ރައްޔިތުން "ގަނަތެޅިގެން" ހޯދާ ފައިސާކޮޅު، ހިލޭދޭނެ ކަމަށް ބުނާ ބޭސްފަރުވާގެ ޚިދުމަތަށް ޚަރަދުކުރަން ޖެހުމަކީ ރައްޔިތުންގެ މެދުގައި އެންމެ ކަންބޮޑުވުން އުފެދިފައި އޮތް އެއް މައްސަލައެވެ. ބޭސްފަރުވާ ހޯދަން މި ފަދަ ހާލެއްގައި އެތައް ދިވެހީންނެއް އުޅެއެވެ.
ރާއްޖެއިން ސިއްހީ ޚިދުމަތް ހޯދުމަށް ކުރަންޖެހުނު މަސައްކަތުގެ ތަޖުރިބާ މީހަކުވަނީ ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައެވެ.
އޭނާ ބުނި ގޮތުގައި، އޭނާގެ އަންހެނުންގެ ތިން ދަތެއްގައި ރިއްސާތީ ފުރަތަމަ ދެއްކީ ތ. ވޭމަންޑޫ ހޮސްޕިޓަލަށެވެ. އެ ތަނުން ފަރުވާ ދެވެން ނެތުމުން، މާލެ ގޮސް ފަރުވާ ހޯދުމަށް އެންގީއެވެ.
މާލެ އައިސް، އޭޑީކޭ ހޮސްޕިޓަލުގައި ހޭނައްތައިގެން ދަތް ނެގެން ނެތުމުން، ދާން ޖެހުނީ އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލަށެވެ. އޭނާ ބުނި ގޮތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގޮސް އެޕޮއިންޓްމަންޓަކަށް އެދުނުއިރު، 700އަށްވުރެ ގިނަ މީހުން ނަން ނޯޓުކޮށް، ވެއިޓިން ލިސްޓުގައި ތިއްބެވެ. އައިޖީއެމްއެޗަށް ދިޔައިރު، އެ ތަނުގެ ވެއިޓިން ލިސްޓުގައި ތިބި މީހުންގެ އަދަދު 600އަށްވުރެ އިތުރެވެ.
އެ ދެ ތަނުން ވެސް އެޕޮއިންޓްމަންޓު ހެއްދުމަށްފަހު، ޓްރީޓޮޕް ހޮސްޕިޓަލަށް ގޮސް އެ ތަނުން އެ ކަން ވޭތޯ އެހީއެވެ. އޭނާ ބުނި ގޮތުގައި ޓްރީޓޮޕުން އެންގީ، ހޭނައްތައިގެން ދަތް ނެގޭނެތޯ ނުވަތަ ނޫންތޯ ވެސް އެނގޭނީ އެޕޮއިންޓްމަންޓު ހައްދައިގެން ޑޮކްޓަރަށް ދެއްކުމުންނެވެ.
އޭނާ ލިޔެފައިވާ ގޮތުގައި، އެ ތަނުން އެ ކަން ވާން ނެތްކަން އެންގީ، ޑޮކްޓަރަށް ދައްކައިގެން ހެދި ޓެސްޓުތަކަށް 5،000އަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރި ފަހުންނެވެ.
ދަތަށް ފަރުވާ ނުލިބުމުން، އޭނާ ދެން ދިޔައީ އަންހެނުން ގޮވައިގެން އެނބުރި ރަށަށެވެ. އޭގެ ގާތްގަނޑަކަށް މަސްދުވަސް ފަހުން، އައިޖީއެމްއެޗުން ގުޅީ ހަފުތާއެއްގެ ތެރޭ އެ ތަނުން އެޕޮއިންޓްމަންޓު ހަމަޖެހިފައި އޮތް ޚަބަރު ދޭށެވެ.
