މަރުވެފައި އޮތް މީހަކު ފެނުން: އާއިލާއާ މަޝްވަރާކޮށް، ޕޯސްޓްމޯޓަމް ނުހަދައި ވަޅުލައިފި

އެމްބިއުލާންސެއް މަގުމަތީގައި: މިދިޔަ އަންގާރަ ދުވަހު މާލޭގެ ގެއެއްގައި މަރުވެފައި އޮތް މީހަކު ވަނީ ފެނިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަންގާރަ ދުވަހު މާލޭގެ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނުނު މައްސަލައިގައި، އެ މީހާގެ ޕޯސްޓްމޯޓަމް ނުހަދަން ނިންމައިފައިވާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

ފުލުހުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މާފަންނުގައި ހުންނަ ގެއެއްގައި މ. އަލުވިމާގެއާގެ، މުހައްމަދު ހިސާމް (40އ) މަރުވެފައި އޮއްވައި ފެނިފައިވާ މައްސަލައެއް މިދިޔަ އަންގާރަ ދުވަހުގެ 16:40ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލައި، ޕޯސްޓްމޯޓަމް ހެދުމާ ގުޅޭ ގޮތުން އާއިލާއާ މަޝްވަރާކުރި ކަމަށް އެ މުއައްސަސާއިން ބުންޏެވެ. އެ މަޝްވަރާއަށް ފަހު ނިންމައިފައިވަނީ ޕޯސްޓްމޯޓަމް ނުހަދަން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާގެ ހަށިގަނޑު ވަޅުލަން ބޭނުންވަނީ މިއަދު ކަމަށް އާއިލާއިން ބުނެފައިވާތީ ފުލުހުން ވަނީ ހިސާމްގެ ހަށިގަނޑު މިއަދު އާއިލާއާ ހަވާލުކޮށްފައެވެ.

އޭނާގެ ކަށުނަމާދު، މިއަދު އަސްރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި ބޭއްވުމަށް އިއުލާންކޮށްފައިވެއެވެ.

ގޮތް ނޭނގޭ ގޮތަކަށް މަރުވެފައި އޮއްވައި ފެންނަ މީހުންގެ މައްސަލަތަކުގައި އާންމު ގޮތެއްގައި ހަށިގަނޑު ބޭރަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހަދައެވެ. ނަމަވެސް އާއިލާއިން އެދޭ ނަމަ، ފުލުހުން އެ ނިންމުން ބަދަލުކޮށްފައި ވެސް އެބަހުއްޓެވެ.

comment ކޮމެންޓް