"ނޫސްތަކަށް އަރަނީ ކޮރަޕްޝަންގެ ކުޑަކުޑަ މިންވަރެއް. ކޮންމެ މީހަކު ވެސް ބުނާނެ ޔުނީފޯމްގެ ހައްގުގައޭ. ގައުމީ ޚިދުމަތުގައި މިވެނި ދުވަހެކޭ. އެކަމަކު، އެ މީހުން ހިންގަނީ ކޮރަޕްޝަނާއި ވައްކަން. ޕޮލްކޯގައި ވެސް އަދި ފޮރުވިފައި މާ ގިނަ ކަންކަން އެބަހުރި. އަހަރެން ލަދުގަންނަނީ މި ޔުނީފޯމް އަޅައިގެން މި ވާހަކަދައްކަން ވެސް. މިތާ މިހާ ދުވަސްވީމާ މިހާރަކު ކުރިން އޮތް ލޯތްބެއް މި ޔުނީފޯމަކަށް ނެތް،" ފުލުސް ޔުނީފޯމްގައި 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި، އަދިވެސް އެ ޚިދުމަތުގައި ދެމިހުންނެވި ބޭފުޅަކު އޮތް ގާތްކަމެއްގައި ވާހަކަދައްކަމުން ވިދާޅުވިއެވެ.
އެ ބޭފުޅުންނަށް އެއީ އާންމު އުސޫލުން ދެއްކޭނެ ވާހަކައެއް ނޫނެވެ. އަމުދުން ފާޅުގައި ކުރަން އުނދަގޫވާނެ ހަނގުރާމައެކެވެ. ފޮރުވިފައި ހުރި ގިނަ ކަންކަމުގެ ނިވަލުގައި ތިއްބަވަނީ އެ ބޭފުޅުންގެ 'ސަރ'އިންނެވެ. ޔުނީފޯމްގެ އަގާއި، ތެދުވެރިކަމުގެ އިނާމާއި، އޮފިސަރެއްގެ އަހުލާގު ދަސްކޮށްދެއްވި ބޭފުޅުންނެވެ.
"ޔުނީފޯމް އެޅި ބައެއް މުއައްސަސާތަކުގައި އެއް އޮފިސަރަކު އަނެއް އޮފިސަރަށް އެންގީމާ، ޔެސް ސަރ ކިޔާފައި ކުރާ ގޮތް މި އޮންނަނީ،" މާލިއްޔަތު ކޮމިޓީގައި އޭޕްރީލް މަހު މި ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވެސް ވިދާޅުވީ އެ ވާހަކައެވެ.
އާންމު މީހަކު ކުށެއް ކުރުމާއި ޔުނީފޯމް އެޅި ފުލުހަކު ނުވަތަ ސިފައިންގެ މީހަކު ކުށެއް ކުރުން ހާސްބައި ތަފާތުވާނެއެވެ. އެއީ، އެ މީހުންނަށް އޮތް ގަދަރާއި އިހުތިރާމެއްގެ ބޮޑުކަމުންނެވެ. އެ މީހުންގެ ބަނިޔާދަންކަމުންނެވެ. އެއީ، ގައުމުގެ ދިފާއީ ބާރުތަކެވެ. ސަލާމަތީ ޚިދުމަތްތަކެވެ. ގާނޫނާއި ގާނޫނުގެ ވެރިކަން ދަމަހައްޓަން ﷲގަންދީ ހުވާކޮށްގެން ތިއްބެވި އޮފިސަރުންނެވެ. އެ މީހުން ވައްކަން ކުރީމާ ލިބޭ އަދަބު ވެސް ބޮޑުވާނެއެވެ. ގެއްލުން މުޅި މުއައްސަސާއަށް ކުރާނެއެވެ.

ފުލުހުންނާއި ސިފައިން: ދެ ބައި މީހުންގެ ކުންފުންޏަށް ވެސް ކޮރަޕްޝަންގެ ތުހުމަތުވޭ --- ފޮޓޯ/ ރައީސް އޮފީސް
އެކަމަކު، މި ފަހުން އަޑުއިވުނީ ދަތި ވާހަކަތަކެކެވެ. ސިފައިންގެ ވެލްފެއާ ކޯޕަރޭޝަން (ސިވެކް)އަށް ތުހުމަތުވާ ކޮރަޕްޝަންގެ ވާހަކައެވެ. އޭގެ ދުވަސްކޮޅެއް ކުރިން އޮތީ ބްލޫ ހައުސިން މަޝްރޫއުގައި ފުލުހުންގެ ވެލްފެއާ ކޯޕަރޭޝަން (ޕޮލްކޯ)އިން ހިންގި ކަމަށް ތުހުމަތުވާ ބިޔަ ޚިޔާނާތުގެ ވާހަކައެވެ.
