ނޮވެންބަރު ތިނެއް: ހަމަލާ ދޭން އުޅޭކަން އޮތީ އެނގިފައި, ނޭނގުނީ ދޭނެ ދުވަހެއް!

ސިފައިންގެ ބޭރުގައި ސިފައިންތަކެއް: ނޮވެންބަރު ތިނެއްގައި ސިފައިންވީ ލެޔާ ފުރާނައިން ގުރުބާން ---

އެއީ، ނޮވެންބަރު ތިނެއް، 1988ގެ ރެއެވެ. ހަމަހިމޭން ކަމުގެ ނިންޖަކުން ނިދާފައި އޮތް މާލެއަށް ބޭރުގެ ކުލީ ސިފައިންތަކެއް އެރޭ މެންދަމު އެރިއެވެ. ބޮޑުތަކުރުފާނު މަގުން އިރަށް ގޮސް، އެއާ މޯލްޑިވްސް ކަންމަަތީގައި ތިބެ ސިފައިންގޭގެ މައިދޮރާ ދިމާލަށް ބަޑި ޖަހަން ފެށިއެވެ. އޭގެ ރައްދު ހަމަލަތައް ސިފައިން ގެއިން ވެސް އަންނަން ފެށިއެވެ.

ދިވެހީންގެ ޚާއިނުންގެ ބައެއް ވެރިކަމުގެ ދަހިވެތިކަމުގައި އައި އެ ދުވަހު ނަވާރަ ދިވެހީންގެ ލެއިން މި ބިން ކަޅުކޮށްލިއެވެ. އެތައް ބަޔަކު ޒަޚަމުކޮށް، ބިރުވެރި ހަނދާންތައް ހިތުގައި ބިންވަޅު ނަގަން ޖެހުނެވެ. މި ކިޔައިދެނީ އެ ދުވަހު މި ގައުމުގެ ދިފާއުގައި ސިފައިން އެވީ ގުރުބާނީގެ ވާހަކައެވެ.

ކޮމާންޑް ސާޖެންޓު މޭޖާ ޢަބްދުﷲ ސަޢީދު -----

ނޮވެންބަރު ތިނެއްގެ ކުރިން ހަމަލައެއް ދޭނެ ކަމުގެ ޚަބަރު ލިބުނު!

ހަމަހިމޭން ކަމުގެ ނިދިން މުޅި މާލެ ހޭލުއްވާލި ނޮވެންބަރު ތިނެއްގެ ކުރިން ސިފައިން އެތައް ފަހަރަކު އެލާޓަށް އައެވެ. ގައުމުގެ ދިފާއުގައި ފޯރިމަރަން ހޭލާ ތިއްބެވެ. އެއީ، ގައުމުގެ މިނިވަންކަމާއި ރައްޔިތުންގެ ހައްގުގައެވެ.

ސިފައިން ގޭގައި ތާރީޚު ދިރާސާކުރައްވާ ކޮމާންޑް ސާޖަންޓު މޭޖާ ޢަބްދުﷲ ސަޢީދު ވިދާޅުވީ، ތިނެއް ނޮވެންބަރުގެ ހަމަލައަށް ފަހު ސިޔާސީ މީހުންނާއި ސިފައިން ގޭގައި އިސްކޮށް ތިބި މީހުންނާ ވާހަކަ ދެއްކި ކަމަށެވެ.

އެ މީހުންގެ ވާހަކަތަކުން އެންމެ ހައިރާން ކުރުވީ، ތިނެއް ނޮވެންބަރުގެ އުދުވާނީ ހަމަލާގެ ވަރަށް ކުރިން ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ހަމަލައެއް ދޭން ރާވަމުންދިޔަ ކަމުގެ މައުލޫމާތު ސިފައިންނަށް އެނގިފައި އޮތް ކަމެވެ. އެ މައުލޫމާތު ސިފައިންގެ ވެރިންނަށް ދެއްވީ، ހ. ކަބީލާގެ އަބްދުލް މަޖީދު ޚާލިދެވެ.

އިންޑިއާ ސިފައިންނާއި ދިވެހި ސިފައިންގެ ބެލުމުގެ ދަށުން އަބްދުﷲ ލުޠުފީ ހައްޔަރުކޮށްގެން ގެންދަނީ --

"އޭރުގައި މައުލޫމާތު ލިބިފައި މިއޮތީ ޖުލައި 26 ވަނަ ދުވަހު މާލެއަށް ބަޔަކު ގޮވައިގެން އަންނަ ޚަބަރު. އެ މައުލޫމާތު ލިބިވަޑައިގަތީމައި ސަރުކާރުން މަސައްކަތް ކުރެއްވި އެ މައުލޫމާތު ހޯއްދަވަން ވެސް" ސަޢީދު އިތުރަށް ތަފްސީލުކޮށްދެއްވިއެވެ.

އެ ކަން އިތުރަށް ޔަގީންކުރުމަށް ދިވެހި ސިފައިންގެ ޓީމެއް ލަންކާއަށް ވެސް ފޮނުވިއެވެ. އެ މައުލޫމާތު ދެއްވި މަޖީދު އެކަން އިތުރަށް ހޯދެއްވުމަށް ވެސް ހުށަހެޅުއްވިއެވެ.

އެ މައުލޫމާތާ ގުޅިގެން ސިފައިންނާއި ޑިފެންސް މިނިސްޓްރީން އެތައް ފިޔަވަޅެއް އެޅިއެވެ. ސިފައިން ގޭގެ މައި ގޭޓުގައި ބަންކަރާއި ވެލި ބަސްތާ ޖެހިއެވެ. ސިފައިންގެ ތެރޭގެ ޑިއުޓީތައް ވެސް ވަރުގަދަކުރިއެވެ. ސިފައިންގެ ގޭގެ މައި ގޭޓު ބަންދުކޮށް، މާލެ ތެރެ ފޯރިމެރުން އިތުރުކުރިއެވެ.

އެކަމަކު، ހަމަލާ އަންނާނެ ކަމަށް ބުނި ޖުލައި 26 ފާއިތުވެއްޖެއެވެ. ޖެހިގެން އައި ސެޕްޓެމްބަރާއި އޮކްޓޫބަރު މަސް ވެސް ނިމިއްޖެއެވެ. އެއްވެސް ހަމަލައެއްގެ އިޝާރާތެއް ނުވިއެވެ. އެއާ އެއްކޮށް، ހަމަލައެއް އަންނާނެ ކަމަށް އެހެން ބަޔެއްގެ ފަރާތުން ވެސް މައުލޫމާތެއް ނުލިބުނެވެ.

އެހެންވެ، އޭރު އަޅާފައި އޮތް ވަރުގަދަ ދިފާއީ ފިޔަވަޅުތަކަށް ލުއިތަކެއް ދިނެވެ. އެ ފިޔަވަޅުތައް ކުރިއަށް ވުރެ ވަރުގަދަ ކުރަން ޖެހުނީ، ކުއްލިއަކަށް ކުލީ ސިފައިން އެރުމުންނެވެ. އެމީހުންގެ ހަމަލައިން މުޅި މާލެ ހަލަބޮލި ކޮށްލި ހިސާބުންނެވެ.

ހަމަލާ ފެށި، ވަޒަން އެރި މީހުންނަށް ފަރުވާ ދިނުމުގައި ސިފައިންގެ ދައުރެއް!

ބަޑީގެ އަޑު ގުގުމަން ފަށައިފިއެވެ. ސިފައިންގެ ތެރޭގައި އެވަގުތު ތިބި އެންމެންގެ ސަމާލުކަން އެކަމަށް އައެވެ. އެ ޚަބަރު ލިބުމާ އެކު، ގޭގައި ތިއްބެވި ސިފައިން ބޭނުންވީ ގައުމީ ވާޖިބު އަދާކުރުމަށް އަންނާށެވެ. އެކަމުގައި އެތައް ސިފައިންނެއް ޒަޚަމުވިއެވެ.

އަނެއް ބައި ސިފައިން އައުމުގެ ކުރިން ވެރިންނަށް ގުޅުއްވިއެވެ. އެ ވެރިން އިރުޝާދު ދެއްވީ ސިފައިންގެ ގެއަށް ކައިރިނުވުމަށެވެ. އެއީ ރައްކާތެރި ކަމަކަށް ނުވާނެތީއެވެ. ސައީދު ވިދާޅުވި ގޮތުގައި، ހުރިހާ ސިފައިން އެ ދުވަހު ތިބީ ވެރިން އެންގި ކޮންމެ ކަމެއް ކުރުމަށް ތައްޔާރަށެވެ.

