ހައްވާ ޔުމްނު ރަޝީދުގެ އިންސާފަށް ގޮވާލައި، ޒުވާނުން ކުރާ މުޒާހަރާގެ ތެރެއިން މިރޭ ހައްޔަރުކުރި ދެ މީހުން ޝަރުތަކާ ނުލައި ދޫކޮށްލުމަށް އެމްޑީޕީން ގޮވާލައިފިއެވެ.
މިރޭގެ މުޒަހަރާގެ ތެރެއިން ޒުވާނުން ވަނީ މިއުޒިކާއި ޓޭބަލް ޓެނިސް ވެސް ކުޅެފައެވެ. އެކަން ކުރަމުން ދަނިކޮށް ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ވަނީ މުޒާހަރާ ތެރެއަށް ވަދެ ޕެޕާ ސްޕްރޭ ޖަހައިފައެވެ.
އެ ހިސާބުން ޒުވާނުންގެ މުޒާހަރާ ހޫނުވެ، ފުލުހުންނާ ކުރިމަތިލުންތަކެއް ދިޔައެވެ. އެ ކަންތައްތަކުގެ ތެރެއިން ދެ މީހަކު ފުލުހުން ހައްޔަރުކުރިއެވެ.
ހައްޔަރުކުރި ދެ މީހުންގެ ތެރޭގައި ހިމެނެނީ އެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ އައިޝަތު ޝިމަން އަޙުމަދާއި، މި ސަރުކާރުގައި ކުރިން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އަބްދުﷲ މަހްޒޫމް މާޖިދެވެ.
އެ މައްސަލައިގައި އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، އެ މުޒާހަރާ ތެރެއަށް އެއްވެސް އިންޒާރެއް ނެތި ޕެޕާ ސްޕްރޭ ޖެހުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
އެގޮތުން، އެއްވެ އުޅުމުގެ މިނިވަން ކަމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ގާނޫނު އަސާސީން ލިބިފައިވާ ހައްގެއް ކަމަށްވާއިރު، ޒުވާނުންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވުމަށް ކުރާ މުޒާހަރާތައް 'އަނިޔާވެރިކަމާއެކު' ރޫޅާލުމަކީ ސަރުކާރަށް ގޮތް ހުސްވެގެން ހެދި ބޮޑު ގޯހެއްގެ ގޮތުގައި އެ ޕާޓީން ވަނީ ސިފަކޮށްފައެވެ.
"ސުލްހަވެރިކަމާއެކު މުޒާހަރާކުރަމުންދާ ޒުވާނުންގެ ތެރެއިން އެ މުޒާހަރާތައް ލީޑު ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ހައްޔަރުކުރި ދެ ޒުވާނުން އެއްވެސް ޝަރުތަކާ ނުލައި މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލަން،" ބަޔާނުގައިވެއެވެ.
ޒުވާނުންގެ މުޒާހަރާތަކަށް ފުރުސަތު ދިނުމަށާއި ފުލުހުން ބޭނުންކޮށްގެން މުޒާހަރާތައް ހުއްޓުވަން ކުރާ މަސައްކަތްތައް ހުއްޓާލުމަށް އެ ޕާޓީން ވަނީ ގޮވައިލައިފައެވެ.
އާންމުކޮށް ކޮންމެ ރެއަކު 12 ޖެހުމާއެކު މުޒަހާރާ ހުއްޓާލި ނަމަވެސް، މިރޭގެ މުޒަހާރާ އަދި ވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ.