ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުން އެބަ ގެންގުޅެން: ނަޝީދު

މުހައްމަދު ނަޝީދު (އަންނި) -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.

ކުރިއަށް އޮތް އިންތިޚާބުގައި އެ މަނިކުފާނު ވާދަކުރެއްވުމަށް ޓަކައި އެ މަނިކުފާނާ އަރިސް މެންބަރުންގެ ޚިޔާލު ގެންދަވަނީ ހޯއްދަވަމުންނެވެ.

"ސަން"އާ ވަހަކަދެއްކެވި އަރިސް ބޭފުޅަކު ވިދާޅުވީ "ރައީސް ނަޝީދު އިންތިޚާބުން ފެނުމަކީ ވަރަށް ގާތް ކަމެއް" ކަމަށެވެ. ނަމަވެސް އަދި ވާދަކުރައްވާނީ ކޮން ގޮތަކަށް ކަމާމެދު، އެއްވެސް ތަފްސީލެއް އެ މަނިކުފާނު ހިއްސާނުކުރައްވާ ކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ.

"އަޅުގަނޑު ކުރިމަތިލުމުގެ ވިސްނުމެއް އެބަ ގެންގުޅެން. ކިހިނެއްތޯ ފެންނަނީ. ކޮންމެ ގޮތަކަށް ޖަވާބު ދެއްވި ނަމަވެސް އަޅުގަނޑުމެންގެ ގުޅުމަށް ބުރޫ ނާރާނެ،" ނަޝީދުގެ އަރިސް މެންބަރުންނަށް ފޮނުއްވި މެސެޖެއްގައިވެއެވެ.

"ސަން"އާ ވާހަކަދެއްކި ބައެއް އަރިސް މެންބަރުން ވިދާޅުވީ، އިންތިޚާބުގައި ވާދަކުރައްވަން ނަޝީދު ވިސްނަވަނީ މިހާރު ގައުމު އޮތް ހާލަތުގެ ގޮތުން ކަމަށެވެ.

އެމްޑީޕީގެ ރައީސްކަން ކުރެއްވި، އަދި އެ ޕާޓީގެ ފުރަތަމަ ވެރިކަމުގައި ގައުމު ހިންގެވި ނަޝީދު އެ ޕާޓީން ވަކިވެވަޑައިގަތީ، 2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް އެ ޕާޓީގައި އެ މަނިކުފާނަށް ތާއިދުކުރާ "ފިކުރެއްގެ ދިރުން" ފެކްޝަނާއި އެއިރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއިދު ކުރާ ފެކްޝަނެއް އުފެދި ބައިބައިވި ފަހުންނެވެ.

އެގޮތުން ރިޔާސީ ޕްރައިމަރީގައި އެ ދެ ބޭފުޅުން ވާދަކުރައްވައި ނަޝީދު ނާކާމިޔާބުވުމުން އެ މަނިކުފާނާއި އެ މަނިކުފާނަށް ތާއިދުކުރައްވާ މެންބަރުން އެމްޑީޕީގެ އެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ތުހުމަތުތައް ކުރިއެވެ.

އެއަށްފަހު ނަޝީދަށް ތާއިދުކުރައްވާ މެންބަރުން އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސް އުފެއްދެވީއެވެ. އަދި އެމްޑީޕީގައި ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ވިދާޅުވެ، ޖޫން 21، 2023ގައި އެ މަނިކުފާނު ވެސް ޕާޓީން ވަކިވެވަޑައިގަތެވެ.

އެއަށްފަހު ދަ ޑިމޮކްރެޓްސްއިން ރިޔާސީ އިންތިޚާބުގައި ވާދަކުރުމުން ލިބުނީ ހަތް ޕަސެންޓް ވޯޓެވެ. އަދި ދެވަނަ ބުރުގައި އެމްޑީޕީއަށް ތާއިދު ކުރަން އެ ޕާޓީން ދެކޮޅުހެދިއެވެ.

އޭގެ ފަހުން ޑިސެމްބަރު 2023ގައި ނަޝީދުވަނީ، ރާއްޖެއާއި އެހެން 11 ގައުމަކުން އުފެއްދި ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވަން އެއްބަސްވެވައިޑެން، އަހަރުތަކަކަށް ސިޔާސީ މަސައްކަތުން ދުރަށް ޖެހިވަޑައިގަންނަވާން ނިންމެވިކަން އިއުލާންކުރައްވައިފައެވެ.

ނަމަވެސް މިދިޔަ ޖަނަވަރީ މަހު އެ މަނިކުފާނު ވަނީ، ސިޔާސީ ހަރަކާތުން މުޅިން ދުރަށް ނުދާ ކަމަށް ވެސް ވިދާޅުވެފައެވެ.

comment ކޮމެންޓް