ހެނދުނު ހޭލައި, އަވަހަށް ތައްޔާރުވެ, ތެޅެމުން ފޮޅެމުން, ޤުރުއާން ކުލާހަށެވެ. އެއަށް ފަހު ދެތިން މިނެޓް ތެރޭގައި ސައި ބޮއެގެން ޓިއުޝަނަށެވެ. ދެ މާއްދާއެއްގެ ޓިއުޝަން ނިމިގެން ގެއަށް އާދެވޭއިރު 12:15 ވަނީއެވެ. ދެން އަވަހަށް އެއްޗެއް ކައި, ތައްޔާރުވެގެން ސްކޫލަށެވެ. ސްކޫލުގައި ފަސް ވަރަކަށް ގަޑިއިރު ހޭދަކޮށްފައި ގެއަށް އާދެވޭއިރު އިރުއޮއްސެނީއެވެ. ކުޑައިރުކޮޅެއް ފަހުން ދެން އެވީ ހޯމްވޯކްތައް ނިންމާށެވެ. ދެންވީ ފޮތް ކިޔާށެވެ. އެއަށް ފަހު ނިދައި, އަނެއް ދުވަހު ހަމަ ކުރިން ބުނި ތާވަލަށް އުޅެންވީއެވެ. ހަފުތާގެ ފަސް ދުވަސް އެގޮތަށެވެ. ހަފުތާ ބަންދު ދެ ދުވަހު ސްކޫލަށް ދާން ނުޖެހުނަސް އެއީ ވެސް ކިޔެވުމުގައި ގިނަ ވަގުތު ހޭދަ ކުރަން ޖެހޭ ދެ ދުވަހެވެ.
މިއީ މާލޭގެ މަޝްހޫރު ސަރުކާރު ސްކޫލެއްގެ ގްރޭޑް ހަތަރެއްގައި ކިޔަވަމުން އަންނަ އުމުރުން 10 އަހަރުގެ އަންހެން ކުއްޖެއްގެ ހާލަތެވެ. އެކަމަކު މިއީ އެ ކުއްޖާގެ އެކަނި ހާލަތެއް ނޫނެވެ. ރާއްޖޭގައި ތައުލީމު ހާސިލު ކުރާ ގިނަ ކުދިންގެ ދުވަހުގެ ތާވަލު އޮންނަނީ މިކަހަލަ ބުރަބޮޑު ގޮތަކަށެވެ.
ދިވެހީންނަކީ ޒަމާނުންސުރެއް ތައުލީމަށް ވަރަށް ލޯބި ކުރާ ބައެކެވެ. ބެލެނިވެރިންނަށް ލިބޭ އެންމެ ބޮޑު ޝަރަފަކީ އަދި އެ މީހުން ދެކޭ އެންމެ ބޮޑު އެއް ހުވަފެނަކީ އެ މީހުންގެ ދަރީންނަށް ރަނގަޅު ތައުލީމެއް ލިބިދިނުމެވެ. އެންމެ ތުއްތުއިރުންސުރެއް ބެލެނިވެރިން އެ އަމާޒުގައި މަސައްކަތް ފަށައެވެ. ބުރަ މަސައްކަތުން ހޯދާ އާމްދަނީގެ ބޮޑު ބައެއް އެކަމަށް ހޭދަ ކުރުމުގެ އިތުރުން ދަރީންގެ ތައުލީމަށް އަމިއްލަ ވަޒަން ދޫކޮށް ހިޖުރަ ކުރުންފަދަ އެތައް ގުރުބާނީއެއް ވެސް ވެއެވެ. ބެލެނިވެރިންގެ ހުރިހާ ވެސް އަމާޒަކީ އެ މީހުންގެ ކުދިންނަކީ އެންމެ މޮޅު ކުދިންނަށް ހެދުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މި ކުޑަކުޑަ ދިވެހި ރާއްޖެއަކީ އާބާދީގެ ނިސްބަތުން ވެސް މި ސަރަހައްދުގައި އެންމެ ތައުލީމީ މީހުން ގިނަ އެއް ގައުމެވެ. މިއީ ވަރަށް އުފާވެރި ކަމެކެވެ.