އެ ހަމަލާ ދިފާއު ކުރުމަށް ސިފައިންގެ އެތެރެއިންނާއި ބޭރުގައި ވެސް ސިފައިން ހަރަކާތްތެރިވިއެވެ. އެގޮތުން، ބައެއް ސިފައިން ބޭރަށް ނިކުމެވަޑައިގަންނަވައި، އަމަލީ ގޮތުން ހަރަކާތްތެރިވިއެވެ.

ފުރަތަމަ އޭގެ ތެރެއިން ބައެއް ސިފައިން ވަޑައިގަތީ މީހުންގެ ގަޔަށް ވަޒަން އަރައިގެން ޒަޚަމުވި ކަމުގެ ޚަބަރަށް ހޮސްޕިޓަލަށެވެ. އެ ތަނަށް ވަޑައިގެން ހަރަކާތްތެރިވި އެއް ބޭފުޅަކީ ލެފްޓިނަންޓް އަހުމަދު ޒާހިރެވެ. ހޮސްޕިޓަލާ ގުޅިގެން ޒަޚަމުވި މީހުންނަށް ފަރުވާ ދިނުމުގައި ޒާހިރު ބައިވެރިވެވަޑައިގަތެވެ.

ދުޝްމަނުން މާލެ އަރައި، މީހަކު ހައްޔަރުކޮށްގެން ގެންދަނީ ----

ފަތިހުގެ އެ ވަގުތު ހޮސްޕިޓަލު ހަލަބޮލިވީ، ވަޒަން އެރި މީހުންތައް ފަރުވާއަށް ގެނައުމުންނެވެ. އެއީ، ދުވަހަކު ވެސް އެފަދަ ބަޔަކު ނުފެންނާތީއެވެ. އެންމެން ވެސް ތިބީ، ހާސްކަމާ ނުތަނަވަސްކަމުގައެވެ. އެ ބިރުވެރިކަމުގައި ވެސް އިސްކަންދިނީ ބަލި މީހުންނަށް ފަރުވާ ދިނުމަށެވެ.

ސަޢީދު ސިފަކުރެއްވި ގޮތުގައި، އޭރުގައި ތިބި މަދު ނަރުހުންނާއި ޑޮކްޓަރުން ކުރެއްވީ ވަރުގަދަ ގައުމީ ޖިހާދެކެވެ. އެ މީހުންނަށް އެއްބާރުލުން ދެއްވީ ހޮސްޕިޓަލަށް ވަޑައިގެންނެވި ސިފައިންނެވެ. އޭރު ހޮސްޕިޓަލުގެ މެނޭޖަރަކަށް ހުންނެވީ މަރުހޫމް ހައިވަކަރު އަހުމަދުފުޅެވެ.

ހަމަލާގެ މައުލޫމާތު ބޭރު ގައުމަކަށް އަންގައިދިނީ އޮމާނު މަނަވަރަކުން!

ހަމަލާގެ ވަކި ހިސާބަކުން ހޮސްޕިޓަލަށް އައީ ފޯނު ކޯލެކެވެ. އެއީ، ސިފައިންގެ އޮޕަރޭޝަން ރޫމުން އައި ފޯނު ކޯލެކެވެ. އޮޕަރޭޝަނާ ގުޅުން ހުރި އެންމެ ފަހުގެ މައުލޫމާތު ސިފައިންނާ ހިއްސާކުރުމަށެވެ. އެ ރޫމު ބެލެހެއްޓުމުގެ އެންމެ އިސް ބޭފުޅަކަށް ހުންނެވީ، އޭރުގެ މޭޖާ އާދަމް ޒާހިރެވެ. އޭނާގެ ބެއްލެވުމުގެ ދަށުން ހަރަކާތްތެރިވެވަޑައިގަތީ، ކެޕްޓަން އަހުމަދު ނައީމު މުހައްމަދެވެ.