"އަޅުގަނޑު ހަމަ ބުނާނެ އެއްޗެއް ނޭނގިފައި މި ހުންނަނީ. ގައުމުގެ ދިފާއީ ބާރުތަކުން، އަޅުގަނޑުމެން އެ ބަޔަކަށް އިތުބާރުކޮށްގެން ރޭގަނޑު ނިދާއިރު އަޅުގަނޑުމެން ރައްކާތެރިކޮށްދޭން ތިބި މީހުން ޔުނީފޯމް އަޅައިގެން މި ހިންގަނީ ބޮޑެތި ކޮރަޕްޝަން. ކޮން ޔަގީންކަމެއްތޯ ދެން އޮންނާނީ؟" ދައުލަތުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު ފާޅުކުރެއްވި ކަންބޮޑުވުމެކެވެ.
ކިޔަވައިގެން، ތެދުވެރިކަމާ އެކު، ގައުމު ދެކެ ނުހަނު ލޯބިން ޚިދުމަތްކުރައްވާ ބޭފުޅުންނަށް އެ ވާހަކަ އަޑުއަހަން އުނދަގޫވާނެއެވެ.
ވެލްފެއާގެ ނަމުގައި ވިޔަފާރި: އަޑީގައި ކޮރަޕްޝަން
ތާރީޚުގެ ސަފުހާތަކުން އެނގޭ ގޮތުގައި 1950ގެ ކުރިން ފެށިގެން ސިފައިންގޭގައި ވިޔަފާރިކުރިއެވެ. އޭރު އެކަން ކުރީ ޑިއުޓީގައި ތިއްބަވާ ސިފައިންނަށް ޒަރޫރީ ބައެއް ތަކެއްޗާއި ސިނގިރޭޓު ހޯދަން ދާން އުނދަގޫވީމައެވެ. އެކަން ރަސްމީ ކުރެއްވީ 1960ގެ ތެރޭގައި 'ސިފައިންގެ އެކުވެރި ކުންފުނި' އުފައްދަވައިގެން އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރެވެ. އެ ކުންފުނީގެ ޗެއާމަންކަން ވެސް ކުރެއްވީ ބޮޑުވަޒީރެވެ. ފަހުން، ސިފްކޯ އުފެއްދީއެވެ. އަދި، ސެޕްޓެންބަރު 2012 ގައި ސިވެކްގެ ނަމުގައި ކުންފުންޏެއް އުފެއްދީއެވެ. ސިވެކްގައި ސަރުކާރުގެ 10 އިންސައްތަ ހިއްސާ އޮވެއެވެ. ބާކީއަކީ ސިފްކޯގެ ހިއްސާއެވެ. އެ ތަންތަން އުފެއްދި ބޭނުމަކީ ސިފައިންނަށް ބޭނުންވާ ކަންކަމުގައި އެހީވުމެވެ. ވެލްފެއާގެ ކަންކަން ބެލެހެއްޓުމެވެ. ބޯހިޔާވަހިކަމާއި ޒަރޫރީ ކަންކަން ފަސޭހަކުރުމެވެ.

ސިފައިންތަކެއް: ސިފްކޯއިން ވިޔަފާރިކުރޭ -- ސަން ފޮޓޯ/މުހައްމަދު ހައްޔާން
ސިފައިންގެ ރަސްމީ ވެބްސައިޓުގައި ބުނާ ގޮތުން ސިފްކޯގެ ދެބައިކުޅައެއްބައި އާމްދަނީ ހޯދަނީ ރީޓެއިލް ވިޔަފާރިންނެވެ. އެ މީހުންގެ 13 އައުޓްލެޓެއް ހުންނައިރު އަށް ތަނެއް ހުންނަނީ މާލޭގައެވެ. ފަސް ތަނެއް ސިފައިންގެ މަރުކަޒުތަކުގައެވެ. އޭގެ އިތުރުން ވެސް ކޭޓަރިންއާއި ހަވާއަރުވައިގެން ވެސް ބޮޑު އާމްދަނީއެއް ހޯދައެވެ. ސިފައިންގެ ފުލެޓުތަކާ އެކު ކޮންމެ ވެސް ސިފައެއްގައި ރިއަލް އެސްޓޭޓް ވިޔަފާރިއަށް ވެސް އޮތީ ވަދެވިފައެވެ.
