އިންސާފު ހޯދަން ޒުވާނުން ނިކުންނާތީ އެ ކަމުން ހިތްވަރު ލިބޭ ކަމަށާއި، އެމްޑީޕީން ބޮޑު ދައުރެއް އަދާކޮށްގެން ގެނައި ގާނޫނު އަސާސީ ރައްޔިތުން ބަލައިގަނެފި ކަމަށް އެ ޕާޓީގެ އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ މިރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މިރޭ ބޭއްވި ބައްދަލުވުމުގައި، އެ މަޖިލީހުގެ މެންބަރުންވަނީ ޒުވާނުންގެ މުޒާހަރާގައި އެމްޑީޕީން ބައިވެރިވާންޖެހޭކަމަށް ބުނެ ވާހަކަ ދައްކައިފައެވެ.
އެއާއެކު ޝާހިދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުންނަށް ބިރުދައްކަވައިގެން ވެރިކަމުގައި "ބަގުޑި ބައްދައިގެން" އަބަދު ނޯންނެވޭނެ ކަމަށެވެ.
"ޒުވާނުން ނުކުތީމާ އަޅުގަނޑު ހިތްހަމަޖެހެނީ އަޅުގަނޑުމެން އެތައް މަސައްކަތަކުން ގެނައި ގާނޫނުއަސާސީ މިހާރު މި އޮތީ ރަނގަޅަށް ރައްޔިތުން ބަލައިގެންފައޭ. މިއަށް ވާނެ އެއްޗެއް ވާކަށް ދޫކޮށެއް ނުލާނެއޭ. މި ގާނޫނު އަސާސީ ގެނައުމުގައި އެމްޑީޕީން އަދާކުރި ދައުރު ބޮޑު. ވީ ގުރުބާނީ މަތިވެރި،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ގާނޫނު އަސާސީއާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމުގައި އެމްޑީޕީން ދެމިއޮންނާނެ ކަމަށެވެ. އަދި އެ ކަމުގައި ރައްޔިތުންގެ ތެރެއިން ނިކުންނަ ޒުވާނުންނާ އެމްޑީޕީން ބައިވެރިވާނެ ކަމަށާއި، އެމްޑީޕީގެ މުޅި ވިސްނުމަކީ ރާއްޖޭގެ ވެރިކަން ރަސްކަމަކަށް ދިޔަނުދިނުން ކަމަށް ޝާހިދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ދައްކަނީ އެއް ވާހަކައެއް. އަޅުގަނޑުމެންގެ މުޅި ވިސްނުމަކީ މި ރާއްޖެ ޑިކްޓޭޓާޝިޕަކަށް ދިޔަނުދިނުން. ހިތުހުރި ގޮތަކަށް ކަންކުރާ ތަނަކަށް ބަދަލުވެގެންދިޔަ ނުދިނުން. އެ ކަމަށް އެމްޑީޕީ ދުވަހަކު ވެސް ފުރުސަތެއް ނުދޭނަން،" ޝާހިދު ވިދާޅުވިއެވެ.
ޒުވާނުން މުޒާހަރާކުރަނީ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި އިންސާފު ހޯދައިދިނުމަށް ގޮވާލައެވެ.
ރޭ އޮތް މުޒާހަރާގައި ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، މުޒާހަރާ ރޫޅާލަން މަސައްކަތް ކޮށްފައެވެ. އަދި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތައް ހިނގައި، ބައިވެރިންގެ މޫނަށް ޕެޕާ ސްޕްރޭ ވެސް ޖަހައިފައި ވެއެވެ.