ނެޓްފްލިކްސްއިން ގެނެސްދޭ ފުރަތަމަ ޕާކިސްތާނު ސީރީސް ޖޫން މަހު

ނެޓްފްލިކްސްއިން ގެނެސްދޭ ޕާކިސްތާނުގެ ފުރަތަމަ ވެބް ސީރީސްގެ ކާސްޓުން--ފޮޓޯ/ފޭސްބުކް

ނެޓްފްލިކްސްއިން ގެނެސްދޭ އެ ޕްލެޓްފޯމްގެ ފުރަތަމަ ޕާކިސްތާނު ވެބް ސީރީސް މި އަހަރުގެ ޖޫން މަހު ގެނެސްދޭން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.

ޕާކިސްތާނުގެ ގިނަ ފިލްމީ ތަރިންތަކެއް ހިމެނޭ މި ވެބް ސީރީސްގެ ނަމަކީ، "ޖޯ ބަޗޭ ހޭ ސަންގް ސަމިޓް ލޯ"އެވެ. ޔޫރަޕްގެ އިޓަލީގައި ބޮޑު ބައެއް ޝޫޓްކޮށްފައިވާ މި ސީރީސްގެ ކާސްޓުންގެތެރޭ ފަވާދު ޚާން، މާހިރާ ޚާން، ސަނަމް ސައީދު، ހަމްޒާ އަލީ އައްބާސީ، ބިލާލް އަޝްރަފް، މާޔާ އަލީ އަދި ހާނިއާ އާމިރު ހިމެނެއެވެ.

މި ސީރީސްގެ ލީޑް އެކްޓަރުންގެތެރޭ ޕާކިސްތާނުގެ މަޝްހޫރު އޮން ސްކްރީން ޖޯޑު ކަމަށްވާ އަހަދު ރަޒާ މިރު އަދި އިގްރާ އަޒީޒް ވެސް ހިމެނެއެވެ.

ޕާކިސްތާނުގެ މަޝްހޫރު ބަތަލާ ހާނިއާ އާމިރު--ފޮޓޯ/އިކޮނޮމިކްޓައިމްސް

"ޖޯ ބަޗޭ ހޭ ސަންގް ސަމިޓް ލޯ" އަކީ ޕާކިސްތާނުގެ މިހާ ގިނަ ފިލްމީ ތަރިން އެއް ސީރީސްއަކުން ބެލުންތެރިންނަށް ފެންނާނެ ފުރަތަމަ ވެބް ކޮންޓެންޓެވެ. ޕާކިސްތާނު ބަތަލާ އިގްރާ އަޒީޒްގެ ސޯޝަލް މީޑިއާގައި މި ސީރީސްގެ ބައެއް މަންޒަރުތައް ހިއްސާކުރަމުން އަންނަތީ މި ސީރީސް ޕްރީމިއާ ކުރާނެ ތާރީޚަކަށް ބެލުންތެރިން އަންނަނީ އިންތިޒާރު ކުރަމުންނެވެ.

މި ސީރީސް އަކީ، މަޝްހޫރު ލިޔުންތެރިޔާ ފަރުހަތު އިޝްތިއާޤް 2013 ވަނަ އަހަރު އުރުދޫގެ ބަހުން ނެރުނު ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ސީރީސްއެކެވެ.

މިއީ ސްކޫލް ދައުރުއްސުރެ އެކީގައި އުޅެމުން އައި ދެ ޒުވާނެއްގެ މެދުގައި ހިނގާ ލޯބީގެ ހާދިސާތަކެއްގެ ވާހަކަ ކިޔައިދޭނެ އަސަރުގަދަ ލޯބީގެ ސީރީސްއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި އަހަރުގެ ޖޫން މަހު މި ސީރީސް ޕްރީމިއާ ކުރާނެކަން އިއުލާނު ކުރި ނަމަވެސް ބެލުންތެރިންނަށް "ޖޯ ބަޗޭ ހޭ ސަންގް ސަމިޓް ލޯ" ގެނެސްދޭނެ ވަކި ތާރީޚެއް އައި އިއުލާނު ނުކުރެއެވެ.

comment ކޮމެންޓް