ސިފައިންގެ ފިޔަފަވަޅުގެ ދަށުން ފުލުހުން ވެސް ވެލްފެއާ ކުންފުންޏެއް ގޮތުގައި ޕޮލްކޯ އުފެއްދީ 2012 ގައެވެ. އެ މީހުން ވެސް އެއް ބޭނުމެއްގައި، އެއް ނިޔަތެއްގައެވެ. ފުލުހުންގެ ހައުސިން މަޝްރޫއާއި އެ މީހުންގެ ކޭޓަރިންއާއި އެ ނޫން ވެސް ވިޔަފާރިތައް އެ މީހުން ވެސް ކުރެއެވެ.
އެކަމަކު، އެ ތަންތަން ރަނގަޅަށް ބެލިފައެއް ނުހުރެއެވެ. އޮޑިޓެއް ނުކުރެވެއެވެ. ގައުމީ ސަލާމަތުގެ ނިވަލުގައި އެ ތަންތަން ހިންގަނީ އަޑީގައެވެ. އަތްނުފޯރާ ހިސާބުގައެވެ. އެހެންވިޔަސް އެ މީހުންގެ ހިންގި މަޝްރޫއުތަކުން ފެންނަން އޮތީ ކޮރަޕްޝަނާއި ޚިޔާނާތުގެ ޝައްކުތަކެވެ. ބޮޑެތި ގޯސްތަކެވެ.
މަޝްރޫއުތަކުގެ ނިވަލުގައި ބޮޑެތި ޚިޔާނާތް؟
އެންމެ ފުރަތަމަ މި އަޑުއެރީ 2018 ވަނަ އަހަރު އައިޖީއެމްއެޗްގެ ރެސްޕިރޭޓަރީ ޑިޕާޓްމަންޓް ހަދަން ސިފައިންގެ ކުންފުނި ސިވެކާ ހަވާލުކުރިއިރެވެ. އެ މަޝްރޫއުގެ އޮޑިޓް ރިޕޯޓު އައީ 2021ގެ ކުރީކޮޅެވެ. އެ ރިޕޯޓުގައި ގިނަ ގޯސްތަކެއް ފާހަގަކޮށްފައި ހުއްޓެވެ. މަޝްރޫއު ހިންގާފައި އޮތީ ހިންގާންވާނެ ގޮތަކަށް ނޫނެވެ. ވަށައިގެން ދުވަނީ ކޮރަޕްޝަނާއި ވައްކަމުގެ ނުބައި ވަހެވެ. ޔުނީފޯމްތަކުންނެވެ.
އެ ރިޕޯޓުގައި ފާހަގަކުރި ބައެއް ކަންކަން:
- ފިނޭންސުން ހުއްދަ ދިން އަގަށްވުރެ 1.2 ބިލިއަން ބޮޑުކޮށް މަސައްކަތްކުރުވި
- އެ ތަނަށް ހޯދި ސާމާނަކީ ޚިދުމަތަށް އެކަށިގެންވާ ތަކެތިކަން ޔަގީނެއް ނޫން
- 25.3 މިލިއަންގެ މެޝިނަރީއާއި އިކުއިޕްމަންޓް ހޯދިއިރު ހަތަރު މިލިއަން ރުފިޔާގެ ތަކެތި މަދުވުމުން ބޭނުންނުކުރެވި ގިނަ ދުވަސްވި
- މެޑިކަލް އިކުއިޕްމަންޓް ގަންނަން ސިވެކްއާ ހަވާލުކުރީ ވެސް އުސޫލުން ބޭރުން
- ސިވެކްއާ ހަވާލުކުރުމުން 2.6 މިލިއަން ރުފިޔާގެ ގެއްލުންވި
- ޖުމުލަ 38 މިލިއަން ރުފިޔާ ސިވެކަށް ދެއްކިއިރު 2.3 މިލިއަން ރުފިޔާގެ ތަކެތި ލިބުނުކަން ޔަގީނެއް ނޫން
އެއީ އަދި ކުޑަމިންވަރެކެވެ. އެ ކަމުގެ މައްޗަށް ލޯމަރާލައިގެން ތިއްބާ އަނެއްކާ ވެސް އަޑުއިވުނީ އެއަށް ވުރެ މާ ބޮޑު، މާ ހިތާމަވެރި ވާހަކައެކެވެ. އެތައް އަހަރެއް ވަންދެން ދިގުދެމިގެންދިޔަ ފުލުހުންގެ 'ބްލޫ ހައުސިން' މަޝްރޫއުގައި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި އޮތް ބޮޑު ޚިޔާނާތެކެވެ. މި ފަހަރު ފުލުހުންގެ ނޫ ޔުނީފޯމް އަޅައިގެން ތިބެ 354 މިލިއަން ރުފިޔާގެ ޚިޔާނާތް ހިންގިކަމުގެ ތުހުމަތެވެ.

