އަތޮޅުތެރެއަށް ކުރި ދަތުރެއްގެ ތެރެއިން ފެނުނު މަންޒަރެކެވެ. އެ ރަށުން ޒުވާނަކު ފެންނަނީ ހާލަކުން ފަހަރެކެވެ. މުޅިންހެން ފެންނަނީ އުމުރުން ދުވަސްވީ މީހުންނެވެ. ބައެއް ގޭގޭގައި އެންމެ މީހަކު އެކަނިމާއެކަންޏެވެ. އަނެއްބައި ގޭގޭގައި ދެމަފިރިން އެކަންޏެވެ. ގިނައީ ދެމަފިރިން އެކަނި އުޅޭ ގޭގެއެވެ. އެކަމަކު، ބައެއް ގޭގޭގައި މައިންބަފައިން ބަލަން ކޮންމެ ވެސް އެއް ދަރިއަކު ހުރެއެވެ. އެކަނި އުޅޭ ގިނަ މީހުންގެ ސިއްހީ އެކިއެކި މައްސަލަތައް ހުރެއެވެ. ނަމަވެސް، އޭގެ ތެރެއިން ބައެއް މީހުންނަށް އަޅައިލާނެ, އެ މީހުންގެ ކަންކަން ބަލާނެ ބަޔަކު ކައިރީގައެއް ނުތިބެއެވެ.
މި މަންޒަރު ފެނި ހިތުގައި އުފެދުނު ގިނަ ސުވާލުތަކަކަށް ޖަވާބު ހޯދަން އެ ރަށުގެ އެތައް ބަޔަކާ ވާހަކަދެއްކީމެވެ. ވަރަށް ހިތާމަވެރި ވާހަކަތައް ވެސް އަޑުއިވުނެވެ. އޭގެ ތެރެއިން އެއް ވާހަކައަކީ ލޭމައްޗަށް ދާތީ ޑޮކްޓަރު ލިޔެދީފައި ހުރި ބޭސް, ގަވާއިދުން ކާން ނޭނގުނު އުމުރުން ދުވަސްވީ މީހަކު ސްޓްރޯކެއް ޖެހިގެން މަރުވި ޚަބަރެވެ. ވަރަށް ހަރަކާތްތެރިކޮށް އުޅުނު އެ މީހާ ރަށުގައި ދިރިއުޅެމުން ދިޔައީ އޭނާގެ އަންހެނުންނާއެކުއެވެ. ހަ ކުދިން ދިރިއުޅެނީ ރަށުން ބޭރުގައެވެ.

އަތޮޅުތެރޭ ރަށެއްގައި އުމުރުން ދުވަސްވީ މީހަކު ހިނގާފައިދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޭނާއަށް ސްޓްރޯކެއް ޖެހިގެން ބެލިއިރު ބޭސް ކައިފައި ހުރީ ޑޮކްޓަރުދިން އިރުޝާދަކަށް ނޫނެވެ. ހޭލުންތެރިކަން ދަށްވުމުގެ ސަބަބުން ޑޮކްޓަރު އަންގާފައިވާ ގޮތަށް ބޭސްކާކަށް އޭނާއަކަށް ނޭނގެއެވެ. އޭނާއަށް އެކަން ބުނެދީ, ބޭސް ކަނީ ރަނގަޅަށްތޯ ބަލާނެ މީހަކު ކައިރީގައެއް ނެތެވެ. ނަތީޖާއަކަށްވީ ސްޓްރޯކެއް ޖެހި, ދުނިޔެ ދޫކޮށް ދިއުމެވެ.
މިއީ އެފަދަ ހިތާމަވެރި އެއް ހާދިސާއެވެ. މިފަދަ އެތައް ކަމެއް ހިނގާފައި އެބަހުއްޓެވެ. އަދިވެސް ހިނގާނެއެވެ. ސަބަބަކީ އުމުރުން ވަރަށް ދުވަސްވީ އެ މީހުން އުޅެން ޖެހިފައިވާ އެކަނިވެރި ދިރިއުޅުމެވެ. ވަރަށް ބަލި ހާލުގައި ވެސް, އެކަނި ކައްކައި, އެކަނި އެއްޗެހި ދޮވެ, އަދި ވެސް ޒަރޫރީ އެހެން ކަންކަން އަމިއްލައަށް ކޮށްލައިގެން އުޅެން ޖެހޭ ޖެހުމެވެ.
