ދިވެހި އައިޑީ ކާޑާއި އީ-ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި މިއަދު ފަށައިފިއެވެ.
މި ޚިދުމަތް އިފުތިތާހު ކުރީ، މެލޭޝިޔާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިއަދު އެ ގައުމުގައި ދިރިއުޅޭ ދިވެހީންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.
މެލޭޝިޔާއަކީ އެންމެ ގިނަ އަދަދެއްގެ ދިވެހީން ހިޖުރަކޮށްފައިވާ އެއް ގައުމެވެ.
އެ ގައުމުގައި ފުރަތަމަ ޕްރިންޓުކުރި ދިވެހި ޕާސްޕޯޓާއި އައިޑީ ކާޑު، އޭގެ ވެރިފަރާތާ ހަވާލުކޮށްދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ.
މި ދެ ޚިދުމަތް ވެސް މާދަމާއިން ފެށިގެން، މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ލިބޭނެއެވެ. މިއީ ބޭރު ގައުމެއްގައި ރާއްޖޭގެ އީ-ޕާސްޕޯޓު ދޫކުރާ ފުރަތަމަ ފަހަރެވެ.
މި ސަރުކާރުން ވަނީ އައިޑީކާޑުގެ ޚިދުމަތް ރާއްޖޭގައި ވެސް ފުޅާކުރުމުގެ މަސައްކަތް ފަށައިފައެވެ. އެ ގޮތުން 15 ރަށެއްގައި މިހާރު ވެސް އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ޚިދުމަތް އަންނަނީ ދެމުންނެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ވެސް ހާލަތު އޮޅުންފިލުއްވައި، އެ މީހުންގެ މަސްލަހަތުތައް ދެނެގަތުމަށް، ވަރަށް ޚާއްސަ ސަމާލުކަމެއް ރައީސް ދެއްވައެވެ. އެ މީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކެއް ހޯއްދަވައި ދެއްވުމަށާއި، އެ މީހުންނަށް އެއްބާރުލުން ދެއްވޭނޭ ގޮތްތައް ހޯއްދެވުމާމެދު މަޝްވަރާކުރާނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
ރަސްމީ ދަތުރުފުޅެއްގައި ރައީސް މެލޭޝިޔާއަށް ވަޑައިގަތީ، އެ ގައުމުގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދައުވަތަކަށެވެ.
މިދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.
މެލޭޝިއާގައި ދިވެހީން ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭ ގައުމެކެވެ. އެގޮތުން މަތީ ތައުލީމު ހާސިލުކުރުމަށާއި ވަޒީފާ އަދާކުރުމަށް ވެސް ގިނަ އަދަދެއްގެ ދިވެހީން ގޮސް އުޅެއެވެ.