ފުލުހެއްގެ ޔުނީފޯމުގައި އެ މުއައްސަސާގެ ލޯގޯ: ޕޮލްކޯއަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ މައްސަލައިގެ ތެރެއިން ފާހަގަވި އަނެއް ކަމަކީ ފުލުހުންނަށް ކާންދޭން ބަޔަކާ ހަވާލުކުރީ ވެސް ހުއްދަ ދީފައި އޮތް މުއްދަތަށްވުރެ އިތުރު ފަސް އަހަރަށެވެ. ކަނޑައެޅިގެން އުސޫލުތަކުގެ ބޭރުންނެވެ.
ޕޮލްކޯ ފުލެޓުތަކުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކުރި ކަންކަން:
- ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން 354.7 މިލިއަން ރުފިޔާގެ ގެއްލުންވި
- ނޫމަޑި ކުންފުނީގެ ވަކި މީހަކަށް ފައިދާވާ ގޮތަށް މަޝްރޫއު ހިންގިކަމުގެ ތުހުމަތު
- ނޫމަޑީގެ ރެޕްރެޒެންޓޭޓިވްއަށް އެކިއެކި ގޮތްގޮތުން 682 މިލިއަން ރުފިޔާ ދެއްކި
- މަޝްރޫއަށް ގެނައި ވެހިކަލްތަކަށް ވީނުވީއެއް ނޭނގޭ
ޕޮލްކޯގެ ޚިޔާނާތުގެ ތުހުމަތުވާ ބައެއް ބޭފުޅުން އަދިވެސް ތިއްބެވީ ފުލުހުގެ އިސް މަގާމުތަކުގައެވެ. އެ ވާހަކަ މަޑުމަޑުން ދައްކާލަދައްކާލައި ތިއްބާ ދެން އިވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ކުރިން ޚިޔާނާތެއް ހިންގިކަމުގެ ތުހުމަތެވެ. އެ މަނިކުފާނު ހުވާކުރެއްވި ރަސްމިއްޔާތުގެ ކަންކަން ހަވާލުކުރީ ސިވެކްއާއެވެ. ޖުމުލަ 23 މިލިއަން ރުފިޔާގެ އެ މަޝްރޫއު ސިވެކުން ދިނީ ސަރުކާރުގައި ނުފޫޒު ގަދަ، ރައްޔިތުންގެ މަޖިލީހުގައި އަޑުގަދަ، ޕީއެންސީގައި ބާރުގަދަ މެންބަރު އިބްރާހިމް ޝުޖާއު (ޝުޖާ)އާ ގުޅުން އޮންނަ ކުންފުނިތަކަކާއެވެ.
އެ މައްސަލަ ބަޔަކު ބެލީއެއް ނޫނެވެ. މަރުކަޒީ ބޭންކް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ރިޕޯޓެއް ލީކުކޮށްލީއެވެ. މައްސަލަ ބޮޑުވުމުން ފުލުހާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އެބަ ބަލަމޭ، އަހަރުވެއްޖޭ ބަލާތާ ބުންޏެވެ. އެކަމަކު، އެ މައްސަލައިގައި ޝުޖާއާ ސުވާލެއް ވެސް ކޮށްނުލާކަން ފާޅުގައި އެނގެން އެބައޮތެވެ.
އެފްއައިޔޫގެ ރިޕޯޓުގައި ފާހަގަކުރި ބައެއް ކަންކަން:
- ސިވެކްއިން 23 މިލިއަން ރުފިޔާގެ ތެރެއިން 19 މިލިއަން ދިނީ ޝުޖާއާ ގުޅުން އޮންނަ ތިން ކުންފުންޏަކަށް
- އެ ފައިސާގެ ތެރެއިން އަށް މިލިއަން ޝުޖާ ޚަރަދުކުރީ ޖުމުލަ 20 މިލިއަންގެ އަގުހުރި ދެ އެޕާޓްމަންޓް ގަންނަން
- ސިވެކްއިން ފައިސާ ޖަމާކުރި ތިން ކުންފުނި ވެސް ގުޅެނީ ޝުޖާއާ
- އިންތިޚާބީ ރައީސްގެ އޮފީހުގެ ފަރާތުން ޝުޖާ އެ ކަމުގައި އިސްކޮށް އުޅުނު
- ރިޕޯޓް ބުނާގޮތުން ނުފޫޒުން ކުރި ކަމެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް
ސަލާމަތީ ޚިދުމަތްތަކުން ވިޔަފާރިކުރުން، ގޯހެއް
އެކި ގައުމުތަކުގައި އެކި ވަރަށް އެކި ވަރުގެ ވިޔަފާރި ސަލާމަތީ ޚިދުމަތްތަކުން ކުރެއެވެ. އެކަމަކު، ތަހުޒީބު ގިނަ ގައުމުތަކުގައި އެކަން އޮންނަނީ މަނާކޮށްފައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ސަލާމަތީ ޚިދުމަތްތަކުން ވިޔަފާރިކުރަން ދޫކޮށްލައިގެން ތިބި ގިނަ ގައުމުތަކަށް ލިބުނީ ހިތި ނަތީޖާއެކެވެ. އޭގެ އެއް މިސާލަކީ ޕާކިސްތާނެވެ. އެ މީހުންގެ ގިނަ ވިޔަފާރިތަކެއް ސިފައިން ކޮންޓްރޯލްކުރެއެވެ.
