ހެލްޕްލައިން ޚިދުމަތް ފެށިތާ އަހަރަކަށްވުރެ ގިނަދުވަސް: 5،364 މީހުން ނަފުސާނީ އެހީ ހޯދައިފި

މީހުންތަކެއް: ހެލްޕްލައިން ޚިދުމަތް ފެށިތާ އަހަރަކަށްވުރެ ގިނަދުވަސް ވީއިރު، 5،364 މީހުން ނަފުސާނީ ފަރުވާ ހޯދައިފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަފުސާނީ ބަލީގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހެލްޕްލައިނެއްގެ ޚިދުމަތް ދޭން ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު، މި މަހުގެ 22ގެ ނިޔަލަށް 5،364 މީހުން ނަފުސާނީ އެހީ ހޯދައިފިއެވެ.

މި ހެލްޕްލައިނަކީ ނަފްސާނީ އެކިއެކި ކަންކަން ކުރިމަތިލަމުންދާ މީހުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް، ދެމެހެއްޓެނިވި ގޮތެއްގައި އިންތިޒާމުކޮށް، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަފުތާ 14ގެ ވައުދުގެ ދަށުން ފެށި ގާއިމްކުރި ހެލްޕްލައިނެކެވެ.

މި ހެލްޕްލައިންގެ ޚިދުމަތް ފަށާފައި ވަނީ ފެބްރުއަރީ 21، 2024ގައެވެ. ހެލްޕްލައިންގެ ގޮތުގައި ގުޅާ ނަންބަރަކީ 1677އެވެ.

'ސަން' އިން އެދިގެން ހެލްތު މިނިސްޓްރީން މިއަދު ވަނީ އެ ހޮޓްލައިން މެދުވެރިކޮށް މިހާތަނަށް ފަރުވާ ހޯދާފައިވާ މީހުންގެ ތަފާސްހިސާބުތައް ހިއްސާކޮށްފައެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް --- ފޮޓޯ/ ރައީސް އޮފީސް

އެގޮތުން، ހޮޓްލައިންގެ ޚިދުމަތް ފެށި ދުވަހުން ފެށިގެން، މި މަހުގެ 22ގެ ނިޔަލަށް 5،364 މީހުން ޚިދުމަތް ހޯދާފައިވާއިރު، މި އަހަރުގެ ފުރަތަމަ ހަތަރު މަހެއްހާ ދުވަހުގެ ތެރޭ އެކަނި ވެސް އެ ހޮޓްލައިން މެދުވެރިކޮށް ވަނީ 2،788 މީހުން ނަފުސާނީ ބަލީގެ ކަންކަމުގައި ވަނީ އެހީ ހޯދާފައެވެ. އެއީ، މިދިޔަ ޖެނުއަރީ އެކަކުން ފެށިގެން މި މަހުގެ 22ގެ ނިޔަލަށެވެ.

މި ހެލްޕްލައިންގެ މައިގަނޑު އެއް މަގުސަދަކީ ނަފްސާނީ ގޮތުން އުނދަގޫވާ އެކިއެކި ހާލަތްތަކުގައާއި ނަފްސާނީ ބަލި ހުންނަ އެކި އުމުރު ފުރައިގެ މީހުންނަށް ނަފްސާނީ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އަދި، އެ ޚިދުމަތް 24 ގަޑިއިރު ލިބިގެން ދިއުމަކީ އެ ޚިދުމަތް ފޯރުކޮށްދިނުމުގެ އެންމެ ބޮޑު މަގުސަދެވެ.

އޭގެއިތުރުން، މި ހެލްޕްލައިނުން ނަފްސާނީ ފުރަތަމަ އެހީއާއެކު މައްސަލަ ހައްލުކުރުމުގެ އެހީތެރިކަން، މައުލޫމާތު ދިނުމާއި އިތުރު އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ހާލަތްތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ގުޅުންހުރި ޚިދުމަތްތަކަށް ރިފާ ކުރަމުންދާނެއެވެ.

މީހުންތަކެއް މަގުމަތީ މަޑުކޮށްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހެލްތު މިނިސްޓްރީން ބުނީ، ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގައި އިންސާނީ ވަސީލަތްތައް މަދުވުން ފަދަ ގޮންޖެހުންތައް ހުރި ނަމަވެސް، ސަރުކާރުން މުޅި ރާއްޖެއަށް ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ޚާއްސަކޮށް އެ މިނިސްޓްރީން ކުރިއަށް އޮތް ތަނުގައި ވެސް އެ ހެލްޕްލައިންގެ ޚިދުމަތް ހަރުދަނާކޮށް، ފަންނީ ގާބިލުކަން އިތުރުކޮށް އަދި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ވަށާޖެހޭ ސިޔާސަތުތަކެއް އެކުލަވާލުމަށް މަސައްކަތްކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ރާއްޖޭގައި ނަފުސާނީ އެހީތެރިކަމަށް ޚާއްސަކޮށްގެން މިފަދަ ހެލްޕް ލައިނެއް ފުރަތަމަ އުފައްދާފައި ވަނީ ކޮވިޑުގެ ހާލަތާ ގުޅިގެން މޯލްޑިވްސް ރެޑް ކްރެސެންޓުންނެވެ.

ނަމަވެސް 24 ގަޑިއިރަށް ޚިދުމަތްދޭ ގޮތަށް ތާރަފުކުރެވުނު މި ހެލްޕްލައިނަކީ ރާއްޖޭގައި ނަފުސާނީ ބަލިމަޑުކަމަށް ކޮންމެ ވަގުތަކު ވެސް އެހީދެވޭ ގޮތަށް ތައާރަފުކުރި ފުރަތަމަ ހެލްޕްލައިނެވެ.

comment ކޮމެންޓް