ރައްޔިތުންގެ ސާފު އަޣުލަބިއްޔަތު ނުލިބި، އެއްބުރުން ވެރިއަކު ހޮވުމަކީ "ކުޑަ ކާފު ބޮޑު ކާފު"ގެ ޒަމާނަށް ރާއްޖެ ސޮއްސައިލުން ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.
ޕްރިފަރެންޝަލް ވޯޓިންގެ ނިޒާމަކުން ރާއްޖޭގެ ވެރިއަކު ހޮވުމަށް ވަކާލާތު ކުރައްވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ހާމަ ކުރައްވައިފައެވެ.
ވޯޓުލުމުގެ ނިޒާމު ބަދަލުކޮށް، އެއްބުރުން ރައީސަކު ހޮވޭގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް ރައީސް ވަނީ ޕީއެންސީގެ މަޖިލިސް މެންބަރުންގެ ތާއީދަށް ވެސް އެދިވަޑައިގެންފައެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ރައީސްވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވައިލުމާމެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ.
މި ކަމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވަމުން ދަނިކޮށް، ރައީސް ހުށަހެޅުއްވި ގޮތަށް، ވޯޓުގެ ނިޒާމު ބަދަލުކުރަން ތާއީދު ކުރައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީއާއި ޑިމޮކްރެޓުން އެ ކަމަށް ތާއީދު ކުރުމަށް އެދިވަޑައިގެންފައެވެ.
ވޯޓުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި މިއަދު ޝާހިދު ވިދާޅުވީ، އެއީ ވޯޓު ގުނުން އެތައް ބުރަކަށް ދަންމާލައި، ވޯޓު ފޮށިތައް މާލެ ގެނެސްގެން ވޯޓު އޮޅުވައިލުމަށް ޓަކައި ރާވާ ރޭވުމެއް ކަމަށެވެ.
ވޯޓު ގުނަންވާނީ އެންމެންގެ ކުރިމަތީގައިކަން ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ، ވެރިއަކު ކަނޑައެޅޭނީ ވޯޓުގެ 50 އިންސައްތައަށްވުރެ އިތުރަށް، ސާފު އަޣުލަބިއްޔަތު ލިބިގެން ކަމަށެވެ.
ޕްރިފަރެންޝަލް ވޯޓިން ނިޒާމެއް ގެނައުމަށް ރައީސް މުއިއްޒު ބޭނުންފުޅުވާއިރު، އެ ބަދަލު ގެނައުމަކީ އެއީ "ކުޑަ ކާފު ބޮޑު ކާފު"ގެ ޒަމާނަށް ސޮއްސައިލުން ކަމަށް ޝާހިދު ސިފަ ކުރެއްވިއެވެ. ވޯޓުން ވެރިއަކު ހޮވާ ނިޒާމަށް ބަދަލުގެނައުމުގައި، އިޚްލާސްތެރިކަމުގެ ޒައްރެއް ވެސް ނެތް ކަމަށާއި، އޭގެ ނިޔަތަކީ ވޯޓު ފޮއްޓަށް އަތްބޭނުން ކަމަށް ޝާހިދު ވަނީ ތުހުމަތު ކުރައްވައިފައެވެ.
އޭނާ ރައްޔިތުންގެ ކިބައިން އެދިވަޑައިގަތީ، ވޯޓުގެ ނިޒާމަށް ގެންނަން އުޅޭ ބަދަލަށް ބޮޑުކޮށް ނޫނެކޭ ބުނުމަށެވެ.
ޝާހިދުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އެއްބުރުން ރައީސަކު ހޮވުމާ ދެކޮޅު ހައްދަވާފައެވެ.
ފައްޔާޒު ވިދާޅުވީ، ޚަރަދު ކުޑަކުރުމަށް ޓަކައި ރިޔާސީ އިންތިޚާބުގެ ވޯޓުލުން އެއްބުރުން ނިންމައި، ރައީސަކު ހޮވުމަށް ހުށަހެޅި ބަދަލުގެ ފަހަތުގައި އެއްވެސް އިޚުލާސްތެރިކަމެއް ނެތް ކަމަށެވެ.
އަދި، ވެރިކަމުގެ އިތުރު ދައުރެއް ހޯދުމަށް ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި އެއީ ގާނޫނު އަސާސީގެ ރޫހާ މުޅިން ޚިލާފު ކަމެއް ކަމަށް ފައިސަލް ވަނީ ވިދާޅުވެފައިވެއެވެ.
އިންތިޚާބު ބާއްވާ ނިޒާމަށް ބަދަލު ގެންނަން ތާއީދުކުރާކަން ރައީސް ހާމަކުރެއްވީ އެ ވާހަކަ ދެކެވެތާ ދުވަސްކޮޅެއް ފަހުންނެވެ.