ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުންގެ ޓީމުތައް މާލޭގެ މަގުތަކުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި އެންފޯސްމަންޓު ޓީމުތައް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި މަސައްކަތުގެ އަމާޒަކީ ރައްޔިތުންނަށް ރައްކާތެރިކަމުގެ އިހުސާސް ކޮށްދިނުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މާލޭގެ މަގުތަކުގައި ހަރަކާތްތެރިވަނީ --- ފޮޓޯ/ ފުލުހުން
އެ ޕޯސްޓާއެކު ފުލުހުން ވަނީ ފޮޓޯތަކެއް ވެސް އާންމުކޮށްފައެވެ. އޭގެން ފެންނަނީ، ސްޕެޝަލް އޮޕަރޭޝަން ޔުނިފޯމުގައި ތިބި ފުލުހުންގެ ޓީމުތައް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ތަނެވެ.
އަދި މުގުރު ފަދަ ތަކެތި ވެސް ބައެއް ފުލުހުންގެ އަތުގައި ހުރިތަން ފޮޓޯތަކުން ފެނެއެވެ.
މި ހަރަކާތް ފުލުހުން ފަށާފައި ވަނީ، މާލޭގައި ސިލްސިލާކޮށް މުޒާހަރާތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.