"ގައުމު އާރާސްތުކުރަން އަންހެނުން ކުރާ މަސައްކަތަކީ ފިރިހެނުންނަށް އަރާ ހަމަކުރެވޭނެ މަސައްކަތެއް ނޫން"

ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު -- ފޮޓޯ/ ރައީސް އޮފީސް

ގައުމު އާރާސްތުކުރުމަށް އަންހެނުން ކުރާ މަސައްކަތަކީ ފިރިހެނުންނަށް އަރާ ހަމަކުރެވޭނެ މަސައްކަތެއް ނޫން ކަމަށް ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ "އަންހެންވެރީންގެ ސައްލާ" މަސައްކަތު ބައްދަލުވުން ފެށުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ގައުމެއް ބިނާކުރުމުގައި ހަގީގީ ނަޒަރަކުން ވިސްނާއިރު އެންމެ މުހިންމު ކަމަކީ ހަރުދަނާ އާއިލާތަކެއް ބިނާކުރުން ކަމަށެވެ. ހަރުދަނާ މުޖުތަމައެއް ބިނާކުރެވޭނީ ހަރުދަނާ އާއިލާތަކެއްް ބިނާކުރެވިގެން ކަމަށާއި އަދި ރަަނގަޅު ގައުމެއް ބިނާކުރެވޭނީ ހަރުދަނާ މުޖުތަމައެއް ބިނާކުރެވިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ރާއްޖޭގައި މި ހުރިހާ ތައުރީފާއި އައްސަރިބަހާއި ސާބަސް ހައްގުވާ ބަޔަކީ އަންހެންވެރީން، މަންމައިން، ދައްތައިން. އެ ބޭފުޅުން ކުރެއްވި މަސައްކަތުގެ ނަތީޖާއިން މިއަދު ވެސް މިހާ ހިސާބަށް މިއައީ. މި ގައުމު ކުރިއަށް ގެންދިއުމުގައި ދިވެހި އަންހެނުންގެ މަސައްކަތްތަކަކީ އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެން ވެސް ހަމަ އުފަލާއި ފަޚުރުވެރިކަމާ އެކީގައި ފާހަގަކުރަން ޖެހޭނެ ކަމެއް. ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު

މިނިސްޓަރު ވިދާޅުވީ ފިރިހެނުން ވަރަށް ގިނަ މަސައްކަތްތައް ކުރާ ކަމަށާއި އަދި ވަރަށް ގިނަ ކާމިޔާބީތައް ވެސް ހާސިލްކުރާ ކަމަށެވެ. އެހެންނަމަވެސް ކުރާ ހުރިހާ މަސައްކަތެއްގައި ވެސް އޭގެ އެންމެ މުހިންމު ދައުރު އަދާކުރަނީ އަންހެނުން ކަމަށާއި އަދި މި މަސައްކަތުގެ ތެރެއިން އެންމެ ބޮޑު ޝަރަަފަކާއި އެންމެ ބޮޑު ހިތްހަމަޖެހުމެއް ވެސް ލިބެން އޮންނަ ހަގީގީ ފަރާތަކީ އަންހެނުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ވެސް އަންހެނުން އޮފީހަށް މަސައްކަތްކުރަން ފޮނުވުމަށްފަހު ގޭގައި ކުދީން ބަލަންއުޅޭ ފިރިހެނުން އެބަތިބި ކަމަށެވެ. އެ ޒިންމާ ފިރިހެނުން ނެގި ނަމަވެސް މި ގައުމު އާރާސްތުކުރުމުގައި އަންހެނުން ކުރާ މަސައްކަތަކީ ފިރިހެނުންނަށް އަރާ ހަމަކުރެވޭނެ މަސައްކަތެއް ނޫން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ކުދީން ތަރުބިއްޔަތު ކުރުމުގައި، ގައުމު ބިނާކުރުމުގައި އަދި އިޖްތިމާއީ މަސައްކަތްތަކުގައި އަބަދުވެސް އަންހެންވެރީން ނިކުމެ ކުރާ މަސައްކަތްތަކަކީ މާ ފޯރިއާއި މާ ޖޯޝާއެކީ ކުރަމުންދާ މަސައްކަތްތަކެއްް. ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ އަންހެންވެރީންގެ ސައްލާ، މަސައްކަތު ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.

މި ބައްދަލުން ބާއްވާފައިވަނީ ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅުގެ އިތުރުން ވ. އާއި މ. އަތޮޅުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނަށެވެ.

comment ކޮމެންޓް