"އެހެންތިބެ ބޮޑު ބައްޔެއް ވީމައި, ނޫނީ ނިޔާވީމާ ދަރިންނާއި ތިމާގެ އެހެން މީހުން އަންނާނެ. މަރު ނުވަންޏާ މާލެއަށް ނޫނީ ހޮސްޕިޓަލް ހުރި ރަށަކަށް ގެންދާނެ. މަރުވިއްޔާ ވަޅުލާނީތާ," އެ ރަށުން ވާހަކަދެއްކި މީހަކު އެކަން އޮންނަ ގޮތް ސިފަކޮށްދެމުން ބުންޏެވެ.
އުމުރު ދުވަހު ކުރި ބުރަ މަސައްކަތުން ދަރިންނަށް ރަނގަޅު ތައުލީމަކާއި ތަރުބިއްޔަތެއް އޭގެ ތެރެއިން ގިނަ މައިންބަފައިން ވަނީ ދީފައެވެ. އެ މީހުންގެ ހަށީގައި ބާރު ހުރި ދުވަހު ހުރިހާ ވަގުތަކާއި ހަކަތައެއް ހޭދަކުރީ ދަރިންނަށްޓަކައެވެ. ނަމަވެސް، އެ މީހުންގެ ސިއްހީ ހާލަތު ދަށްވެ, ހަށިގަނޑުން ވަރުދެރަވި ދުވަހު އުޅެން ޖެހިފައި މިވަނީ ވަރަށް އެކަނިވެރި ދިރިއުޅުމެކެވެ. މިކަމުގެ ސަބަބުން އުމުރުން ދުވަސްވީ އެ މީހުން ތަހަންމަލުކުރަން ޖެހިފައިވާ ކަންކަން ގިނައެވެ.

މެއި 14، 2020: ދޮށީ އުމުރުގެ މީހަކު ގޭގެ ބެލްކަނީގައި މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނާގޮތުގައި ދަރިންނާ ދުރުގައި އެކަނި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަށް ގިނަ ފަހަރަށް ވަރަށް ބޮޑަށް އެކަނިވެރިކަން އިހުސާސްކުރެވެއެވެ. އޭގެ ނަތީޖާއަކީ ޑިޕްރެޝަނާއި އެންޒައިޓީފަދަ އެކިއެކި ނަފުސާނީ މައްސަލަތަކާ އެ މީހުން ކުރިމަތިލާން ޖެހުން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. މީގެ އިތުރުން، އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަން ފަދަ އެތައް ޖަމިއްޔާއެއްގެ ދިރާސާތައް ދައްކާގޮތުން އުމުރުން ދުވަސްވީ މީހުން އާއިލާއާ ދުރުގައި ދިރިއުޅެން ޖެހޭ ޖެހުމަކީ އެ މީހުންނަށް ނަފުސާނީ އަދި ޖިސްމާނީ ގޮތުން ވެސް ގިނަ މައްސަލަތަކަކާ ކުރިމަތި ވާނެ ކަމެކެވެ.
