ޓޫރިޒަމް މިނިސްޓަރުގެ މަގާމު ހަ އަހަރު ފުރުއްވި، ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ ޙަސަން ސޯބިރު، 74އ، މިއަދު އަވަހާރަވެއްޖެއެވެ.
އޭނާއަށް ވަނީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ޝަރަފު ވެސް އިއްޔެ އަރުވައިފައެވެ.
ސޯބިރު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ކުރައްވާތާ ގިނަ ދުވަސްތަކެއްވީ ފަހުން މިއަދު ހެނދުނު 7:31 އެހާކަންހާއިރު ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.
ސޯބިރު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ އަވަހާރަވުމަކީ ގައުމަށް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށެވެ. ސޯބިރަކީ މިނިސްޓަރުކަމުގައި ހުންނަވައިގެން ރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާއަށް، ވަރަށް ބިނާކުރަނިވި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ސޯބިރަކީ ރާއްޖޭން އެކި ޤައުމުތަކަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ ޚާރިޖީ ގުޅުންތައް ވަރުގަދަކުރެއްވުމަށް ވަރަށް ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރެއްވި ޑިޕްލޮމެޓެއް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ސަރުކާރަށް 25 އަހަރު ޚިދުމަތް ކުރެއްވި ސޯބިރު ޓޫރިޒަމް މިނިސްޓަރުގެ ގޮތުގައި މަސައްކަތްކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1998އިން 2004އަށެވެ. އޭގެ ކުރިން 1991ގައި ޕްލޭނިން އެންޑް އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމާއި 1993ގައި ފިޝަރީސް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވިއެވެ.
ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވިއިރު، 1999އިން 2004އަށް އޭނާ ރައްޔިތުންގެ މަޖިލީހުގައި އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން ކުރެއްވިއެވެ. އެއަށްފަހު ޚާރިޖީ ދާއިރާގައި އެކި ގައުމުތަކުގައި ރާއްޖެ ތަމްސީލުކުރެއްވިއެވެ.
ސޯބިރު، އިނގިރޭސިވިލާތާއި ސިންގަޕޫރުގެ ހައިކޮމިޝަނަރުކަން ކުރެއްވިއިރު، ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާއި އދ.ގައި ވެސް ރާއްޖެ ތަމްސީލުކުރެއްވިއެވެ. އޭނާ 2007އިން ފެށިގެން ސިންގަޕޫގެ ސަފީރުކަން ކުރެއްވިއިރު، އީޔޫއާއި ބެލްޖިއަމްގެ ސަފީކުރަން ކުރެއްވިއެވެ. ސޯބިރު އެންމެ ފަހުން ހުންނެވީ، ރައީސް ޞާލިޙްގެ ވެރިކަމުގައި ޖަޕާނުގެ ސަފީރަކަށެވެ.
ސޯބިރު އަވަހާރަވީއިރު އަނބިކަނބަލަކާއި ދެ ބޭފުޅުން ތިއްބަވައެވެ.