ޝަންގްރިއްލާގެ މަސައްކަތްތަކުގެ ތާރީޚުތަކެއް، ލަސްތަކެއްނުވެ ދޭނެ ކަމަށް މެނޭޖްމެންޓުން ބުނޭ: ތާރިގް

ޓޫރިޒަމް މިނިސްޓަރު ތާރިގު އިބްރާހީމް އޭޓީއެމް 2025ގައި މީޑިއާތަކާ ވާހަކަދައްކަވަނީ: ޝަންގްރިއްލާ އަލުން ހުޅުވުމުގެ މަސައްކަތް ވަރަށް ސީރިއަސްކޮށް ކުރަމުންދާ ކަމަށް ވިދާޅުވި -- ފޮޓޯ/ އެމްއެމްޕީއާރްސީ

އައްޑޫ ސިޓީގެ އެންމެ ބޮޑު ރިސޯޓު ކަމަށްވާ ޝަންގްރިއްލާ އަލުން ހުޅުވުމަށް ކުރާ މަސައްކަތްތަކުގެ ތާރީޚުތަކެއް، މާ ލަސްތަކެއް ނުވެ ސަރުކާރަށް ދޭނެ ކަމަށް އެ ރިސޯޓުގެ މެނޭޖްމެންޓުން ބުނެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ 30 ޕަސެންޓު ހިއްސާ އޮންނަ، އައްޑޫގެ ފުރަތަމަ ރިސޯޓު ކަމަށްވާ ޝަންގްރިއްލާ މަރާމާތު ކުރަން ބަންދު ކުރީ ކޮވިޑް ބަލިމަޑުކަން ފެތުރުނު ފަހުން، 2020 ވަނަ އަހަރެވެ. އެ ފަހުން އެ ރިސޯޓް ނުހުޅުވި އެތައް ދުވަހެއް ވެފައިވާއިރު، އެކަމާ އައްޑޫ ސިޓީގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިދިޔަ ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމެން އުޅެނިކޮށް، ޝަންގްރިއްލާ ރިސޯޓުގައި އޮންނަ ސަރުކާރުގެ ހިއްސާ ދޫކޮށްލުމަށް އެ ރިސޯޓު ހިންގާ ކުންފުންޏާ ލިޔުންތައް ހަވާލުކޮށްފައިވާ ކަމަށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވިއެވެ.

ޝަންގްރިއްލާގެ މައްސަލައިގެ ކަންބޮޑުުވުން އޮއްވައި، މި ސަރުކާރު އައުމަށްފަހު އެތަން އަލުން ހުޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މިދިޔަ އަހަރު ވިދާޅުވިއެވެ.

ފައިސަލަށް ފަހު އެ މިނިސްޓްރީއާ ހަވާލުވެވަޑައިގެންނެވި ތާރިގް ވަނީ، ދުބާއީގައި ކުރިއަށް ދިޔަ 'އަރަބިއަން ޓްރެވަލް މާކެޓް 2025 (އޭޓީއެމް)'ގައި ޝަންގްރިއްލާގެ ވީޕީ އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓް، ސެމިއުލް ލިމް ޔޮންގް ޕެންގްއާ ބައްދަލުކުރައްވައިފައެވެ.

ޝަންގްރިލާ ވިލިނގިލި ރިސޯޓު ހިންގާ އައްޑޫ ސިޓީގެ ވިލިނގިލި -- ފޮޓޯ/ ޝަންގްރިލާ

އެ ބައްދަލުވުމާ ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ތާރިގު ވިދާޅުވީ މިދިޔަ ރޯދަ މަސްތެރޭ ޝަންގްރިއްލާގެ ހާލަތު ބެއްލެވުމަށް ވަޑައިގަތް ކަމަށާއި، އެތަން ހުރީ ވަރަށް ރަނގަޅަށް ބަލަހައްޓާފައި ކަމަށެވެ. ޝަންގްރިއްލާގެ މެނޭޖްމަންޓް ޓީމާ ބައްދަލުކުރުމަށް ދައުވަތު ދެއްވީ އެ ދަތުރުފުޅަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

ތާރިގް ވިދާޅުވީ އެ ބައްދަލުވުމުގައި ނިންމީ ކުރިއަށް އޮތް ތަނުގައި ޝަންގްރިއްލާ އަލުން ހުޅުވުމަށް ލަސްތަކެއް ނުވާނެ ގޮތަށް މަސައްކަތާ ގުޅުންހުރި ޝެޑިއުލެއް މިނިސްޓްރީއަށް ދިނުމަށް ކަމަށެވެ.

"ދެން ކަނެކްޓިވިޓީ އެންމެ ބޮޑު މައްސަލައަކަށް ވަނީ. އެހެންވީމަ އެ ކަންތައްތައް ރަނގަޅުކުރަން ސަރުކާރާއި އެ ބޭފުޅުންނާ އެއްކޮށްގެން ވެސް މަސައްކަތްކުރަމުންދަނީ. އޭގެ ތެރެއިން އެއް ކަމަކީ އެއާލައިންސްއާ ވެސް ވާހަކަދެއްކުން. ވާހަކަދެކެވިގެން ދިޔަ މި ދެންނެވި އެއާލައިންތަކާއެކު ވެސް،" ތާރިގް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭޓީއެމްގެ ހަވާސާގެ ތެރެއިން ޝަންގްރިއްލާގެ މެނޭޖްމަންޓާ ބައްދަލުކުރައްވައި، ދެ ފަރާތުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި، ޚާއްސަކޮށް އެތަނުގައި ކުރަންޖެހޭ މަސައްކަތްތައް ކުރަން ފެށޭނެ ތާރީޚުތަކާ ގުޅޭ ގޮތުން ސުވާލުކުރެއްވި ކަމަށެވެ. އަދި މާ ލަސްތަކެއް ނުވެ ޓައިމްލައިންތަކެއް ދޭނެ ކަމަށް މެނޭޖްމަންޓުން ބުނެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އިތުރަށް މަސައްކަތްކުރަންޖެހޭ. އެ މަސައްކަތް ވަރަށް ސީރިއަސްކޮށް ކުރަމުންދަނީ،" ތާރިގް ވިދާޅުވިއެވެ.

ޝަންގްރިއްލާއަކީ ރާއްޖޭގެ އެންމެ ދެކުނުގައި ލަގްޒަރީ ފެންވަރަށް ޚިދުމަތް ދެމުންދިޔަ އަދި އައްޑޫގެ ގިނަ ބަޔަކު ވަޒީފާ އަދާ ކުރަމުން ދިޔަ ރިސޯޓެކެވެ.

comment ކޮމެންޓް