އުމުރުން ފަސް އަހަރުގެ ދަރިފުޅު ރަށުގައި ބަހައްޓާފައި، ހޮސްޕިޓަލުން އެންގި ދުވަހަށް އަންހެނުން ގޮވައިގެން މާލެ އައީ، ވަޒީފާ އަދާކުރަމުންދާ ރިޒޯޓުން ނުފޮނުވުމުން، އެންމެ ފަހުން އެ ތަނުން ކެނޑިގެންނެވެ. އޮޕަރޭޝަން ކުރެވޭނެ ކަމުގެ އުންމީދުގައެވެ.
އޭނާ ކިޔައިދިން ގޮތުގައި އައިޖީއެމްއެޗުން ގުޅީ އާދައިގެ ދަތުގެ ޑޮކްޓަރަކަށް ދައްކާށެވެ. އެ ޑޮކްޓަރު ބެލުމަށް ފަހު އެންގީ ދަތުގެ އޮޕަރޭޝަން ޑޮކްޓަރަކަށް ދައްކާށެވެ. އެ ކަމާ ދިޔައިރު، އެ ހޮސްޕިޓަލުގައި ހުރީ ދަތުގެ އޮޕަރޭޝަނުގެ އެންމެ ޑޮކްޓަރެކެވެ. ވެއިޓިން ލިސްޓުގައި 800އަށްވުރެ ގިނަ މީހުން ތިބި ކަމަށް އައިޖީއެމްއެޗާ ހަވާލާދީ އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ދަތުގައި ރިއްސާތީ، އަންހެނުންނަށް ނުކެވޭތާ މަސްދުވަހަށްވުރެ ގިނަ ދުވަސްވިއެވެ. ރާއްޖެއިން ފަރުވާ ކުރެވޭނެ ހަމަ އެއްގޮތެއް ވެސް ނެތިގެން، އެންމެ ފަހުން އޭނާ ދިޔައީ އަންހެނުންނާއި ދެ އަހަރުގެ ކުޑަ ދަރިފުޅު ގޮވައިގެން ސްރީލަންކާއަށެވެ.
އޭނާ ބުނި ގޮތުގައި ސްރީލަންކާއިން ހޭނައްތައިގެން ދަތް ނެގުމުގެ އޮޕަރޭޝަން ކުރީ މީގެ ތިން ދުވަސް ކުރިންނެވެ. އަދި އެ ޚަރަދު ވަރަށް ބޮޑުވި ކަމަށް ބުނެފައިވެއެވެ. ފަރުވާއަށް މުޅި ޖުމްލަ 65،000އަށްވުރެ ގިނަ ރުފިޔާ އޭނާ ޚަރަދުކުރިއެވެ. މި ކަމުގައި އާސަންދަ ލިބޭތޯ ބެލިއިރު، އެ ފަރުވާ ރާއްޖެއިން ވެސް ލިބެން ހުންނަ ކަމަށް ބުނެ، އާސަންދަ ނުދިނީ ކަމަށް އޭނާ ބުންޏެވެ.
"ސަރުކާރުގެ މަތީ އިސްވެރިންނަށް އެޕޮއިންޓްމަންޓު ލިބޭ، އެ މީހުންގެ ދަރިންނަށް ލިބޭ އާއިލާ މީހުންނަށް ލީބޭ. އެ މީހުންނަށް ރާއްޖެއިން ބޭރުން ވެސް ހިލޭ ބޭސްފަރުވާ ލިބޭ. ކީއްވެތޯ ނިކަމެތިން މި ދިވެހިރާއްޖޭގައި ގަނަތެޅެން ޖެހެނީ؟" އޭނާ ބުންޏެވެ.
އަންހެނުންނަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދަން މަޖުބޫރުވީ، ޚިދުމަތުގެ ލަސްކަމުން ރާއްޖެއިން އެ ކަން ވާން ނެތުމުންނެވެ.
އޭނާވަނީ މި ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރަށާއި ހެލްތު މިނިސްޓްރީއަށް އާދޭހާއެކު ގޮވާލައިފައެވެ.