ދިވެހި ފުލުހުންގެ ޚިދުމަތުން މީޑިއާއާއެކު އޮންނަ ގުޅުން ބަދަހިކޮށް، ޓްރާންސްޕޭރެންސީ ކުރިއެރުވުމަށްޓަކައި، އިސްކަންދަރު ކޮށީގައި ފުރަތަމަ ފަހަރަށް "ފުލުހުން-މީޑިއާ ރިސެޕްޝަން 2025" ރޭ ބާއްވައިފިއެވެ.
އެ ހަފްލާ ބާއްވާފައިވަނީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން ކަމަށްވާއިރު، ފުލުހުންނާއި މީޑިއާތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު މި ރިސެޕްޝަން ބާއްވަން ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ މީޑިއާ ރިސެޕްޝަންގެ ތެރެއިން: މިއީ މީޑިއާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ބޭއްވި ހަފްލާއެއް-- ފޮޓޯ: ފުލުހުން
މި ހަފްލާގައިވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީނާއި ފުލުހުންގެ އިސް އޮފިސަރުންނާއި އެކި މީޑިއާތަކުން ބައިވެރިވިއެވެ.
މި ހަފުލާގައި ނަވީން ވިދާޅުވީ، ޤާނޫނު ތަންފީޒުކުރާ ފަރާތްތަކާއި މީޑިއާއާ ދެމެދު އިތުބާރާއި އެކަކު އަނެކަކަށް ކުރާ އިޙްތިރާމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މި ހަފްލާއަކީ ފުލުހުންނާއި މީޑިއާގެ ގުޅުމުގައި އައު ފެށުމެއްގެ ގޮތުގައި ކަމަށް ނަވީން ވަނީ ވިދާޅުވެފައެވެ. އަދި، ހާމަކަން ބޮޑު، އަދި ހުޅުވާލެވިފައިވާ މުޢާމަލާތްތަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދެމުންދާ އަހައްމިއްޔަތުކަން ނަވީން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިކަން ދެކެނީ ހަމައެކަނި ރިސެޕްޝަނެއްގެ ގޮތުގައެއް ނޫން. މިއީ މީޑިއާއާއެކު މަސައްކަތްކުރުމަށާއި، ޒިންމާދާރުކަމާއެކު މަޢުލޫމާތު ޙިއްޞާކުރުމަށާއި ޤައުމީ ސްޓެބިލިޓީއާއި އާންމު ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ އާ މަސައްކަތެއް،" ނަވީން ވިދާޅުވިއެވެ.
އޭގެއިތުރުން، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ނައިފް ވަނީ، ފުލުހުންގެ މި އިސްނެގުމަށް ތަޢުރީފުކުރައްވައި ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބާރުއަޅުއްވައި ވާހަކަދައްކަވާފައެވެ.