ޒުވާނުންގެ އިހުތިޖާޖުން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 3 ދުވަސް

ދެ ޒުވާނުންގެ ބަންދު މުއްދަތު ޖަހަން ބޭއްވި ކްރިމިނަލް ކޯޓު އަޑުއެހުމުގެ ތެރެއިން --

ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ އިންސާފަށް ގޮވާލައި ޒުވާނުން ކުރަމުން އައި ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ ހައްޔަރުކުރި ދެ ޒުވާނުންގެ ބަންދަށް ކްރިމިނަލް ކޯޓުން ތިން ދުވަސް މިއަދު ޖަހައިފިއެވެ.

ހައްޔަރުކުރި ދެ މީހުންގެ ތެރޭގައި ހިމެނެނީ އެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ އައިޝަތު ޝިމަން އަޙުމަދާއި މި ސަރުކާރުގައި ކުރިން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އަބްދުﷲ މަހްޒޫމް މާޖިދެވެ.

މި ދެ ޒުވާނުން ހައްޔަރުކުރުމާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ އިތުރުން ޑިމޮކްރެޓުންނާއި، އެމްޑީއޭއިން ވެސް ވަނީ އެ މީހުން މިނިވަން ކުރުމަށް ގޮވާލައިފައެވެ.

ރޭ އޮތް މުޒާހަރާގައި ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، މުޒާހަރާ ރޫޅާލަން މަސައްކަތް ކޮށްފައެވެ. އަދި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތައް ހިނގައި، ބައިވެރިންގެ މޫނަށް ޕެޕާ ސްޕްރޭ ވެސް ޖަހައިފައި ވެއެވެ.

އެ މައްސަލައިގައި ފުލުހުން ބުނީ، ޒުވާނުން ކުރި މުޒާހަރާ ރޫޅާލީ ތައުލީމީ މަސްލަތާއި އާންމުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށެވެ.

comment ކޮމެންޓް