ވަޒީރުން ހާޒިރުކުރުން ލަސްވަނީ މެންބަރުންނާއި ވަޒީރުން ރާއްޖޭގައި ނުތިބޭތީ: ނާޒިމް

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: އޭނާ ވިދާޅުވީ، ވަޒީރުން ހާޒިރުކުރުން ލަސްވަނީ އެ ބޭފުޅުންނާއި މެންބަރުން ވެސް ރާއްޖޭގައި ނުތިބޭތީ ކަމަށް -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ވަޒީރުން ހާޒިރުކުރުން ލަސްވަނީ ސުވާލު ރައްދުވާއި ވަޒީރާއި ހުށަހަޅުއްވައި މެންބަރުން ވެސް ރާއްޖޭގައި ނޫޅުއްވާތީ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

މެންބަރުން ވަޒީރުންނާ ކުރާ ސުވާލުތަކުގެ މައްސަލަ ލަސްވާތީ މިއަދު ވަނީ ގަރާރެއް ހުށަހަޅުއްވައިފައެވެ.

ވަޒީރުން މަޖިލީހަށް ހާޒިރުނުކުރާ ކަމަށާއި ސަބަބެއް ނާންގާ މަޖިލީހުގެ ޖަލްސާތައް ކެންސަލްކުރާ ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވައި މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މަޖިލީހުގައި މިއަދު ވަނީ އެ ގަރާރަށް ބަހުސްކޮށްފައެވެ.

ބަހުސްގެ ފުރުސަތު ހުޅުވައިލުމުގެ ކުރިން ރިޔާސަތުގައި އިންނަވާ ނާޒިމް ވިދާޅުވީ، ވަޒީރުން ހާޒިރުކުރުން ލަސްވަނީ އެ ބޭފުޅުންނާއި އަދި ސުވާލު ހުށަހަޅުއްވާ މެންބަރުން ވެސް ރާއްޖޭގައި ނޫޅުއްވާތީ ކަމަށެވެ.

މަޖިލީހުގެ ޖަލްސާގެ ތެރެއިން: ނައިބު ރައީސް ނާޒިމް ވިދާޅުވީ ޖަލްސާއަށް ސުވާލުތައް އެޖެންޑާނުކުރެވެނީ މެންބަރުންނާއި ވަޒީރުން ވެސް ރާއްޖޭގައި ނުތިއްބަވާތީ -- ފޮޓޯ/ މަޖިލީސް

"ވަޒީރުންނާ ސުވާލުކުރުމާ ގުޅޭ ގޮތުން އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ މިހާރު ވަޒީރަކަށް ސުވާލެއް ފޮނުވުމަށް ފަހު ގާނޫނީ ގޮތުން ދޭ ނޯޓިސް ދިނުމަށް ފަހު، ވަޒީރަށް މަޖިލީހަށް ވަޑައިގެންނެވޭ ގޮތަށް ރާއްޖޭގައި ހުންނެވުމަކީ ވެސް ވާންޖެހޭ ކަމެއް،" ކަން އޮތްގޮތް ސާފުކޮށްދެއްވަމުން އޭނާ ވިދާޅުވިއެވެ.

"އަދި، ސުވާލުކުރެއްވި މެންބަރަށް މަޖިލީހަށް ވަޑައިގެންނެވޭ ގޮތަށް ހުންނެވުމަކީ ވެސް ވާންޖެހޭ ކަމެއް،"

ނާޒިމް ވިދާޅުވީ، މިއަދުގެ ޖަލްސާއަށް ވެސް ސުވާލެއް އެޖެންޑާކުރަން މަސައްކަތްކުރެއްވި ކަމަށެވެ. އެކަމަކު، އެ ސުވާލު ހުށަހެޅުއްވި މެންބަރު ރާއްޖޭގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ކޮން ސުވާލެއްކަން ނުވަތަ ކޮން މެންބަރެއްކަން ފާހަގަނުކުރައްވައި އޭނާ ވިދާޅުވީ، އެ މެންބަރު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭން ބޭރުގައި ކަމަށެވެ.

މާދަމާގެ ޖަލްސާއަށް އެޖެންޑާކުރަން ބެއްލެވި ސުވާލު ވެސް އެހެންވެ އެޖެންޑާކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަޒީރު ރާއްޖޭގައި ހުންނަވާފައި، ސުވާލުކުރެއްވި މެންބަރު ހުންނެވިއްޔާ އަޅުގަނޑުމެން ބަލާނަން އެ ސުވާލެއް ތާވަލުކުރެވޭތޯ،" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވަޒީރުންނާ ކުރަން މިހާރު މެންބަރުން ހުށަހަޅުއްވާފައި ހުރި ސުވާލުތަކުގެ ތެރެއިން ގާނޫނީ ގޮތުން ވަޒީރުންނަށް ދޭންޖެހޭ 14 ދުވަހުގެ ނޯޓިސް ހަމަވެފައި ހުރި ސުވާލުތައް ރައްދުވާ ވަޒީރުން މި ވަގުތު ތިއްބެވީ ރަސްމީ ދަތުރުތަކުގައި ކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް: އޭނާ ވަނީ މަޖިލީހަށް ވަޒީރުން ހާޒިރުނުކުރާތީ ކަންބޮޑުވުން ފާޅުކުރައްވައި ގަރާރެއް ހުށަހަޅުއްވާފައި -- ފޮޓޯ/ މަޖިލިސް

މި މައްސަލައިގައި މީކާއިލް ހުށަހެޅުއްވި ގަރާރުގައި ވަނީ ސަރުކާރު ޖަވާބުދާރީކުރުމާއި ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމަކީ މަޖިލީހުގެ ދުސްތޫރީ ވާޖިބެއް ކަމަށެވެ. އެކަމަކު، ވަޒީރުންނާ ސުވާލުކުރަން ހުށަހެޅުމުން އެ ވަޒީރުންނަށް ގާނޫނީ ގޮތުން ދޭންޖެހޭ ނޯޓިސްގެ މުއްދަތު ހަމަވި ނަމަވެސް އެ ބޭފުޅުން މަޖިލީހަށް ހާޒިރުވެ ޖަވާބުދީފައިނުވާ ކަމަށް ގަރާރުގައިވެއެވެ.

ވަޒީރުން ހާޒިރުނުކޮށް ލަސްކުރަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމަށާއި އެ މަނިކުފާނު ގެންދަވަނީ ސަބަބެއް ނެތި ޖަލްސާތައް ނުބާއްވައި ކެންސަލްކުރަމުން ކަމަށް ވެސް މީކާއިލް ވަނީ ތުހުމަތުކުރައްވައިފައެވެ.

އެހެންވެ، ސަރުކާރު ޖަވާބުދާރީކުރުމުގެ ވާޖިބު އަދާކުރަން ހުރަސްއެޅޭ ކަމަށް ގަރާރުގައިވެއެވެ.

މަޖިލީހުގެ ގިނަ ޖަލްސާތައް މިދިޔަ ހަފުތާގައި ވެސް ކެންސަލްކުރިއެވެ. އޭރު މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވި ގޮތުގައި ތަޅުމުގައި ޖަލްސާ ނުބޭއްވީ ކުރާނެ މަސައްކަތެއް އެ ދުވަސްތަކުގައި ނެތުމުންނެވެ.

comment ކޮމެންޓް