ޒަވާޖީ ހަޔާތެއް ފެށުމުގެ ވިސްނުމެއް އަކްޝޭ ކަންނާގެ ނެތް

ބޮލީވުޑް އެކްޓަރު އަކްޝޭ ކަންނާ--ފޮޓޯ/އެމްއެސްއެން

ބޮލީވުޑްގެ ރީތި ލޯބީގެ ފިލްމުތައް ކަމަށްވާ "ދިލް ޗަހަތާ ހޭ" އަދި "ތާލް" ފަދަ ފިލްމުތަކުގައި މުހިއްމު ރޯލެއް ކުޅުނު އެކްޓަރު އަކްޝޭ ކަންނާ ޒަވާޖީ ހަޔާތެއް ފަށަން ނުވިސްނާ ކަމަށް ބުނެފިއެވެ.

ކުރިމަގުގައި ވެސް ކައިވެންޏެއްކޮށް ދަރިން ހޯދާ އާއިލާއެއް ބިނާކުރުމަކީ އެއްވެސް އިރެއްގައި އަކްޝޭ ކުރަން ބޭނުންވި އަދި އެކަމާ މެދު ނުވެސް ވިސްނާ ކަމެއް ކަމަށް ވަނީ ބުނެފައެވެ.

ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުގައި އަކްޝޭ ކަންނާ ބުނީ, އެއްވެސް އިރަކު ކައިވެނީގެ ގުޅުމާ މެދު ދެކޮޅު ނުހަދާ ކަމަށެވެ.

ޒަވާޖީ ހަޔާތެއް ފަށާނެ ބައިވެރިއެއް ހޯދާ އާއިލާއެއް ބިނާކުރުމަކީ ކޮންމެ މީހަކު ވެސް ދެކޭނެ ހުވަފެނެއް ކަމަށާއި ހަމައެކަނި ތަފާތަކީ އަކްޝޭ އެއް އިރެއްގައި ވެސް އެ ހުވަފެން ދެކެފައިނުވާކަން ކަމުގައި މި އިންޓަވިއުގައި ވަނީ ބުނެފައެވެ.

އަކްޝޭ ބައްޕަ އަދި ކުރީގެ އެކްޓަރު ވިނޯދު ކަންނާއާ އެކު--ފޮޓޯ/ފޭސްބުކް

އެހެންގޮތަކަށް ބުނާ ނަމަ އަކްޝޭއަކީ 'މެރިޖް މެޓީރިއަލް'އެއް ގޮތަށް ނުދެކޭ ކަމަށާއި އޭނާއަކީ އަބަދުވެސް އަމިއްލަ މިނިވަންކަމަށް ލޯބިކުރާ މީހެއް ކަމަށް އަކްޝޭ ވަނީ ބުނެފައެވެ.

ހަޔާތަށް ބައިވެރިއަކު އައިސް ދަރިން ލިބުމާ އެކު އެއީ ކޮނޑުގައި އެޅޭ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި ކައިވެންޏާ އެކު އަމިއްލަ ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ގުރުބާން ކުރަންޖެހޭ ފަހަރު ވެސް އަންނަ މަންޒަރު ގާތުން ފެނިފައިވާ ކަމަށް އަކްޝޭ ވަނީ ބުނެފައެވެ.

އެހެންކަމުން އަމިއްލަ ދިރިއުޅުމުގެ ކޮންޓްރޯލް އެހެން މީހަކަށްދީ އަކްޝޭގެ ދިރިއުޅުން އެހެން ބަޔަކާ އެކު ހިއްސާ ކުރުމަށް އެއްވެސް އިރަކު ބޭނުންނުވާ ކަމަށް ކުރީގެ އެކްޓަރު ވިނޯދު ކަންނާގެ ދަރިފުޅު ވަނީ ބުނެފައެވެ.

ފިލްމު އިންޑަސްޓްރީއަށް ތައާރަފުވުމަށް ފަހު ކެރިއަރުގައި މާ ބޮޑު ކާމިޔާބީއެއް ހޯދިފައިނުވާ އަކްޝޭ އެންމެ ފަހުން ފެނިފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރި ވިކީ ކޯޝަލް ލީޑް ރޯލް ކުޅެފައިވާ ފިލްމު "ޗާވާ"އިންނެވެ. ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި މި ފިލްމުގައި އަކްޝޭ ކުޅެފައިވަނީ ރަހުމް ކުޑަ ވިލެންއެއްގެ ރޯލެވެ.

comment ކޮމެންޓް