މިނިސްޓަރު އަމީން ވަކިކުރަން އެމްޑީޕީން ހުށަހަޅައިފި

ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން: އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވަނީ ހުށަހަޅާފައި --

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މަގާމުން ވަކިކުރަން އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅު އެމްޑީޕީން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އޭނާ ވަކިކުރަން ހުށަހެޅީ ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައެވެ. އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީއަށް ނިސްބަތްވާ 12 މެންބަރުން ވަނީ ސޮއިކޮށްފައެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ، އަމީންގެ އިތުބާރު ނެތް ކަމަށް ހުށަހެޅީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އަމަލުކުރި ގޮތުން ކަމަށެވެ.

އެ މައްސަލައިގައި ބުނީ، މި މަހުގެ 18 ވަނަ ދުވަހު ޔުމްނު ވެއްޓުމުގެ ކުރިން އެ ހާދިސާގައި ހިމެނޭ މީހުން މިނިސްޓަރު އަމީންގެ ގޭގައި މަސްތުވާތަކެތި ބޭނުންކޮށް ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާފައިވާކަމާއި އެ ކަމުގައި އަމީންގެ އާއިލީ ދެ މީހަކު ހިމެނޭކަން އެނގެން އޮތް ކަމަށެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެ ޕާޓީން ވަނީ ހުށަހަޅާފައި -- ސަން ފޮޓޯ/ މާނިއު މުހައްމަދު

މައްސަލައިގައި އަމީންގެ ގެއާއި އާއިލީ ބަޔަކު ހިމެނޭކަން ފޮރުވަން ފުލުހުން މަސައްކަތްކުރި ކަމަށް ވެސް އެމްޑީޕީން ތުހުމަތުކުރެއެވެ.

މި މައްސަލައިގައި ހިމެނޭ މީހުންގެ ވަނަވަރު ފުލުހުން ހާމަކުރީ ހާދިސާއަށް ހަ ދުވަސްވީ ފަހުންނެވެ. މި މައްސަލައިގައި ހިމެނޭ މީހުން ފުރަތަމަ ދިޔަ އަމީންގެ އާއިލީ ގެކޮޅު މއ. މާންދޫގެދެކުނުގޭގެ ނަން ވެސް ފުލުހުން ބުނީ އެ ގޭގެ ނަން ނުބުނާތީ ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފެށި ފަހުންނެވެ.

ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވަން މިނިސްޓަރު އަމީން މަސައްކަތްކުރި ކަމަށާއި އެ މައްސަލައިން އާއިލީ ދެ މީހުން ސަލާމަތްކުރަން ވެސް އޭނާ މަސައްކަތްކުރި ކަމަށް އެމްޑީޕީން ހުށަހެޅި މައްސަލައިގައިވެއެވެ.

އެމްޑީޕީން ހުށަހެޅި މައްސަލައުގައި ބުނެފައިވަނީ، ގާނޫނުއަސާސީގެ 132 ވަނަ މާއްދާގެ ހ ގައި ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކު ގާނޫނުއަސާސީއާއި ގާނޫނަށް ތަބާވެ، ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރަން ވާނީ ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކު ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި، ގާނޫނުއަސާސީގެ 136 ވަނަ މާއްދާގެ ހ ގައި އެއްވެސް މީހަކު އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނުވަތަ ވަކި މީހަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން ބޭނުންކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންވެ، އަމީން އިތުރަށް ޓްރާންސްޕޯޓު މިނިސްޓަރުގެ މަގާމުގައި ހުރުމަކީ ރައްޔިތުންގެ ހައްގުތައް ގެއްލި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ކަމެއް ކަމަށް އެމްޑީޕީން ގަބޫލުކުރެއެވެ. އެ މައްސަލައިގައި އަމީން ވަކިކުރަން ހުށަހެޅީ އެހެންވެއެވެ.

ޔުމްނުއަށް އިންސާފު ހޯދަން ގޮވާލައި ގިނަ އަދަދެއްގެ ޒުވާނުން އިހުތިޖާޖުކުރަމުން އަންނައިރު އެ މީހުން އަންނަނީ އަމީން މަގާމުން ވަކިކުރަން ވެސް ގޮވާލަމުންނެވެ. އެކަމަކު، ގޭގައި އޭނާއަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ވެސް ހިމެނޭހެން އެފަދަ ކަމެއް ކުރީ އޭނާއަށް އެނގިގެން ނޫން ކަމަށާއި އަދި އެ މައްސަލައަށް އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

https://sun.mv/205351

މި މައްސަލައިގައި އަމީން ސަސްޕެންޑުކުރަން ވެސް އެމްޑީޕީން ވަނީ ގޮވާލައިފައެވެ.

މަޖިލީހަށް މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމުން ގާނޫނުއަސާސީގައި ވާގޮތުން ބަހުސް ފެށުމުގެ ކުރިން 14 ދުވަހުގެ ނޯޓިހެއް ދޭންޖެހެއެވެ. އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން މައްސަލައަށް ޖަވާބުދާރީވުމުގެ ހައްގު މިނިސްޓަރަށް ލިބޭނެއެވެ.

މިނިސްޓަރަކު މަގާމުން ވަކިކުރެވޭނީ ގާނޫނުއަސާސީގައި ވާގޮތުން މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަމީން ވަކިކުރަން އެމްޑީޕީން 12 މެންބަރުންގެ ސޮޔާ އެކު ހުށަހެޅި ނަމަވެސް މި މަޖިލީހުގައި ޖުމުލަ 93 މެންބަރުން ތިއްބަވައެވެ. އޭގެ ތެރެއިން 75 މެންބަރުންނަކީ ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނެވެ.

comment ކޮމެންޓް