ސްކޫލު ކުދިންތަކެއް ބެލެނިވެރިންނާއެކު އެއްވުމެއްގައި -- ފޮޓޯ/ ރައީސް އޮފީސް
ގަސްތުގައި ނޫނަސް, ބޮޑު ގޯހެއް އެބަ ހެދޭ
ނަމަވެސް މީގައި ވިސްނާލަން ޖެހޭ މުހިންމު ކަމެއް އެބައޮތެވެ. ތިމާގެ ދަރިއަކީ އެންމެ މޮޅު ކުއްޖާއަށް ހެދުމަށްޓަކައި އެ ކުދިން އެންމެ ތުއްތުއިރުންސުރެ ދެވެމުން އަންނަ ޕްރެޝަރުގެ ނަތީޖާއާ މެދެވެ. އެއްވެސް ކަމެއް ހައްދުން ނެއްޓުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެގޮތުން، ކުދިން މޮޅު ކުރުމަށްޓަކައި, ގަސްތަކާނުލައި ނަމަވެސް މި ދެވޭ ޕްރެޝަރާއި އެ ކުދިންނަށް މި ޖެއްސޭ ބުރައާ މެދު ފުންކޮށް ވިސްނާލަން އެބަޖެހެއެވެ.
"ގިނަ ކުދިންގެ ޝެޑިއުލް އޮންނަނީ ނޭވާ ނުލެވޭ ވަރަށް ޕްރީއޮކިއުޕައިޑް ކޮށްފައި. ބެލެނިވެރިން ވިސްނާލަން އެބަޖެހޭ ކުދިންނަކީ ރޮބެޓުން ނޫންކަން. ކުއްޖާ ކިރިޔާ ވާހަކަދައްކަން ފަށާ ހިސާބުން ފެށިގެން އެބަ ބިޒީ ކުރުވާ. މިއީ ވަރަށް ބޮޑު ގޯހެއް އަސްލު," ފުވައްމުލަކު ސިޓީ ސްކޫލެއްގެ ޓީޗަރަކު ކަންބޮޑުވުން ހިއްސާކުރަމުން ބުންޏެވެ.
"ސްކޫލުގެ އިތުރުން ޓިއުޝަނާއި, ޤުރުއާން ކުލާހާއި, އެކިއެކި އެކަޑަމީ ތަކަށް ގެންގޮސް, ޕްރީ ސްކޫލު ކުދިން ވެސް މި ހާލަތުގައި. އުމުރުން ނުވަ އަހަރުން ދަށުގެ ކުދިންނަށް ވެސް މިހާ ޕްރެޝަރު އެބަދޭ,"
ކުދިން މޮޅު ބަޔަކަށް ހެދުމުގެ ބޭނުމުގައި ކިތަންމެ ބޮޑު ހޭދައެއް ކޮށްގެން ވެސް ޓިއުޝަންތަކަށް ފޮނުވުމަކީ ގިނަ ބެލެނިވެރިންގެ އާދައެކެވެ. މި ރިޕޯޓަށް ވާހަކަދެއްކި ބައެއް ބެލެނިވެރިން އެ މީހުންގެ ދަރިންނަށް ޓިއުޝަން ދިނުމަށް މަހަކު 10،000 އެއްހައި ރުފިޔާ އެބަ ހޭދަ ކުރެއެވެ. ޓިއުޝަން ދީގެން ޓީޗަރުން ހޯދާ ބޮޑު އާމްދަނީން މިކަމަށް ޑިމާންޑް އޮތްމިންވަރު ސާފުވެއެވެ.
"ހަގީގަތުގައި ހަމަ ދެރަވޭ ކުދިން އުޅޭ ހާލުން. ބައެއް ބެލެނިވެރިން ހާދަ ޕްރެޝަރެކޭ އެ ދެނީ. ހީވަނީ ޕްރައިމަރީ ކުދިން ވެސް އޯލަވެލްއަށް ތައްޔާރު ކުރާހެން. ހެޔޮ ނުވާނެ އެހެން ހަދަން," ތައުލީމީ ދާއިރާގައި 10 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ, މާލޭ ސްކޫލެއްގެ ޓީޗަރަކު ބުންޏެވެ.
"ކެންގަރޫ ކިޑްސް" ޕްރީ ސްކޫލު ދަރިވަރުންތަކަކާއެކު ފްރީ ސްކޫލު ޓީޗަރެއް-- ސަން ފޮޓޯ/ ހުސައިން ހަސަން
ޓީޗަރުންނާއި ތައުލީމީ ދާއިރާގެ ތަޖުރިބާކާރުންގެ ވާހަކައިން އެނގުނީ ޕްރީ ސްކޫލު ކުދިންނުން ފެށިގެން އޯލަވެލްއާއި އޭލަވަލްގައި ކިޔަވާ ދަރިވަރުންނަށް ވެސް ބެލެނިވެރިންގެ ފަރާތުން ވަރަށް ޕްރެޝަރު ދެމުން އަންނަ ކަމެވެ. މިއީ ގަސްތުގައި ނޫނަސް ހެދޭ ގޯހެއް ކަމަށް އެ ތަޖުރިބާ ކާރުން ބުނެއެވެ.
