މިދިޔަ އަންގާރަ ދުވަހު ކަޝްމީރުގެ ޕަހަލްގަމްގައި ދިން ޓެރަރިސްޓު ހަމަލާ ކުށްވެރިކޮށް ޕާކިސްތާނު ބަތަލާ މާހިރާ ޚާން ލިޔުނު އިންސްޓަގްރާމް ޕޯސްޓު ފޮހެލައިފިއެވެ.
ޕާކިސްތާނުގެ އިތުރުން ބޮލީވުޑްގެ ފިލްމަކުން ވެސް ފެނިފައިވާ މާހިރާގެ ޕޯސްޓު ފޮހެލާފައި ވަނީ އެކަމާ ގުޅިގެން އިންޓަނެޓުގައި ގިނަ ބަޔަކު މާހިރާއަށް ފުރައްސާރަކޮށް ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބަތަލާގެ އަމިއްލަ އިންސްޓަގްރާމްގައި ލިޔުނު ޕޯސްޓުގައި ބުނެފައި ވަނީ، ދުނިޔޭގެ އެއްވެސް ތަނެއްގައި އެއްވެސް ސިފައެއްގައި ހިންގާ މިފަދަ ހަމަނުޖެހުންތަކަކީ ވަރަށް ފިނޑި އަމަލެއް ކަމަށެވެ.
ހަމައެއާއެކު ޕަހަލްގަމްގައި ދިން ޓެރަރިސްޓު ހަމަލާގައި މަރުވި މީހުންގެ އާއިލާއަށާއި އަނިޔާ ލިބުނު މީހުންނާއި އެމީހުންގެ އާއިލާތަކަށް މާހިރާގެ މެސެޖުގައި ވަނީ ތައުޒިޔާ ކިޔާފައެވެ.

ޕާކިސްތާނު ބަތަލާ މާހިރާ ޚާން ޕޯސްޓުކުރުމަށްފަހު ފަހުން ފޮހެލާފައިވާ ސޯޝަލް މީޑިއާ ޕޯސްޓް--ފޮޓޯ/ބޮލީވުޑްހަންގާމާ
ކަޝްމީރުގެ ޕަހަލްގަމްގައި ހަރަކާތްތެރިވި ފަތުރުވެރިންނަށް ދިން ހަމަލާ ކުށްވެރިކޮށް އަޑު އުފުލި ޕާކިސްތާނު ފިލްމީ ތަރިންގެ ތެރޭ ފަވާދު ޚާން، ހާނިއާ އާމިރު އަދި މާވްރާ ހޮސޭން ހިމެނޭއިރު މި ތަރިންނަކީ ބޮލީވުޑްގެ ފިލްމީ ތަރިންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ބޮލީވުޑްގައި މަސައްކަތްކޮށްފައިވާ ތަރިންނެވެ.
ނަމަވެސް މި ހަމަލާއާ ގުޅިގެން ދެ ޤައުމުގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެ ޕާކިސްތާނުގެ ފިލްމީ ތަރިންނަށް އިންޑިއާގައި މަސައްކަތް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އަޑު އުފުލަމުންނެވެ.
ޕާކިސްތާނުގެ އެކްޓަރު ފަވާދު ޚާން އަހަރުތަކަކަށް ފަހު ބޮލީވުޑަށް އެނބުރި އައުން ފާހަގަކުރާ ފިލްމު "އަބީރު ގުލާލް" އަންނަ މަހުގެ ނުވަ ވަނަ ދުވަހު ރިލީޒްކުރާނެކަން އިއުލާނުކޮށްފައި ވާއިރު މި ހަމަލާގެ ހިޔަނި އެ ފިލްމަށް ވެސް ވަނީ އެޅިފައެވެ.
ޕާކިސްތާނުގެ އެންމެ ކާމިޔާބު ބަތަލާ މާހިރާ ޚާންގެ ފުރަތަމަ ބޮލީވުޑް ފިލްމު "ރައީސް"އަށްފަހު ބަތަލާއަށް ބޮލީވުޑްއިން ފުރުސަތުތަކެއް ލިބުނު ނަމަވެސް 2016 ވަނަ އަހަރު ޕާކިސްތާނުގެ ޓެރަރިސްޓު ޖަމާޢަތަކުން އިންޑިއަން އާމީއަށް ދިން މަޝްހޫރު "އުރީ" ހަމަލާއަށްފަހު އިންޑިއާގައި މަސައްކަތް ކުރުމުގެ ފުރުސަތު މާހިރާއަށް ގެއްލުނެވެ.
މާހިރާއެކޭ އެއްގޮތަށް ޕާކިސްތާނުގެ ވަރަށް ގިނަ ފިލްމީ ތަރިންނަށް ވަނީ 2016ވަނަ އަހަރުން ފެށިގެން އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރުން މަނާކޮށްފައެވެ.