އުމުރުން 21 އަހަރުގެ ޒުވާން އަންހެނެއް ކަމަށްވާ، ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގައި، އެ އޭނާއަށް އިންސާފު ހޯދައިދޭން ގޮވައިލައި މިރޭ ވެސް ހެންވޭރު ޕޮލިސް ސްޓޭޝަން ދޮށަށް ޒުވާނުން އެއްވެ އިހުތިޖާޖުކޮށްފިއެވެ.
ރޭ ވެސް ގިނަ ބަޔަކު އެއްވިއިރު، މިރޭގެ އިހުތިޖާޖުގައި ވެސް ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ. ނަމަވެސް ބައިވެރިންނަށް ޕޮލިސް ސްޓޭޝަން ދޮށަށް ކައިރި ނުވެވޭހެން ބެރިކޭޑު އޮތީ ޖަހައިފައެވެ. އެހެންވެ ބައިވެރިން ތިބީ ބެރިކޭޑު ކުރިމަތީ އިށީނދެގެންނެވެ.

24 އެޕްރީލް 2025: ވެއްޓުނު 21 އަހަރުގެ އަންހެން ކުއްޖާއާ މެދު ވީ ގޮތް ސާފުކޮށްދީ އިންސާފު ހޯދަން ގޮވައިލަން ޒުވާނުން އިހުތިޖާޖުކުރަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް
އިހުތިޖާޖުގައި ބައިވެރިވި މީހުން ވަނީ މި މައްސަލައިގައި ނުފޫޒު ގަދަ، ސަރުކާރަށް ނިސްބަތްވާ ބޭފުޅުންގެ އާއިލީ މީހުން ތިބީތީ، ފުލުހުން ގިނަ ކަންތައްތަކެއް ސިއްރުކޮށް އިހުމާލުވަމުން އަންނަކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.
އަދި ފުލުހުން ހަދަނީ ދޮގުކަމަށާއި އިތުބާރު ނުކުރާކަމަށް ވެސް ޒުވާނުން އައީ ގޮވައިލަމުންނެވެ.
މީގެ އިތުރުން އެ ޒުވާނުން ވަނީ މި އިހުތިޖާޖަކީ ސިޔާސީ ބޭނުމަކު ނޫން ކަމަށާއި މިއީ އިންސާނިއްޔަތަށް ޓަކައި ކުރާ ކަމެއް ކަމަށް އެ ޒުވާނުން ބުންޏެވެ.
ޔުމްނު ވެއްޓުނު މައްސަލައިގެ މައުލޫމާތު ދޭން ފުލުހުން ފުރަތަމަ ބޭއްވީ ސިއްރު ނޫސްވެރިންގެ ބައްދަލުވުމެކެވެ.
އެ ބައްދަލުވުމުގައި މައުލޫމާތު ދިންއިރު، ޔުމްނު ފިޔަވައި އެ މައްސަލައިގައި ހިމެނޭ ހަތް މީހުންގެ ވަނަވަރު ވެސް ހާމައެއް ނުކުރިއެވެ.
އެކަމާ ރައްޔިތުން ރައްޔިތުން ނުރުހުންވެ، ޕްރެޝަރު ކުރަން ފެށުމާއެކު މިއަދު ހެނދުނު އިތުރު ޕްރެސްއެއް ބާއްވައި، ހާދިސާގެ ސީސީޓީވީ ފުޓޭޖާއި، މައްސަލައިގައި ހިމެނޭ ހަތް މީހުންގެ ވަނަވަރު ވެސް އާންމުކުރިއެވެ.
އެއާއެކު މިރޭ ވަނީ ހާދިސާ ހިނގި ވަގުތު ހުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލް ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައެވެ.
މި މައްސަލައިގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނަށް ބޮޑުބޭބެ ވިދާޅުވާ ދެ ފިރިހެނަކު ހިމެނެއެވެ. އަދި ފުލުހުން މި މައްސަލައިގައި އަމަލުކުރީ އެހެންޏާ އަމަލު ކުރާ އުސޫލުން ބޭރުން ކަމަށް ބުނެ، ފުލުހުންނަށާއި އަމީނަށް ވެސް ވަނީ ތުހުމަތުތަކެއް އަމާޒުވެފައެވެ.