ދިވެހީންގެ އާއްމު ހާލަތަށް ބަލާއިރު އާއްމުކޮށް މެދުއުމުރަށް ދާއިރު ސިއްހީ ގިނަ މައްސަލަތަކަކާ ކުރިމަތިވެއެވެ. އޭގެ ތެރޭގައި ހަކުރު ބައްޔާއި ލޭމައްޗަށް ދިއުމުގެ އިތުރުން ކޮލެސްޓްރޯލް މަތިވުމާއި ހިތުގެ ބަލިތައް ފަދަ ދާއިމީ ބަލިތައް ހިމެނެއެވެ. މި ބަލިތަކުން ރައްކާތެރިވުމަށް ހަމައެކަނި ޑޮކްޓަރު ދޭ ބޭސް ގަވައިދުން ކެއުމަކުން ނުފުދެއެވެ. އެއާއެކު ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެންނަން ޖެހެއެވެ. އޭގެ ތެރޭގައި އެ މީހެއްގެ ހަށިގަނޑުގެ ހާލަތާ ގުޅޭގޮތަށް ކެއުން ބައްޓަން ކުރުމާއި ހެލިފެލިވެ އުޅުން ހިމެނެއެވެ. ނަމަވެސް، މިފަދަ ކަންކަމަކީ ގާތުގައި އެހީވާނެ ނުވަތަ އަޅާލާނެ މީހަކު ނެތްނަމަ އުމުރުން ދުވަސްވީ ގިނަ މީހުންނަށް އެކަނި ކުރެވޭ ވަރުގެ ކަންކަމެއް ނޫނެވެ. ނަތީޖާއަކަށް ވަނީ ބަލިތައް ގިނަވެ, އުމުރު ކުރުވުމެވެ.
ދަރިން އަޅައިނުލަނީއެއް ނޫން, އަޅާލެވެން ނެތީ؟
މިކަން ރަނގަޅަށް ބެލުމުން އެނގުނީ މިއީ އެންމެ ރަށެއް, ދެ ރަށެއްގެ ހާލަތު ނޫން ކަމެވެ. ރާއްޖޭގައި އާބާދީ ކުދި ރަށްރަށުގައި މި މައްސަލަ ބޮޑުއިރު, އާބާދީ ބޮޑެތި ރަށްރަށުގައި މި މައްސަލަ އެބައޮތެވެ. މި މައްސަލަ ގޮސް ގުޅެނީ ބޮޑު އިޖުތިމާއީ ކަމަކާއެވެ. އެކަމުގެ ނަތީޖާއަކަށް ވަނީ އިޖުތިމާއީ ގިނަ މައްސަލަތަކެއް ކުރިމަތިވުމެވެ.
ދިވެހި ރާއްޖެއަކީ މިއަދާ ހަމައަށް ވެސް ވަކި މާ ބޮޑު މިސްރާބެއް އޮވެގެން ތަރައްގީކުރަމުން އަންނަ ގައުމެއް ނޫނެވެ. އޭރަކު ވެރިއަކަށް އަންނަ މީހަކު ނުވަތަ ބަޔަކަށް ފެންނަ ގޮތަކަށް އޭރަކު ކަންތައް ކުރަނީއެވެ. ނަތީޖާއަކީ ހަގީގީ މައްސަލަތައް ހައްލުނުވެ, އުޅެން ޖެހިފައިވާ ދަތި ދިރިއުޅުމެވެ. ސިޔާސީ މީހުންނަށް މި އުޅެނީ މި ކުޑަކުޑަ ގައުމު ރަނގަޅަށް ނުހިންގިގެންނެވެ. އުމުރުން ދުވަސްވީ މީހުންގެ ހަޔާތުގެ ފަހުބައި އެކަނިވެރިކޮށް އުޅެން ޖެހޭ ޖެހުން ވެސް ގުޅިފައިވަނީ މިކަމާއެވެ.

ކުދި ރަށްރަށާއި ގިނަ ބޮޑެތި ރަށްރަށަށް ބެލި ނަމަވެސް ޒުވާނުން އެ ތަނެއްގައި ދިރިއުޅެން ބޭނުންވާ ގިނަ ވަސީލަތްތައް އެ ތަނުގައެއް ނުހުރެއެވެ. އޭގެ ތެރޭގައި އެކަށީގެންވާ ބޭސް ފަރުވާއާއި ތައުލީމުގެ ފުރުސަތާއި ވަޒީފާ ހިމެނެއެވެ. ނަތީޖާއަކަށް ވަނީ ދިރިއުޅުމެއް ފަށާފައި ޒުވާނުން ޚިދުމަތް ލިބޭ ތަނަކަށް ހިޖުރަ ކުރަން މަޖުބޫރުވުމެވެ. އެ މީހުންގެ ދަރިންނާއި އާއިލާއަށްޓަކާއެވެ. ރާއްޖޭގައި ނަމަ ގިނަ މީހުން އަންނަނީ މާލެއަށެވެ. މާލެ ފުރި އެހެން އިޖުތިމާއީ މައްސަލަތައް ގިނަވުމުގެ ނަތީޖާއަކީ އުމުރުން ދުވަސްވީ މައިންބަފައިން މާލޭގައި އުޅެން ބޭނުން ނުވުމެވެ.
