މަންދީއަށް ސާޖިދާ ކުރި ދައުވާ ފެމެލީ ކޯޓުގައި ފަށައިފި

މަރިޔަމް ޒުބައިރު (މަންދީ) އާއި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު--

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލުންގެ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކޮށް, އެމްޑީޕީގެ އިސް އެކްޓްވިސްޓް މަރިޔަމް ޒުބައިރު (މަންދީ)އާ ދެކޮޅަށް, ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު, ކުރެއްވި ދައުވާގެ އިބްތިދާއީ މަރުހަލާ މިއަދު ފެމެލީ ކޯޓުގައި ފަށައިފިއެވެ.

ސާޖިދާ މުޙައްމަދު, މަންދީގެ މައްޗަށް ދައުވާ ކުރައްވަނީ އެމްޑީޕީން މިދިޔަ މާޗުމަހު ކުރިއަށްގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި މަންދީ ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ. އޭނާވަނީ، މިދިޔަ އަހަރު ރާއްޖޭގައި ވޭޕް މަނާކޮށްފައިވަނީ ރައީސްގެ ދަރިކަލުން ވޭޕްކުރައްވާތީ ކަމަށް ތުހުމަތުކޮށްފައެވެ.

https://www.sun.mv/204854

މަންދީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ ދެކޮޅަށް ވެސް ސާޖިދާ ވަނީ ސިވިލް ކޯޓާއި ފެމެލީ ކޯޓުގައި ދައުވާ އުފުއްލައިފައެވެ.

ފެމިލީ ކޯޓަށް މައްސަލަތައް ހުށަހެޅީ ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާތީ ކަމަށް ތުހުމަތުކުރައްވައެވެ.

މަންދީގެ ގާނޫނީ ވަކީލް އިބްރާހީމް ޝިޔާމް މިއަދު "ސަން"އަށް ވިދާޅުވީ، ފެމެލީ ކޯޓުގައި މިއަދު އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެ އަޑުއެހުމުގައި އޮތީ ދައުވާ ކުރާ ފަރާތުން ދައުވާ ހުށަހެޅުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ދައުވާއަށް އަންނަ މަހުގެ 15ގައި ޖަވާބުދާރީވާން އަންގާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، މަންދީގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެ އުފުލާފައިވާ ދައުވާތަކަށް އިންކާރު ކުރައްވާ ކަމަށެވެ.

ފަސްޓް ލޭޑީ ސާޖިދާގެ ގާނޫނީ ވަކީލް, އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ކުރިން ވިދާޅުވީ، މައްސަލަތައް ހުށަހަޅިފައިވަނީ ގާނޫނުއަސާސީއާއި ގާނޫނުތަކުން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަމުގެ ހައްގު، ސިޔާސީ ދެކޮޅުވެރިކަމާއި ވާދަވެރިކަމުގެ ތެރެއިންވިޔަސް ނިގުޅައި ނުގަނެވޭނޭކަން ކަށަވަރުކޮށް، އެ ކުދިންގެ ތަޢުލީމާއި މުސްތަގުބަލު އަދި ނަފުސު، ގަނާ ކުރުމާއި ފުރައްސާރަކުރުމާއި އަދި ނުރައްކަލުގެ ތެރެއަށް ހުށަހެޅުމަށްކުރެވޭ މަސައްކަތްތަކުން ސަލާމަތްކޮށް ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގްސަދުގައި ކަމަށެވެ.

އެމްޑީޕީންވަނީ މުޒާހަރާގައި ދައްކައިފައިވަނީ އެއްވެސް ހާލެއްގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް، އަދި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ވާހަކައެއް ނޫން ކަމަށް ބުނެފައެވެ.

އެމްޑީޕީގެ މުޒާހަރާގައި ރައީސްގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަ އިލެކްޝަންސް ކޮމިޝަން (އީސީ)އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވަނީ ކުށްވެރިކޮށްފައެވެ.

comment ކޮމެންޓް