އިންގްލިޝް ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި ވުލްވަހެމްޕްޓަން ވޮންޑަރާސް ބައްދަލުކުރި މެޗު ސިޓީއިން ކާމިޔާބު ކޮށް މި އަންނަ ސީޒަންގެ ޗެޕްމިއަންސް ލީގުން ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފިއެވެ.
ސިޓީގެ ދަނޑުގައި ރޭ ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ ސިޓީއިން އުފެއްދި ނަމަވެސް ވުލްވްސް އިންވެސް ވަނީ މޮޅު ކުޅުމެއް މި މެޗުގައި ދައްކާފައެވެ.
މިގޮތުން މިމެޗުގެ ފެށުން ރަނގަޅުވީވެސް ވުލްވްސްގެއެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ވުލްވްސްއިން ވަނީ ނުރައްކާތެރި ދެތިން ހަމަލާ އުފައްދާފައެވެ. އަދި މީގެ ތެރެއިން ދެ ފުރުސަތެއް ލަނޑަކަށް ބަދަލު ކޮށްނުލެވުނީ އެންމެ ފަހު ނިންމުން ގޯސް ވުމުގެ ސަބަބުންނެވެ.
މި ފުރުސަތުތަކުގެ ބޭނުން ނުހިފި ދިއުމުގެ ފައިދާ ސިޓީއިން ވަނީ އެންމެ ރަނގަޅު ގޮތުގައި ހިފާފައެވެ. މި ގޮތުން މެޗުގެ 35 ވަނަ މިނެޓުގައި އެ ޓީމުން އުފެއްދި ހަމަލާއެއްގައި މެޗުގެ ހަމައެކަނި ލަނޑު ޖަހާ ވަނީ ލީޑު ނަގައިފައެވެ. މި ލަނޑު ޖެރެމީ ޑޮކޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދިނީ ކެޕްޓަން ކެވިން ޑި ބްރުއިނާއެވެ.
މި ސީޒަނަށް ފަހު ސިޓީ ދޫކޮށް ދާކަން ހާމަކޮށްފައިވާ ޑި ބްރުއިނާ އެކަން ހާމަކުރިފަހުން އޭނާގެ ފަރާތުން އަންނަނީ މޮޅު ކުޅުމެއް ފެންނަމުންނެވެ. އަދި ސިޓީއިން އޭނާ ދޫކޮށްލަން ނިންމި ނިންމުމަކީ ގޯސް ނިންމުމެއްތޯ އެ ޓީމުގެ އިސްވެރި މިހާރު ސުވާލު އުފައްދާނެކަމަށް ބެލެވެއެވެ.
މި މެޗުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހަނެ ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ. ނަމަވެސް މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތް ނުވުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ މި ނަތީޖާގައި އޮވެގެން މެޗު ނިމުމެވެ.
މި ސީޒަން ވަރުގަދަ ކޮށް ފެށި ސިޓީ ވަކި ހިސާބަކުން ބޮޑު އަޑިގަނޑަކަށް ވެއްޓިގެން ދިޔަ ނަމަވެސް ފަހަކަށް އައިސް އަނެއްކާވެސް އަންނަނީ އެ ޓީމުގެ ކުރީގެ ފޯމަށް އެއްކޮށް ނުދިޔަ ނަމަވެސް މެޗުތައް ކާމިޔާބު ކުރަމުންނެވެ. މި ގޮތުން މިދިޔަ ހަފުތާގައި އެ ޓީމުން ވަނީ އެފް އޭ ކަޕްގެ ފައިނަލްގެ ޖާގައެއް ވެސް ކަށަވަރު ކޮށްފައެވެ. އަދި މި ކާމިޔާބީ އާއެކު ސިޓީއިން މި ވަނީ މިސީޒަންގައި ޖެހިޖެހިގެން ފަސް މެޗުން ދެވަނަ ފަހަރަށް މޮޅުވެފައެވެ.
ސިޓީ މިހާރު އުޅެނީ ކުޅުނު 35 މެޗުން ލިބިފައިވާ 64 ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި އެ ޓީމަށް ބާކީ އޮތް ތިން މެޗުން މޮޅުވެވިއްޖެނަމަ މި އަންނަ ސިޒަންގެ ޗެމްޕިއަންސް ލީގު ކަށަވަރު ވެގެންދާނެއެެވެ. އެހެން ކަމުން ޗެމްޕިއަންސް ލީގަށް ދިއުމުގެ އަމިއްލަ ބާރު ސިޓީއަށް މިހާރު އެބައޮތެވެ. ރޭގެ ނާކާމިޔާބީ އާއެކު ވުލްވްސް މިވަނީ ހަ މެޗަށްފަހު ފުރަތަމަ ފަހަރަށް މެޗަކުން ބަލިވެފައެވެ. މިއާއެކު ވުލްވްސް މިހާރު އުޅެނީ 41 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.