އޭނާ ގުޅުއްވައި، މާލޭގެ ބަނދަރުގައި އޮމާނުގެ މަނަވަރެއް އޮތް ކަމުގެ މައުލޫމާތު ޒާހިރަށް ދެއްވިއެވެ. ވަގުތުން ޒާހިރު ޖެހިވަޑައިގަތީ، މަނަވަރަށް ދާނެ ގޮތަކާއި ބަޔެއް ކަނޑައަޅާށެވެ. މަނަވަރު އޮތީ ހަނގުރާމަ ހިނގަމުން ދިޔަ މާލޭގެ އުތުރު ފަރާތުގައެވެ. އެހެންވެ، ދެ ބޭފުޅުން ވިސްނާވަޑައިގަތުމަށް ފުރަތަމަ ވަޑައިގަތީ މިހާރު ބަނޑޭރި ކޮށީގެ ދެކުނުގައި ހުންނަ ތައިސޭ ކޮއްޓަށެވެ.

"އެތަނަށް ގޮސް ބެލިއިރު، އެންމެ ލޯންޗެއް އޮތީ. އެއީ ދެ އިންޖީނު އަޅާފައި އޮތް ލޯންޗެއް. އޭގެން އެއް އިންޖީނު އިނީ ހަލާކުވެފައި. އެންމެ އިންޖީނެއްގައި އެބޭފުޅުން ވަޑައިގަތީ ވިލިނގިއްޔަށް. ވިލިނގިއްޔަށް ގޮސް ދިރާގު ލޯންޗެއްގައި އެ ބޭފުޅުން އޮމާނުގެ މަނަވަރަށް ވަޑައިގަތީ"

ނޮވެންބަރު ތިނެއްގައި ޝަހީދުވި ސިފައިން ----

ސަޢީދު ވިދާޅުވީ، އެއީ އަސްކަރީ މަނަވަރެއް ކަމަށްވިޔަސް އޮޕަރޭޝަނަކަށް ބޭނުންވާ ވަރަށް ތައްޔާރެއް ނެތް ކަމަށެވެ. ޒާހިރާއި ނައީމް ވަޑައިގެން މަނަވަރުގެ ކެޕްޓަނާ ވާހަކަދެއްކެވިއެވެ. އަދި، އަސްކަރީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އެދިވަޑައިގަތެވެ. އެކަމުގެ އިތުރަށް، މި ހަމަލާގެ ސައްހަ މައުލޫމާތު ބޭރު ގައުމުތަކަށް ދެއްވުމަށް ސިފައިން ބޭނުންވެޑައިގަތެވެ.

"މަނަވަރު މެދުވެރިކޮށް ބޭރުގެ އަވަށްޓެރި ގައުމުތަކަށް އެ މައުލޫމާތު ދެއްވީ. އަސްކަރީ އެހީއާ ބެހޭ ގޮތުން ވާހަކަދެއްކީ. އޮމާނުގެ ސަރުކާރުން ނިންމި ކަމަށް ކެޕްޓަން ވިދާޅުވީ، ވަރަށް މަދު ހަތިޔާރެއް ހުރުމާއި މީހުން ވެސް އެވަރަށް ނެތުމާ އެއްކޮށް މަނަވަރު ރާއްޖެ ދޫކޮށް ދިޔުމަށް އެންގެވީ" އެ މަނަވަރު ފުރަންދެން ވެސް ސިފައިން ތިއްބެވީ އެ މަނަވަރުގައެވެ.

މަނަވަރު ފުރުމާއެއްކޮށް، އިރުއޮއްސުނު ފަހުން ޒާހިރު ހިމެނޭހެން 12 ސިފައިން ވަޑައިގަތީ ކ. ގިރިފުށްޓަށެވެ. ވަޑައިގެން އަތު ބޮމާއި އެފަދަ ބައެއް ހަތިޔާރު ހިފައިގެން އެނބުރި މާލެއަށް އައެވެ. ސަޢީދު ވިދާޅުވީ، ހަގީގަތުގައި ދުޝްމަނުންނާ ދެކޮޅަށް ބޭނުންކުރެވޭ ވަރުގެ ހަތިޔާރެއް އެތަނުގައި ނެތް ކަމަށެވެ.