"ދައްތަގެ ހުރޭ ނުވަ ކުދިން. ހަތަރު ފިރިހެން. ތިން އަންހެން. އެ ދަރިން ކިތަންމެހާ ވެސް ރަނގަޅު. މަދު ކުއްޖެއް ނޫނީ ކޮންމެ ކުއްޖަކު ވެސް ކޮންމެ ދުވަހަކު ގުޅާނެ. ހާލު ބަލާނެ. ބުނި އެއްޗެއް ފޮނުވާނެ. އެކަމަކު، ދައްތަ އެ ކުދިން ކައިރިއަށް ނުގޮސް ރަށުގައި މި ހުންނަނީ މާލެ އުނދަގޫވީމާ. ރަށުގައި އުޅޭ ހިތްވާތީ. އެ ކުދިން ނާންނާށޭ ބުނަނީއެއް ނޫން. ވަރަށް ގެންދަން އުޅޭ. އެކަމަކު ކިރިޔާ ވެސް އެކަނި އުޅެވޭނަމަ ނުދާނަން މާލެއެއް," އެ ރަށުން ވާހަކަދެއްކި އުމުރުން 65 އަހަރުން މަތީގެ, އެކަނި ދިރިއުޅޭ އަންހެނަކު ބުންޏެވެ.
"މި ރަށުގައި ގިނަ މުސްކުޅިން އެކަނި އުޅެނީ ދަރިން އަޅާ ނުލާތީއެއް ނޫން. މާލެ ނުދާން ވެގެން،"
މި މައްސަލައިގައި އުމުރުން ދުވަސްވީ އެ މައިންބަފައިންގެ ދަރިންނާ ވާހަކަދައްކާލުމުން އެނގުނީ މަންމައާއި ބައްޕަ އެކަނި އެހެން ދިރިއުޅެން އެ މީހުން ވެސް ބޭނުންނުވާ ކަމެވެ. ނަމަވެސް، ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އެ މީހުންނަށް މައިންބަފައިން ކައިރި ގޮސް ހުރެވެން ނެތީއެވެ. މާލެއަށް އެ މައިންބަފައިން އަންނަން ބޭނުން ނުވަނީއެވެ.
"ޑޮކްޓަރަށް ދައްކަން ވެސް މާލެ މި ގެންނަނީ ގަދަކަމުން. ހަމަ ގެނެސް ޑޮކްޓަރަށް ދައްކައި ނުނިމޭނެ ރަށަށް ދާން ކިޔާއިރު. އެހެންތާ ވާނީވެސް. މާލޭގެ ކުދިކުދި ތަންކޮޅުކޮޅުގައި މަންމަމެނަށް ވަރަށް އުނދަގޫ ވާނު. ރަނގަޅަށް ނަމާދު ވެސް ނުކޮށްލެވޭނެ ހަމަޖެހިގެން. މާލެ ގެނައީމާ ހީވޭ އަދި މާ ބަލިވާހެން. ނުހިނގި އެހެން އިންނަން ޖެހުނީމާ," އެ ޒުވާނާ ކިޔައިދިނެވެ.
"އާއްމުކޮށް މިހާރު ވީޑިއޯ ކޯލުން މާމަ ކުދިންނާ މަންމަމެން ވާހަކަދައްކާނެ ކޮންމެ ދުވަހަކު ވެސް. އެއާއެކު ކުރިއަށް ވުރެ މަންމަމެން އުފާވާހެން ހީވޭ. ދެން ޗުއްޓީތަކުގައި ވަރަށް ރަށަށް ދެވޭތޯ އަހަރެމެން ބަލަން،"
އެކަމަކު، މަދުން ނަމަވެސް މައިންބަފައިންނަށް އަޅާލުން ކުޑަ ދަރިންގެ މައްސަލަ ވެސް މި މުޖުތަމައުގައި އެބައޮތެވެ. މައިންބަފައިންގެ ހާލު ނުބަލާތާ, އެ މީހުންނަށް އެހީތެރިކަމެއް ފޯރުނުކޮށްދީ އުޅޭ ދަރިން މަދުން ނަމަވެސް އުޅެއެވެ.
މާލޭގެ މި ހަލަބޮލި ދިރިއުޅަމަކީ ހަރަދާއި ތަކުލީފުގެ ގޮތުން ބެލިނަމަވެސް ގިނަ މީހުންނަށް ކެތް ކުރެވޭނެ ކަމެއް ނޫނެވެ. މިތާ އުޅޭ ގިނަ ބަޔަކު ވެސް އުޅެނީ މާ އުޅޭ ހިތަކުން ނޫނެވެ. އެ ނޫން ގޮތެއް ނެތީތީއެވެ. ނަމަވެސް، މާލެ ނޫން ތަނެއްގައި ނޫޅެންވެގެން އައިސް އުޅޭ މީހުން ވެސް މަދުން ނޫން ނަމަވެސް އުޅެއެވެ.

މ. އަތޮޅުގެ ހުރިހާ ރަށެއްގައި ހިންގި ރަންވޭލާ ކެމްޕެއިންގެ ތެރެއިން --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ
ހައްލަކީ ކޮބާ؟
ހަގީގީ ހައްލު ގުޅިފައިވަނީ ވަކި ޕްލޭނަކުން ގައުމު ތަރައްގީކުރުމާއެވެ. ގަނަތެޅުމަށް ވުރެ ދިރިއުޅެވޭނެ ގޮތްތަކެއް ރައްޔިތުންނަށް ފަހިކޮށްދީގެންނެވެ. އެކަން ގުޅެނީ ވެރިއަކަށް އަންނަ ބޭފުޅެއްގެ ސިޔާސަތާއެވެ. ނަމަވެސް، އެތައް ޖީލެއް މި ހާލުގައި އުޅެ ނިމިދިއުމުގެ ކުރިން ވަގުތީ ގޮތުން ނަމަވެސް ހައްލެއް ހޯދަން އެބަޖެހެއެވެ.
އޭގެ ތެރޭގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ތަޖުރިބާކޮށްފައިވާ ރަނގަޅު މޮޑެލްތައް އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ކަމަކީ ރަށްރަށުގައި ދުވަސްވީ މީހުންނަށް އަޅާލާނެ ސެންޓަރުތައް ހިންގުމެވެ. ނުވަތަ ގޭގެއަށް ޒިޔާރަތްކޮށް އުމުރުން ދުވަސްވީ މީހުންގެ ހާލަތު ބަލައި އެހީތެރިވާނެ މީހުން ރަށްރަށުގައި ބެއިތިއްބުމެވެ. މިއީ ރަށްރަށުގައި ހުންނަ ހެލްތު ސެންޓަރުތަކާއި ސިއްހީ މަރުކަޒުތަކުގެ އިތުރުން ހޮސްޕިޓަލްތަކަށް ވެސް ކުރެވިދާނެ ކަމެކެވެ. އޭރުން މިހާރަށް ވުރެ ރަނގަޅަށް ދުވަސްވީ މީހުންގެ ކަންކަން ބެލެހެއްޓޭނެއެވެ. ހަމަ އެހެންމެ އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން ރަށްރަށުގައި ހިންގާ އެކިއެކި ހަރަކާތްތައް އިތުރު ކުރަން ޖެހެއެވެ. އެއީ، ވެސް އެ މީހުންގެ އެކަނިވެރިކަން ފިލައި, އެ މީހުންގެ ނަފުސަށް ބޭނުންތެރި ބައެއްގެ އިހުސާސް ކުރެވޭލެއް އިތުރު ކުރެވޭނެ ކަމެކެވެ.
