‏ކިޔުއާރް ކޯޑް: ޖަޕާނު އިންޖިނިއަރެއްގެ އީޖާދުން ދުނިޔެ ބަދަލުވި ގޮތް‏

ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައިވެސް މިއަދު ފެންނަ ކިޔު-އާރް ކޯޑަކީ ވިޔަފާރިތަކުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ބޭނުންކުރާ މުހިންމު ވަސީލަތަކެވެ. މިފަދަ ކޯޑްތައް ރެސްޓޯރަންޓްތަކުގެ މެނޫއިން ފެށިގެން އާދައިގެ ފިހާރަތަކުގައި ފައިސާދެއްކުމަށް ދާންދެން ބޭނުންކުރެވެއެވެ.

ނަވާރަސަތޭކަ ނުވަދިހަ ހަތަރުވަނަ އަހަރު ޖަޕާނުގެ މަޝްހޫރު ކުންފުންޏެއް ކަމުގައިވާ ޑެންސޯ ވޭވްގައި މަސައްކަތްކުރި މަސަހިރޯ ހަރާއަކީ މި ހިތްވަރުގަދަ އީޖާދުގެ ފަހަތުގައިވާ ސިކުނޑިއެވެ. ޓޮޔޯޓާ އޮޓޮމޮބައިލްގެ ސަބްސިޑިއަރީއެއްގައި މަސައްކަތްކުރަމުން ދިޔަ ހަރާއަށް މިވިސްނުން އައީ "ގޯ" ކިޔާ ބޯޑް ގޭމްގައި ހުރި ކަޅާއި ހުދުގެ ސްޓޯންތައް ތަރުތީބުކޮށްފައިވާ ގޮތުންނެވެ.

އެހިސާބުން ކުރީގެ ބާކޯޑްތަކުގައި ހުރި ލިމިޓޭޝަންތައް ހަރާއަށް ފާހަގަކުރެވުނެވެ. އެއްބައި ހަލާކުވެއްޖެނަމަ ސްކޭން ނުކުރެވުމާއި 20 އަކުރަށްވުރެ ގިނައިން ރައްކާނުކުރެވުމެވެ. ކިޔު-އާރް ކޯޑް މެދުވެރިކޮށް ހަރާއަށް މި މައްސަލަތައް ހައްލުކުރެވުނެވެ. މިހާރު 7,000 އަކުރާ ހަމައަށް ރައްކާކުރެވޭ، އަދި ބައެއް ހަލާކުވިޔަސް ސްކޭން ކުރެވޭ ކޯޑެއް އޭނާއަށް އީޖާދުކުރެވުނެވެ.

ޖަޕާންގެ މަޝްހޫރު ބާކޯޑް ކުންފުނި "ޑެންސޯ ވޭވް"އިން ޕޭޓަންޓް ހޯދުމަށްފަހު ވެސް، ލައިސަންސިންގ ފީއެއް ނެގުމަކާ ނުލައި ވިޔަފާރިތަކަށް މި ޓެކްނޮލޮޖީ ބޭނުންކުރުމަށް ހުއްދަދީފައިވުމުން، ޓެކްނޮލޮޖީގެ ބޭނުންކުރުން އަވަހަށް އިތުރުވިއެވެ. 2000 ވަނަ އަހަރު އައިއެސްއޯ ސެޓިފިކޭޝަން ލިބުމާއެކު، ކިޔު-އާރް ކޯޑަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރެވޭ ޓެކްނޮލޮޖީއަކަށް ވެގެންދިޔައެވެ.

ކިޔުއާރު ކޯޑް އިޖާދުކުރި އިންޖިނިއަރ މަސަހިރޯ ހަރާ --

ދެހާސް ބާރަވަނަ އަހަރާ ހަމައަށް އައިއިރު ބައެއް ފަރާތްތަކުން ކިޔު-އާރް ކޯޑްގެ މުސްތަޤުބަލާ ދޭތެރޭ ސުވާލު އުފެއްދި ނަމަވެސް، ޗައިނާގައި މޯބައިލް ޕޭމަންޓް ނިޒާމެއްގެ ގޮތުގައި މި ކޯޑް އައު އުންމީދެއް ލިބިގަތެވެ. ވީޗެޓް ފަދަ އެޕްތަކުގައި މި ޓެކްނޮލޮޖީގެ ބޭނުން އެންމެ ފުރިހަމައަށް ކުރެވުނެވެ.

އިންޑިއާގައި ކޮވިޑް-19 ބަލިމަޑުކަމާއެކު ކިޔު-އާރް ކޯޑްތަކުގެ ބޭނުންކުރުން އިންތިހާއަށް އިތުރުވިއެވެ. ޚާއްޞަކޮށް ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް (ޔޫޕީއައި) މެދުވެރިކޮށް ފައިސާގެ މުޢާމަލާތްތައް ކުރުމުގައި ކިޔު-އާރް ކޯޑްތައް މުހިންމު ދައުރެއް އަދާކުރެއެވެ. މި އަހަރުގެ މާރިޗް މަހު ޔޫޕީއައި މެދުވެރިކޮށް 24.77 ޓްރިލިއަން ރުޕީސްގެ މުޢާމަލާތް ކުރެވިފައިވާއިރު، އޭގެ އަދަދަކީ 19.78 ބިލިއަން ޓްރާންސަކްޝަނެވެ.

ނަމަވެސް ކިޔުއާރް ކޯޑް އުފެދުނު ޤައުމު ކަމުގައިވާ ޖަޕާނުގައި ކޭޝްލެސް ޕޭމަންޓްތަކުގެ ބޭނުން އެހާ ކުރިއަރާފައިނުވެއެވެ. ސަގާފީ ގޮތުން ފައިސާ ބޭނުންކުރުމަށް އަހުލުވެރިވެފައިވާ ޖަޕާނުގައި ކިޔުއާރް ކޯޑްތަކުގެ ބޭނުން އިތުރުކުރުމަށް ކޮވިޑް-19 ބަލިމަޑުކަމާއެކު ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް