ގާނޫނާ ޚިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމުގެ އިތުރުން، އެއްވުން އިންތިޒާމު ކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅައި، އާންމު މަސްލަހަތު ރައްކާތެރި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
މިހެން ފުލުހުން ބުނެފައިވަނީ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި، އިންސާފަށް ގޮވާލައި ޒުވާނުން އިސްނަގައިގެން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެންނެވެ.
ފުލުހުން ނެރުނު ބަޔާނެއްގައިވަނީ މާލޭގެ މަޖީދީ މަގުގައި މިހާރު ކުރިޔަށްގެންދާ އިހުތިޖާޖުގެ ސަބަބުން، އެ މަގު ބަންދުވެ، އާންމު ދަތުރުފަތުރުގެ ނިޒާމަށް ހުރަސް އެޅޭކަން ފާހަގަކޮށްފައެވެ.
އެގޮތުން ހިނގާބިނގާވެ އުޅޭ މީހުންނާއި ދުއްވާ އެއްޗިހީގެ އިތުރުން، އިމަޖެންސީ ޚިދުމަތްތަކާއި ވިޔަފާރިތައް، އަދި ޖީސީއީ އޯލެވެލް އިމްތިހާނުތަކަށް ތައްޔާރުވަމުންދާ ދަރިވަރުންނަށް ވެސް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެހެން ކަމުން ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން، އެއްވުންތަކާއި، ހިނގާލުންތައް ނުވަތަ މުޒާހަރަތާތައް އިންތިޒާމުކުރާ ފަރާތްތަކުގެ މައްޗަށް އާންމު ރައްކާތެރިކަން ދެމެހެއްޓުމާއި، އެހެން ފަރުދުންނަށް ލިބޭ މަގު ބޭނުންކުރުމާއި ދަތުރުފަތުރު ކުރުމާއި، އަދި އެ ކަންކަމާ ގުޅިފައިވާ ހައްގުތަކާއި މިނިވަންކަމުގެ އަސާސީ ހައްގުތަކަށް އުނިކަން ނާންނާނޭހެން އެއްވެ އުޅުމުގެ ހައްގުގެ ބޭނުން ހިފުމަށް ފުލުހުން ވަނީ އެދިފައެވެ.
ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނުން ލިބިދީފައި އޮތަސް، ފުލުހުންގެ ޚިދުމަތުން، ލިޔުމުންދޭ ހުއްދައާއެކު ފިޔަވައި، ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގައިލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ ހޯމްލޭންޑް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެ ކަންޏެވެ.
އެ ތަންތަނަކީ، ހެންވޭރު ކާނިވާ ސަރަހައްދާއި ރަސްފަންނާއި މާލޭގެ ހުޅަނދު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނު)އާއި އުސްފަސްގަނޑު ސަރަހައްދެވެ.
އެ ތަންތަން ފިޔަވައި އެހެން ތަންތަނުގައި ރައްޔިތުންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ގާނޫނުގައިވާ ގޮތުގެ މަތީން ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގު، އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބޭކަން ކަށަވަރު ކުރުމުގައި އެ ޚިދުމަތުން ދެމިތިބޭނެ ކަމަށެވެ.
ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ބާއްވާ ސުލްހަވެރި އެއްވުންތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އެ ފަދަ އެއްވުންތައް ބާއްވާ ސަރަހައްދުތަކުގެ މަގުތަކާއު އެއްވުން ނުވަތަ ހިނގާލުން ކުރިޔަށް ގެންދިއުމަށް ބޭނުންވާނެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިންތިޒާމު ދިވެހި ފުލުހުންގެ ޚިދުމަތުން ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.