އޭގެ ނަތީޖާއަކީ އަމިއްލަ ވިޔަފާރިތައް ހީނަރުވުމެވެ. އިގުތިސާދު ބަލިކަށިވުމެވެ. ސަރުކާރުގެ ބާރު ދެރަވެ، ސިފައިންގެ ބާރު ގަދަވުމެވެ. ޑިމޮކްރަސީ ހީނަރުވުމެވެ. ކޮރަޕްޝަނާއި ވައްކަމަށް ފަސްއަޅައި ފޮރުވަނީއެވެ. ޕާކިސްތާނު އެކަންޏެއް ނޫނެވެ. މިސްރު ފަދަ ގައުމުތަކުން ވެސް އެ 'ބޮނޑި' ބޮއުނެވެ.

ފުލުހުންނާއި ސިފައިން: އެއީ ގައުމު ދިފާއުކުރުމުގެ ވާޖިބު އަދާކުރަން ﷲ ގަންދީ ހުވާކޮށްގެން ތިބި ފައުޖު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
އެ ލެވެލްއަށް ނުދިޔަސް ރާއްޖެއަށް މިއީ ރަތުގެ އިންޒާރެކެވެ.
ސިފައިންނާއި ފުލުހުންގެ ވެލްފެއާގެ ކަންކަން ބަލަހައްޓަންވާނީ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށެވެ. ދެފުށް ފެންނަހެންނެވެ. އެއީ ފޮރުވަންޖެހޭ ކަމެއް ނޫނެވެ. ފޮރުވީމާ ހުޅުވެނީ ކޮރަޕްޝަނަށް ދޮރުތަކެވެ. ތަހުޒީބީ ގައުމުތަކުގައި އެކަން ކުރާ ގޮތަކީ އެއީއެވެ. ސަލާމަތީ ޚިދުމަތްތަކުން ވިޔަފާރިކުރާކަށް ނުޖެހެއެވެ. ގައުމީ ސަލާމަތާ ހެދި އެހެން ބަޔަކަށް ނުދެވޭނެ ކަމެއްވިޔަސް އެކަން ކުރަންވާނީ ރަނގަޅަށް ބަލައި، އޮޑިޓްކޮށްގެންނެވެ.
އެމެރިކާގައި ވެސް ސަލާމަތީ ޚިދުމަތްތަކުން އަމިއްލަ ވިޔަފާރިކުރުން އޮންނަނީ މަނާކޮށްފައެވެ. އިނގިރޭސިވިލާތުގައި ޔުނީފޯމަށް ކުރާ ޚަރަދު ވެސް ކުރަނީ ދެފުށް ފެންނަ ގޮތަށެވެ. އޮޑިޓް ވެސް ކުރެއެވެ. ޖަރުމަނު ފަދަ ގައުމުތަކުގައި ވެސް ސަލާމަތީ ޚިދުމަތްތަކަށް ޚަރަދުކުރަނީ ފިނޭންސްގެ ތެރެއިންނެވެ. ފާޑުފާޑު ކުންފުނި ހަދައިގެންނެއް ނޫނެވެ.
ޔުނީފޯމް އަޅައިގެން ޚިޔާނާތް ހިންގުމަކީ ލޯ މަރާލައިގެން ތިބެންވާނެ ކަމެއް ނޫނެވެ. އެއީ ރަތުގެ އިންޒާރެކެވެ. ޔުނީފޯމް އަޅައިގެން ވިޔަފާރިކުރުން ހުއްޓުވަން ޖެހެއެވެ. ހައްލަކީ އެއީއެވެ.