އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު، ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން އުފެއްދެވި ޚާއްސަ ކޮމިޝަނުގައި އަންހެނަކު ނެތުމުން ފާޑުކިޔަން ފަށައިފިއެވެ.
ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތައް ބެލުމަށް ރައީސް މުއިއްޒުވަނީ ޚާއްސަ ކޮމިޝަނެއް އުފައްދަވައިފައެވެ.
އެ ކޮމިޝަންގައި ތިއްބަވަނީ ޑރ. މުޙައްމަދު މުނައްވަރާއި، ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހްމަދު މުޙައްމަދާއި، ޑރ. މުހައްމަދު ހަބީބެވެ. ރައީސަކަށް ހަމަޖައްސާފައިވަނީ މުނައްވަރެވެ.
އެ ކޮމިޝަންގައި އަންހެނަކު ނެތުމުން އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔަމުންނެވެ.
މި ކަމާ ގުޅިގެން ކުރީގެ ފަސްޓް ލޭޑީ، ފަޒްނާ އަހުމަދު ސޯޝަލް މީޑިއާގައި ވިދާޅުވެފައިވަނީ، ޒުވާން އަންހެނަކަށް ވީ ކަމެއްގެ މައްސަލަ ބައްލަވާ ކޮމިޝަނުގައި އަންހެނަކު ނެތްތާ ޒުވާނެއް ވެސް ނެތް ކަމަށެވެ.
މީގެ އިތުރުން ކުރީގެ ހެރިޓޭޖް މިނިސްޓަރު، ޔުމްނާ މައުމޫން ވެސް ވަނީ، އަންހެނަކާ ގުޅޭ މި ފަދަ މައްސަލައެއް ބެލުމަށް އުފައްދާ ކޮމިޝަންތަކުގައި މިއިން ޒަމާނަކު ވެސް، އަންހެނަކު ނުހިމެނުއްވީ ކީއްވެގެންތޯ ސުވާލު އުފައްދަވައިފައެވެ.
ރައީސްގެ ގަރާރަކުން މި ޚާއްސަ ކޮމިޝަން އުފެއްދެވީ އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށެވެ. މި ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސް ކަނޑައެޅުއްވުމާ ހަމަޔަށް ކޮމިޝަން ދެމިއޮންނާނެ ކަމަށް ރައީސްގެ ގަރާރުގައި ވެއެވެ.
މި ހާދިސާއާ ގުޅިގެން ރައީސް ކުރިން ވިދާޅުވީ، މި ހިތާމަވެރި ހާދިސާގައި ޒިންމާވާން ޖެހޭނީ މީގެ އަހަރުތަކެއް ކުރިން "ބިރަކާ ނުލައި މަޖާކުރުން" ޕްރޮމޯޓު ކުރި މީހުން ކަމަށެވެ. އެއާއެކު މި މައްސަލަ ސިޔާސީ ކުރަނީ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ރައީސް މުއިއްޒަށް ފާޑުކިޔަމުންނެވެ.
ފުލުހުން ބުނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށެވެ. ނަމަވެސް، ފުލުހުުންގެ ތަހުގީގަށް އިތުބާރު ގެއްލިފައި ވާކަމަށް ބުނެ ގިނަ ޒުވާނުންތަކެއް ވަނީ ސިލްސިލާކޮށް މާލޭގައި މުޒާހަރާތަކެއް ފަށައިފައެވެ.
މި މުޒާހަރާތަކުގައި ސީޕީގެ މަގާމުގައި ހުންނެވި އަލީ ޝުޖާއުއާއި، ހޯމް މިނިސްޓަރު އަލީ އިހުސާނު އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އިސްތުފާ ދިއްވުމަށް ދަނީ ގޮވާލަމުންނެވެ.
މި އަޑުތައް ގަދަވެފައި ވަނިކޮށް، ސީޕީގެ މަގާމުން ޝުޖާއު ވަނީ ރޭގެ ވަގުތެއްގައި އިސްތިއުފާ ދެއްވާފައެވެ. އެއާއެކު އެކްޓިން ސީޕީއަކަށް ފަރުހާދު ފިކުރީ އައްޔަން ކުރިތާ ގަޑިއިރެއް ނުވެ، އޭނާގެ އަތުން މަގާމު ނަގައި، އެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ޑީސީޕީ) އިސްމާއީލް ނަވީން ވަނީ އައްޔަނުކޮށްފައެވެ.