"އެއްޗެއް ނެތް ބަޔަކަށް ކޮންމެ އެއްޗެއް ވެސް ކަމުދާނެ ނޫންތޯ. ހަތިޔާރެއް ގޮތުގައި މިސާލަކަށް އޭގެ ބަޑިބޭސް ކޮޅެއް އެއްޗެއް ބޭނުންކުރެވިދާނެ ކަމަށް ވިސްނަވާފައި [ހިފައިން އައީ]"

ނޮވެންބަރު ތިނެއްގައި ސިފައިންވި ގުރުބާނީ ސަޢީދު ކިޔައިދެއްވަނީ --- ސަން ފޮޓޯ

ބޭރުގައި ތިބި ސިފައިންވީ ލެއާ ފުރާނައިން ގުރުބާން!

އޭރު ސިފައިން ގޭގައި އޮންނަނީ ދެ ތަޅުދަނޑި ފައްޗެކެވެ. އެއީ، އެތެރެ ލޮކަރުގެ ތަޅުދަނޑިއަކާއި ބަޑި ގުދަނުގެ ތަޅުދަނޑިއެވެ. ލޮކަރުގެ ތަޅުދަނޑި އޮންނަވަނީ ޑިފެންސް މިނިސްޓްރީގެ ނައިބު ބެއްލެވުމުގެ ދަށުގައި ކިނބިގަސްދޮށުގޭގައެވެ. އެ ތަޅުދަނޑި ގެނައުމަށް ހަވާލުކުރެއްވީ އޭރުގެ ކޯޕަރަލް އިބްރާހީމް ދީދީއާއެވެ. ދީދީ ވަޑައިގަތީ އޭރުގެ ކޯޕަރަލް ފަރުހަތު ޝަހީދުއާ އެކީގައެވެ. އޭރު އެ ގެ ވަށައިގެން ދުޝްމަނުން ތިއްބެވެ. އެގެއަށް ވަދެވަޑައިގަތުމަށް ދީދީ ތުރުކުރެއްވީ ޔުނީފޯމެކެވެ. ފަރުހަތު ބޭނުންކުރެއްވީ ޓީޝާޓަކާ ސޯޓު ބުރިއެކެވެ.

"އެ ބޭފުޅުން ދުޝްމަނުން ތިއްބައި ކޯޑުންގެ ތެރެއަށް ވަންނަވާފައި، ތަޅުދަނޑިފަތި ހިއްޕަވައިގެން އެބޭފުޅުން ނިކުންއިރުގައި ދުޝްމަނުން އެތަނުން ހިނގައްޖެ. އެ ބޭފުޅުން އައިސް އެއްގޭގެ ފާރުމަތިން އަނެއް ގޭގެ ފުރާޅު މަތިން އެކަހަލަ ގޮތަކަށް އެސްޖެހިގެއަށް އިބްރާހީމް ދީދީ ވަޑައިގަތީ"

އެތަނުން ވަޑައިގަތީ މެދުޒިޔާރަތް މަގަށެވެ. އޭރު ގޮއްވާލި ބާގަނޑު ކައިރީގަޔާއި މުންނާރު ކައިރީގައި ދުޝްމަނުން ތިއްބެވެ. އަމިއްލަ ނަފުސާ ފުރާނައިން ގުރުބާންވީ، ތަޅުދަނޑި ހަވާލު ކުރުމަށެވެ.

ސަޢީދު ވިދާޅުވި ގޮތުގައި، އޭރުގައި ދިވެހި ސިފައިން ތިބީ ވަރަށް ބޮޑަށް ވަޒަނަށް ބޭނުންވެ، އެފަދަ އޮޕަރޭޝަނެއް ކުރިއަށް ނުގެންދެވޭ ހާލަތަށް ގޮސްފައެވެ.

ބާޣީން ސިފަންގޭ ތެރެއަށް ވަނުމަށް، ސިފައިންގެ ފާރު ގޮއްވާލައިގެން ކަނޑާފައިވާ ބާގަނޑު

އިންޑިއާއި ސިފައިން އައުން!

