މާދަމާއަކީ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. މި ހަފުތާގެ އެޑިޓާސް ޓޯކް ޕޮޑްކާސްޓްގައި ވެސް އެހެންވެ ދެއްކީ އެ ވާހަކައެވެ. ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަސްތަކާއި ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުންނެވެ.
އެންމެ ފަހުން މިދިޔަ އަހަރު 'ރިޕޯޓާސް ވިތައުޓް ބޯޑާސް' އެކުލަވައިލި ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ އޮތީ ހަ ދަރަޖަ ފަހަތަށް ވެއްޓި 106 ވަނައިގައެވެ. އެއީ، ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ގިންތިއެވެ.
ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން 'ސަން'ގެ މެނޭޖިން އެޑިޓަރު އަހުމަދު ސާއިލް އަލީ ވިދާޅުވީ، ނޫސްވެރިކަމަށް ކުރިން ހުރި ގިނަ ގޮންޖެހުންތަކެއް އާ ގާނޫނުއަސާސީއާ އެކު ނައްތާލެވުން ނަމަވެސް އަދިވެސް ވަރަށް ގިނަ ގޮތްގޮތުން އެކިއެކި ފަރާތްތަކުން ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަންނަން މަސައްކަތްކުރާ ކަމަށެވެ.
އެ ކަންކަން ހައްލުކުރަން އެންމެ މުހިންމު ކަމަކީ ނޫސްތައް ވެސް 'ބިޒްނަސް މޮޑެލް'އެއްގައި ހިންގުންކަން އޭނާ ފާހަގަކުރެއްވިއެވެ.
ސާއިލް ވިދާޅުވީ، އެހެން ގައުމުތަކުގައި ވެސް ސްޕޮންސާތަކަށް ބަރޯސާވުމުގެ ބަދަލުގައި ނޫސްތަކުން އަމިއްލަ މަސައްކަތްތައް ކޮށްގެން ފައިސާ ހޯދާ ކަމަށެވެ. ރާއްޖޭގައި ވެސް މީޑިއާތަކުން އިވެންޓްތަކާއި ހަރަކާތްތައް ބާއްވައިގެން ވެސް ފައިސާ ހޯދޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ޕޮޑްކާސްޓްގައި 'ސަން'ގެ ޑެޕިއުޓީ މެނޭޖިން އެޑިޓަރު އަހުމަދު އިނާހް ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަދައްކާއިރު ދައުލަތުގެ އިދާރާތަކުންނާއި ސަރުކާރުން ވެސް މައުލޫމާތު ފޯރުކޮށްދިނުމުގައި ހުރި މައްސަލަތަކުގެ ވާހަކަ ވެސް ދައްކަންޖެހޭ ކަމަށެވެ. އެ ގޮތުން، ރަސްމީ އިދާރާތަކުން މައުލޫމާތު ފޯރުކޮށްނުދިނުމުގެ ނަތީޖާއަކީ 'މިސް އިންފޮމޭޝަން' ގިނަވުންކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވެސް ވަނީ އެކިއެކި މާލީ ދަތިކުރުންތަކާއި އަދި އެކިއެކި ސްޕޮންސާޝިޕްތައް ބޭނުންކޮށްގެން ނޫސްތައް 'ކޮންޓްރޯލް'ކުރަން އުޅޭކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އެ ގޮތުން، މީގެ ކުރިން ނޫސްވެރިކަމަށް ހުރި ވަރަށް ބޮޑެތި ގޮންޖެހުންތައް މިހާރު ނައްތާލެވުން ނަމަވެސް އާ ގޮތްގޮތަށް މިހާރު ނޫސްތަކަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާކަން އޭނާ ފާހަގަކުރެއްވިއެވެ. އިނާހް ވިދާޅުވީ، ނުފޫޒުތަކުން ސަލާމަތްވާން މީޑިއާތަކަކީ މާލީ ގޮތުން މިނިވަން ތަންތަނަށްވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭ ގޮތުން މި ނޫނަސް މުހިންމު ގިނަ ވާހަކަތަކެއް މި ހަފުތާގެ ޕޮޑްކާސްޓްގައި ވަނީ ދައްކައިފައެވެ. މުޅި ޕޮޑްކާސްޓް އައްސަވާލައްވާށެވެ.