މިކަމުގެ ނަތީޖާ އަކީ ކޮބާ؟
ބައެއް ތައުލީމީ ދިރާސާތަކުން ދައްކާ ގޮތުގައި ކިޔެވުމަށް ހޭދަކުރާ ގަޑި މާ ބޮޑަށް އިތުރުވުމަކީ އޭގެން ފައިދާ ވުމަށް ވުރެ ގެއްލުން ބޮޑު ވެދާނެ ކަމެކެވެ. ސްކޫލު ވަގުތުގެ އިތުރުން ޕްރައިމަރީ ސްކޫލު ކުދިން ދުވާލަކު 1-2 ގަޑިއިރަށް ވުރެ ގިނަ ވަގުތު ކިޔަވަން ދަތިވާއިރު މިޑޮލް އަދި ހައި ސްކޫލުގެ ދަރިވަރުންނަށް ހޯމްވޯކް ހިމެނޭގޮތަށް 3-4 ގަޑިއިރަށް ވުރެ އިތުރުނުވާ ގޮތަށް ކިޔެވުމުގައި ވަގުތު ހޭދަކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ތައުލީމީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ދެކެއެވެ.
ދަ ލެންސެޓް ޗައިލްޑް އެންޑް އެޑޮލެސެންޓް ހެލްތްގެ ދިރާސާއެއްގައި ބުނެފައިވާގޮތުގައި ކުޑަކުދިންނަށް ވެސް ރަނގަޅު ފޯކަސް ކުރެވި, ނަފުސާނީދުޅަހެޔޮކަން ރަނގަޅު ކުރެވޭނީ, ބޭނުންވާ ވަރަށް ނިދުމާއި ޖިސްމާނީ ހަރަކާތާއި އަރާމު ލިބުމުންނެވެ. ޓިއުޝަނާ އެކު ކުއްޖާގެ ޝެޑިއުލް އޯވަލޯޑް ކުރުމުންސްޓްރެސް ބޮޑުވެ, ބާންއައުޓް އަދި އެކަޑަމިކް އެންގޭޖްމަންޓް ދަށްވާ ކަމަށް އެ ދިރާސާއިން ދައްކައެވެ.
"ހެނދުނުން ފެށިގެން ރޭގަނޑާ ހަމައަށް ކުދިން އަބަދުވެސް ކްލާސްތަކުގައި ބިޒީވާއިރު އެ ކުދިންގެ ނަފުސާނީ ދުޅަހެޔޮކަމަށް ގެއްލުންވުމުގެ ފުރުސަތު އެބައޮތް. އަމާޒަކަށް ވާންޖެހޭނީ ބެލެންސްޑް ލާނިންއެއް ގެންގުޅުން، ބާންއައުޓެއް ނޫން،" ދިވެހި ސައިކޮލޮޖިސްޓެއް ވިދާޅުވިއެވެ.
ކުއްޖާގެ އަމިއްލަ ނަފުސަށް ވަގުތު ނުދެވި, ބެލެނިވެރިންގެ ތާވަލަށް ކުއްޖާ ބޮޑު ކުރަމުންދާއިރު މިކަމުގެ ސަބަބުން މުސްތަގުބަލުގައި ކުއްޖާއަށް ކުރާނެ އަސަރުތައް ބޮޑުވާނެ ކަމަށް ނަފުސާނީ ދާއިރާގެ މާހިރުން ބުނެއެވެ.