ހަމައެހެންމެ އެ މީހެއްގެ ރަށުގައި އެ މީހަކު ހުރެގެން އޮންލައިންކޮށް މަސައްކަތް ކުރެވޭ ކަހަލަ ވަޒީފާތައް އިތުރު ކުރުމަކީ ވެސް މި މައްސަލައަށް ހައްލު ގެނެވިދާނެ ކަމެކެވެ. މިސާލަކަށް އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) މަސައްކަތާއި އެހެނިހެން ބައެއް އިދާރީ މަސައްކަތްތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ރިމޯޓްކޮށް ކޮށްއުޅޭ ކަންކަމެވެ. އޭގެ ނަތީޖާއަކަށް ވަނީ ޒުވާނުން އެ މީހުންގެ ވަޒަނުގައި އާއިލާއާއި މައިންބަފައިންނާ އެކު ތިބެގެން ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާއެއް އަދާކުރުމުގެ ފުރުސަތު ލިބުމެވެ.
އެއްފަސްކޮށްގެން ނަމަވެސް ނުވަތަ އެހެން ހައްލެއްގެ ތެރެއިން ނަމަވެސް އަތޮޅުތެރެއިން ރަނގަޅު ސިއްހީ ޚިދުމަތާއި ތައުލީމާއި އެހެން ވެސް އަސާސީ ޚިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެހެން ޖެހެއެވެ. އޭރަށް ވެސް ޒުވާނުން މާލެ ދޫކޮށް އަތޮޅުތެރެއަށް ހިޖުރަ ކުރާނެއެވެ. އަދި، ރަށްރަށަށް ހިޖުރަކުރާ ޒުވާނުންނަށް އެކިއެކި ފަހި ފުރުސަތުތައް ސަރުކާރުން ފޯރުކޮށްދޭން ފަށާނަމަ ވެސް އެކަން ކުރާނެ ޒުވާނުން ގިނަވާނެއެވެ. މިސާލަކަށް މާލީ އެހީތެރިކަމާއި ބޯހިޔާވަހިކަން ހޯދަން އެހީތެރިވެދެވިދާނެއެވެ. ނަތީޖާއަކަށް ވާނީ މައިންބަފައިންނާއި އާއިލާއާ އެކު އެ މީހުން ދިރިއުޅުމެވެ.
ހަމައެހެންމެ ވެރިރަށް މާލޭގައި ވެސް އުމުރުން ދުވަސްވީ މީހުންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައި ދޭން އެބަޖެހެއެވެ. ރައްކާތެރިކަމާ އެކު އެ މީހުންނަށް ހިތް އުފާކޮށްލައި, ވަގުތު ހޭދަ ކުރެވޭނެ ތަންތަން ގިނަ ކުރަން އެބަޖެހެއެވެ. ހަލަބޮލި ކަމުން ދުރުވެ, އެ މީހުންނަށް ހަމަޖެހުން ހޯދޭނެ ގޮތްތަކެއް މާލޭގައި ވެސް ގާއިމުވާން އެބަޖެހެއެވެ. އޭރަށް މިހާރު މާލެ އެއްގޮތަކަށް ވެސް އަންނަން ބޭނުންނުވާ މީހުން ވެސް މާލެއަށް އައުމުގެ ފުރުސަތު ބޮޑެވެ.
އުމުރު ދުވަހު ކުރި ބުރަ މަސައްކަތުން ދަރިން ބަލައި ބޮޑުކޮށްފައި މަރުވަންދެން އެކަނި, އުފަން ދަރިންނާއި ކާފަ, މާމަ ދަރިންނާ ދުރުގައި ދިރިއުޅެން ޖެހޭ ޖެހުމަކީ ބޮޑު އަނިޔާއެކެވެ. އެތައް މައިންބަފައިންނެއް ދުނިޔެ ދޫކޮށް އެ ދަނީ އެންމެ ލޯތްބާއި އަޅާލުން ބޭނުންވި ދުވަހު އެކަން ނުލިބިއެވެ. މި މަޖުބޫރު ގުޅިފައި މިވަނީ އިޖުތިމާއީ މައްސަލައަކާއެވެ. މިއީ ވަކި ރޭވުމެއްގެ ތެރެއިން އަވަސް ހައްލެއް ބޭނުންވާނެ ކަމެކެވެ. ނޫންނަމަ މިއީ އަންނަން އޮތް ޖީލަށް ވެސް ވެވޭނެ ޚިޔާނާތެކެވެ.