އެހެން އުޅެނިކޮށް އިންޑިއާގެ ސިފައިންގެ ފުރަތަމަ ފުލައިޓު ރާއްޖެ ޖެއްސީ، އެރޭ ގާތްގަނޑަކަށް 09:20 ހާއިރެވެ. އެމީހުން ބަލައި، ފުލައިޓު ކައިރިއަށް ދިޔައީ ވެސް ދިވެހި ސިފައިންނެވެ. މާލެ ގެނައުމުގެ ހުރިހާ ކަމެއް ބެލެހެއްޓީ ވެސް ދިވެހި ސިފައިންނެވެ.

އިންޑިއާއިން އައި ސިފައިން ފުރަތަމަ ބޭނުންވީ، އޭރު ރައީސްކަން ކުރެއްވި މައުމޫން އަބްދުލްޤައްޔޫމް ހުންނެވި ތަނެއް އެނގުމެވެ. އެކަމަކު، އެ މައުލޫމާތު ޒާހިރެއް ނުދެއްވިއެވެ. އޭރު ސިފައިންގޭގެ އެތެރޭގެ ކޮމާންޑަކަށް ހުންނެވީ މޭޖާ މުޙައްމަދު ޒާހިރެވެ.

"މުޙައްމަދު ޒާހިރާ މަޝްވަރާ ކުރައްވާފައި ވިދާޅުވީ، ހަމައެކަނި ރައީސް މައޫމޫން ހުންނެވި ތަނެއްގެ މައުލޫމާތު ދެވޭނީ އިންޑިއާ ސިފައިން މާލެ ދިޔައީމައޭ. އެންމެ ފަހުން އިންޑިއާ ސިފައިން އެ ގޮތަށް އެއްބަސްވެގެން މާލެއައީ. މާލެ އައީމަ ވެސް އެ މައުލޫމާތު ސިފައިން ދީފައެއް ނުވޭ" ސަޢީދު ތަފްސީލު ކޮށްދެއްވިއެވެ.

ބާޣީން ފިލަން އުޅުނު ބޯޓް ކަމަށްވާ ޕްރޮގްރެސް ލައިޓަށް އިންޑިއާ ސިފައިން ހަމަލާދެނީ --

މާލެ އައުމުން ދިވެހި ސިފައިން ރައީސް މައުމޫންގެ އަރިހަށް އިންޑިއާ ސިފައިން ގެންދެވިއެވެ. މައުމޫން އޭރު ހުންނެވީ މ. ގުލިސްތާނު ގޭގައެވެ.

އިންޑިއާ ސިފައިން އައިއިރު، ދުޝްމަނުން ތިބީ ބަލި ގަބޫލުކޮށް ޕްރޮގްރެސް ލައިޓުގައި ފުރަން ތައްޔާރުވެފައެވެ. އިންޑިއާ ސިފައިން ކޮށްދިނީ ރަހީނުން ސަލާމަތްކުރުމާއި ދުޝްމަނުން ހައްޔަރުކޮށްދިނުމުގެ މަސައްކަތެވެ. ސަޢީދު ފާހަގަކުރެއްވި ގޮތުގައި، އެއީ އޭރަށް ބަލައިފިނަމަ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެ ހާދިސާއަށް މިއަދު 37 އަހަރު ފުރިއްޖެއެވެ. އެ ދުވަހު ސިފައިން އެވީ ގުރުބާނީ އަކީ އަގު އަދާނުކުރެވޭ ވަރުގެ ގައުމީ ޚިދުމަތެކެވެ. ވަކީން ޚާއްސަކޮށް ޝަހީދު ހުސައިން އާދަމް ދެއްކެވި ހިތްވަރާއި ފުރަތަމަ ރައްދު ހަމަލައާ އެކު ސިފައިންނަށް ތައްޔާރުވާން ލިބުނު ފުރުސަތަކީ އެ ދުވަހުގެ ކާމިޔާބީގެ މައިގަނޑު އެއް ސަބަބެވެ.

މި ވާހަކަތަކަށް ހުރިހާ ދިވެހީން ވެސް އެއްބަސްވާނެއެވެ. އެ ދުވަހު ސިފައިން ފުރާނަ އަތްމައްޗަށް ލައިގެން އެ ކުރީ އަގުނުކުރޭނެ ޖިހާދެކެވެ.

comment ކޮމެންޓް