ހަރުދަނާ ޑިމޮކުރަސީއަކަށް މިނިވަން ނޫސްވެރިކަމެއް އޮތުން ވަރަށް މުހިންމު ކަމަށާއި, އެކަން ކަށަވަރު ވާން ޖެހޭ ކަމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން އެމަނިކުފާނު ދެއްވި ޚާއްސަ މެސެޖެއްގައި ވިދާޅުވީ ޑިމޮކްރަސީ ދެމެހެއްޓުމަށްޓަކައި މީޑިއާގެ މިނިވަންކަން އޮތުމަކީ ކޮންމެހެން ވެސް މުހިންމު އަސާސެއް ކަމަށެވެ.
ސިޔާމް ވިދާޅުވީ މިނިވަން މީޑިއާއެއް އޮތުމުން ރައްޔިތުން ބާރުވެރިވުމަށް މަގު ކޮށައިދޭ ކަމަށެވެ. އެގޮތުން ކަންކަމުގެ ސައްހަ މައުލޫމާތު ރައްޔިތުންނަށް ލިބުމާއި، ކަންކަމާ ހަވާލުވެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ޒިންމާދާރުކުރުވުމުގެ ފުރުސަތު ވެސް ލިބޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގިނަ ފަހަރަށް ނޫސްވެރިން މަސައްކަތްކުރަން ޖެހެނީ ވަރަށް ދަތި ހާލަތެއްގައިކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ މިނިވަން މީޑިއާއަށް ހުރަސް އެޅޭ ކަމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ.
"މިނިވަން ނޫސްވެރިކަން އޮންނާންވާނީ ކަށަވަރު ކުރެވިފައި،" ސިޔާމް ވިދާޅުވިއެވެ.
މުޖުތަމައުގެ ހަމަހަމަކަން ދެމެހެއްޓުމަށްޓަކައި ޑިމޮކްރަސީގެ އަސާސްތައް ދަމަހައްޓަން، މިނިވަން މީޑިއާއެއް ކޮންމެހެން ވެސް އޮންނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސިޔާމަކީ މިހާރު ރާއްޖޭގައި ހިންގާ އެންމެ ދުވަސްވީ އެއް މީޑިއާ ހައުސް ކަމަށްވާ, ސަން ސިޔާމް މީޑިއާގެ ވެރިޔާއެވެ. މި މީޑިއާގެ ދަށުން ރާއްޖޭގެ އެންމެ ދުވަސްވީ, އަދި އެންމެ މަގުބޫލު އޮންލައިން ނޫސް, ސަން އޮންލައިނާއި އެސްއެސްޓީވީ އަންނަނީ ހިންގަމުންނެވެ.