތްކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ.
މި ހަފުތާގެ ސަން އެޑިޓާސް ޓޯކް ޕޮޑްކާސްޓްގައި ވެސް އަލިއަޅުވައިލީ މި މައުޟޫއަށެވެ.
ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ސަންގެ މެނޭޖިން އެޑިޓަރު އަހުމަދު ސާއިލް އަލީ ވިދާޅުވީ، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ގޯސްވާން މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ އެ ދާއިރާއަށް ބޭނުންވާ އެންމެ އެކަށޭނެ އިލްމީ ގާބިލު މީހުންގެ ބަދަލުގައި ސިޔާސީ އެކިއެކި މީހުންގެ އާއިލީ މީހުންނާއި ސަރުކާރުގެ ވެރިންނާ ގުޅޭ މީހުން މަގާމުތަކަށް އައްޔަންކުރައްވާތީ ކަމަށެވެ.
އޭނާ ވަނީ އެކުވެރި ގައުމުތަކާ އެކު އޮންނަންޖެހޭ ގާތް ގުޅުން ނޯންނަކަން ފާހަގަކުރައްވައިފައެވެ.
އެ ގޮތުން، އެކިއެކި ސިގްނަލްތައް ލިބިފައިވާ ކަމަށް ކެމްޕޭން ތެރޭގައި ރައީސް ވިދާޅުވި ނަމަވެސް ރާއްޖެއިން އެންމެ ބޮޑަށް ދަރާފައިވާ ޗައިނާއާއި އަވައްޓެރި އިންޑިއާއިން ވެސް މާ ބޮޑު އެހީތަކެއް ނުލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މެނޭޖިން އެޑިޓަރު އަހުމަދު އިނާހް ވަނީ ޚާރިޖީ ސިޔާސަތުގެ ތެރެއިން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް މި ހަފުތާގައި ތަންފީޒުކުރަން ފެށި ނިންމުމަށް މަރުހަބާ ކިޔައިފައެވެ.
އިނާހް ވިދާޅުވީ، ޚާރިޖީ ސިޔާސަތުގެ ތެރެއިން ބޭރުގެ އެހީއާއި ލޯންތައް ނުލިބޭ ސަބަބުތަކުގެ ތެރޭގައި ޚާރިޖީ ސިޔާސަތު ނާކާމިޔާބުވުމުގެ އިތުރުން ބޭރުގެ މާލީ އިދާރާތަކާއި ޚުދު ރާއްޖެއިން ވެސް އިއުލާނުކުރި މާލީ އިސްލާހީ ފިޔަވަޅުތައް ތަންފީޒުވާތަން ނުފެނުން ވެސް ބޮޑު ދައުރެއް އަދާކުރާ ކަމަށެވެ.
އޭނާ ވަނީ ގައުމުތަކާ އެކު ވެސް އެންމެ ރަނގަޅު ގުޅުމެއް ނެތީ ޚާރިޖީ ދާއިރާއިން ހެދުނު ބޮޑެތި ގޯސްތަކެއްގެ ސަބަބުން ކަމަށެވެ.
މި ހަފުތާގެ ޕޮޑްކާސްޓްގައި މި ސަރުކާރުގެ ޚާރިޖީ ސިޔާސަތާ ގުޅޭ ގޮތުން މި ނޫން ވެސް މުހިންމު ގިނަ ވާހަކަތަކެއް ވަނީ ދައްކާފައެވެ. މުޅި ޕޮޑްކާސްޓް އައްސަވާލައްވާށެވެ.
comment ޖަމާލް ޢީސާ
2 month 4 day ago
ސަން ވެއްޖެ ވަރަށް ދޯހަޅި ނޫހަކަށް. ފެންވަރެއް ދިރާސާއެއް ނެތް މިކަހަލަ ބޭކާރު ވާހަކަ ދައްކާފައި ދެން އަމިއްލައަށް ނޫހުގައި ބޮޑު ސުރުޚީ ޖަހާފައި މި ލިޔަނީ.. ގިނައިން ފެންނަނީ ދައްކާނެ ނުދައްކާނެ ވާހަކަ އެއް ނެތިގެން ދެން އެއްޗެއް ލިޔެލާތަން. ވަރަށް ފެންވަރު ދަށްވެއްޖެ މިހާރު މި ނޫސް.
comment ހާސަރު
2 month 4 day ago
ތިޔަށް ކިޔަން އެންމެ ރަނގަޅީ ހަމަ ހާސަރު. ތިޔަކަހަލަ ކިތަންމެ އެޑިޓަރެއް ސިޔާސީ މައިދާނުގަވެސް އެބައުޅޭ.... އެމީހުންވެސް ދަމަނީ ހަމަ ހުސް ހާސަރު.
comment ލލ
2 month 4 day ago
މިއަދު ބޮޑެތި ޤައުމުތަކުގެ އިޤުތިސޯދްވެސް އެހާރަގަޅެއްނޫން، ރާއްޖެ ކަހަލަ ޤައުމުތަކަށް ބަރޯސާވާ ޤައުމުތަކުގެ ހާލު ހުންނާނީ އަދި މާދަށުގައި ނުންތަ !