"ބޮޑެތި މީހުންނަށް ވެސް ސްޓްރެސް ހޭންޑަލް ކުރަން ނޭނގޭ. ދެން ވިސްނާ ކުޑަކުދިން. ކުޑަކުޑައިރު ވެސް އެހާ ބިޒީ. އެ ކުދިންނަށް އެ ކުދިންގެ ހިޔާލުތަކާމެދު ފިކުރު ކޮށްލަން ވަގުތެއް ނުދޭ. އެ ކުދިންގެ ކޮންމެ ސިކުންތެއް ވެސް މި އޮންނަނީ ޕްލޭންކޮށްފައި ރާވާފައި. ނަތީޖާއަކީ އަސްލު ދުނިޔެއަށް އެ ކުދިންގެ ލޯ ނުހުޅުވުން. ލައިފް ސްކިލް ދަސްނުވުން. ގިނަ ކުދިންނަށް ނޭނގޭ ކޮމިނިއުކޭޓް ކުރާކަށް. އިމޯޝަންސް ރެގިއުލޭޓް ކުރާކަށް. އަމިއްލައަށް ވިސްނާކަށް," އިތުރު ސައިކޮލޮޖިސްޓެއް ވިދާޅުވިއެވެ.

ތައުލީމީ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވިގޮތުގައި ފަސް އަހަރުން ދަށުގެ ކުދިންނަށް އެންމެ ރަނގަޅު ގޮތަކީ ގިނަ ވަގުތު ކުޅުމުގައި ވަގުތު ހޭދަ ކުރުމުގެ ފުރުސަތު ދިނުމެވެ.
"ތިން އަހަރާއި ފަސް އަހަރާ ދޭތެރޭގެ ކުދިންގެ ސިކުނޑި ދާނީ ވަރަށް ހަލުވި މިނެއްގައި ޑިވެލޮޕްވަމުން. އެ ކުދިންނަށް އެންމެ ރަނގަޅަށް ކަންކަން ދަސްވާނީ ކުޅުމާއި އެކްސްޕްލޮރޭޝަން އާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން. މި އުމުރު ފުރައިގެ ކުދިންނަށް ޓިއުޝަންއާއި އެހެނިހެން އެކަޑެމިޓް ޑްރިލްސް ފަދަ ސްޓްރެކްޗާޑް އެކްޓިވިޓީސް އެހާ ރަނގަޅެއް ނޫން," އައިޝަތު ވިދާޅުވިއެވެ.
"ޗައިލްޑް ސައިކޮލޮޖިސްޓުން ބުނާ ގޮތުގައި މި އުމުރު ފުރައިގެ ކުދިން ހޭލާ ތިބޭ ވަގުތުގެ 60 އާއި 70 ޕަސެންޓް ހޭދަވާން ވާނީ ކުޅުމުގެ ތެރޭ. އަދި، 20 ނުވަތަ 30 ޕަސެންޓް ކިޔެވުމުގެ ކަންކަމުގައި ގެންގުޅެވިދާނެ. އެ އުމުރު ފުރާއަށް ޓިއުޝަން ދިނުން ރަނގަޅެއް ނޫން،"
އިލްމީ ކާމިޔާބީގެ އަގު ވަޒަންކުރާ މުޖުތަމައެއްގައި މައިންބަފައިން ދަރިންނަށް އެންމެ ރަނގަޅު ގޮތް އެދުމަކީ ކަން ހިނގާނެ ގޮތެވެ. އެކަމަކު، ކިޔެވުމުގެ ޝެޑިއުލްތައް މާ ބޮޑަށް ބާރު ބޮޑުވުމަކީ އޭގެ ސަބަބުން މައްސަލަތައް ކުރިމަތި ވެދާނެ ކަމެކެވެ. ދިރާސާތަކުން ވަރަށް ސާފުކޮށް އެނގޭ ގޮތުގައި ކުދިންނަށް ކަންކަން އެންމެ ރަނގަޅަށް ދަސްވާނީ, އެ ކުދިންގެ ސިކުނޑިއަށް އަރާމުކޮށް، ހަށިގަނޑު ހަރަކާތްތެރިވެ، އެ ކުދިންގެ އިހުސާސްތަކަށް އެއްބާރުލުން ދިނުމުންނެވެ. ސްކޫލާއި ޓިއުޝަން އަދި ހުސްވަގުތުގެ މެދުގައި ރަނގަޅު ބެލެންސެއް ހޯދުމަކީ އިހުތިޔާރީ ކަމެއް ނޫންނެވެ. އެއީ، ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ފެންވަރު ރަނގަޅު ތައުލީމަށް އަހަންމިއްޔަތުކަން ދެމުން ގެންދާއިރު، ކުދިންގެ ދުޅަހެޔޮކަން ހިމާޔަތްކޮށް، އުނގެނުމަކީ އުފާވެރި، މާނަހުރި ތަޖުރިބާއެއްގެ ގޮތުގައި ދެމިއޮތުމަކީ ވެސް ހަމަ އެހާމެ މުހިންމު ކަމެކެވެ.