މިއަދު އެނގުނީ ވެރިކަމަށް އައީ އަސްކަރީ އެއްބަސްވުންތަކާ ގުޅޭގޮތުން އޮޅުވާލައި، މުތުލަގަށް ދޮގު ހަދައިގެންކަން: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: މިއަދު އެނގުނީ ވެރިކަމަށް އައީ އަސްކަރީ އެއްބަސްވުންތަކާ ގުޅޭގޮތުން އޮޅުވާލައި، މުތުލަގަށް ދޮގު ހަދައިގެންކަން ކަމަށް ޝާހިދު ވިދާޅުވި --

މިއަދު އެނގިގެން ދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ކުރީގެ އެމްޑީޕީ ސަރުކާރުން ވެފައިވާ އަސްކަރީ އެއްބަސްވުންތަކާ ގުޅޭ ގޮތުން ރައްޔިތުންނަށް އޮޅުވާލައި، މުތުލަގަށް ދޮގު ހައްދަވައިގެންކަން ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

އަހަރަކަށް ވުރެ ގިނަ ދުވަހަށް ފަހު މިއަދު ރައީސް މުއިއްޒު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ.

އެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ އެމްޑީޕީ ސަރުކާރުން ހެދި އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ވަރު ކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ކުރީ ސަރުކާރުން އިންޑިއާއާއެކު ވެފައިވާ ގޮތް ނޭނގޭ އެއްބަސްވުންތައް ހާމަކުރުމުގެ ވައުދުފުޅާއެކުއެވެ. އަދި އިންޑިއާއާއެކު އެމްޑީޕީގެ ވެރިކަމުގައި ނުރައްކާތެރި އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވެވިއެވެ.

އެކަމަށް ރައްދު ދެއްވައި 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ‏މިއަދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް އަކުރުން އަކުރަށް، ފިލިން ފިއްޔަށް އެ ޔަގީންކޮށް ކަށަވަރުކޮށްދެއްވީ މިދިޔަ ސަރުކާރުން އަވަށްޓެރި ބޭރު ގައުމުތަކާއެކު އަދި ވަކިން ޚާއްސަކޮށް އިންޑިއާއާ އެކުވެފައިވާ އެއްވެސް އެއްބަސްވުމެއްގައި ދިވެހި ދައުލަތާ ދިވެހި ރައްޔިތުންނަށް ގެއްލުންވާނެ އެއްވެސްކަމެއް ނުކުރާކަން ކަމަށެވެ. ނަމަވެސް އެމަނިކުފާނާއި އެމަނިކުފާނުގެ ޕާޓީއިން މިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަން ހޯދުމަށްޓަކައި މުތުލަގަށް ހެއްދެވީ ދޮގުކަން މިއަދު އެނގިއްޖެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ‏އަބަދުވެސް އެމްޑީޕީއިން ސާބިތުވެ ތިބޭނީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމަށް އިޚުލާސްތެރި ޚާދިމުންގެ ގޮތުގައި ކަމަށެވެ.

3 މެއި 2025: ރައީސުލްޖުމްހޫރިއްޔާގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ރައީސް ޑރ. މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއާއި އެހެނިހެން ގައުމުތަކާ ދެމެދު ވެފައި ހުރި އެއްބަސްވުންތައް ހާމަކުރުމަށް މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ އެއްބަސްވުންތައް ހާމަކުރުމަށް އޮތް ހުރަހަކީ އެ އެއްބަސްވުންތަކުގައި "ކޮންފިޑެންޝަލް ކްލައުސް" އޮތުން ކަމަށް ވިދާޅުވިއެވެ. އޭގެ ސަބަބުން އެއްބަސްވުންތައް ވެފައިވާ ގައުމުތަކުން އެ އެއްބަސްވުންތައް ހާމަކުރުމަށް ހުއްދަ ނުދޭތީ ހާމަނުކުރެވެނީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް ގައުމުތަކާއެކު އެކަމާ ގުޅިގެން މަޝްވަރާކުރުންތައް ކުރިއަށް ގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް އެ އެއްބަސްވުންތަކުގައި ކަންބޮޑުވުމެއް ނެތް ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވިއެވެ.

https://sun.mv/205539

ފާހަގަކޮށްލެވޭ ގޮތުގައި އޭރު ރައީސް މުއިއްޒު ވަނީ ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަވެސް ކުރައްވާނެ އެއް ކަމަކީ ރާއްޖެއާ ބޭރުގެ ގައުމުތަކާ އެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރުން ކަމަށް ވިދާޅުވެފައެވެ. އެގޮތުން އިންޑިއާ އަސްކަރިއްޔާއެކު އެމްޑީޕީ ސަރުކާރުން ވި އެއްބަސްވުންތަކަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވިއެވެ.

ވަކިން ޚާއްސަކޮށް އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލުމެވެ. ނަމަވެސް ފަހުން މި ސަރުކާރުން ވަނީ 'އިންޑިއާ އައުޓް' ހަރަކާތަކީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އިސްނަންގަވައިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރުން މިހާރު ވަނީ އިންޑިއާއާއެކު އޮތް ގުޅުން ވެސް ރަނގަޅުކޮށްފައެވެ.

އެމްޑީޕީން ދަނީ އަދިވެސް އެކަމާ ގުޅިގެން މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ވަކިން ޚާއްސަކޮށް އަދިވެސް އިންޑިއާގެ ސިފައިން ރާއްޖެއިން އެއްކޮށް ބޭރުނުކުރާ ކަމަށް އެމްޑީޕީން ތުހުމަތުކުރެއެވެ.

comment ކޮމެންޓް