ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ ސިޔާސީ އަދި ޒާތީ މަސްލަހަތު ހިމާޔަތްކުރަނީ ކަމަށް ބުނެ, އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށް، ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އެވެ.
އެ މައްސަލަ ހުށަހަޅާފައި ވަނީ ދައުލަތުގެ މީޑިއާއިން ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ވިދާޅުވެ، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި މަޖިލީހުގައި ބަހުސްކުރުމަށް ކަމަށް މެންބަރު ވަނީ މައްސަލައި ފާހަގަކުރައްވައިފައެވެ.
މައްސަލައިގައި ވިދާޅުވެފައި ވަނީ ބަންޑާރަ މީޑިއާ ނުވަތަ ދައުލަތުގެ މީޑިއާ އުފެއްދި ގާނޫނުގައި ކަނޑައަޅާފައިވާ އާންމު އުސޫލުތަކާއި ސިޔާސަތުތަކުގެ އިމުގެ ތެރޭގައި، ނުފޫޒުން އެއްކިބާވެފައިވާ އަދި އެޑިޓޯރިއަލް މިނިވަންކަން ލިބިފައިވާ، ދިވެހިރާއްޖޭގެ އެންމެހައި ސަރަހައްދުތަކަށް ޚިދުމަތް ފޯރުކޮށްދޭ ގައުމީ މީޑިއާއެއްގެ ގޮތުގައި ދެމިއޮތުން އެއީ ދައުލަތުގެ މީޑިއާ އުފެދުމުގެ މަގުސަދެއް ކަމަށެވެ.
ހަމައެއާއެކު ދީނީ، އިގްތިސޯދީ، އިޖްތިމާއީ، ސިޔާސީ އަދި މިނޫނަސް ގައުމަށް ބޭނުންތެރި ހުރިހާ ދާއިރާއެއްގައި މައުލޫމާތު މުއްސަނދި، ހޭލުންތެރި ރައްޔިތެއް ބިނާކުރުމަށް މަސައްކަތްކުރުމަކީ ދައުލަތުގެ މީޑިއާގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް މުހިންމުވާނެ ބައިނަލްއަގްވާމީ އެކި ކަންކަމާއި، ގައުމީ އެކި ކަންކަމުގެ ޚަބަރާއި، މައުލޫމާތާއި، ކަން ހިނގަމުންދާގޮތް ރައްޔިތުންނަށް އަންގައިދިނުމަކީ، ބަންޑާރަ މީޑިއާގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަން ކަމަށް މައްސަލައިގައި ވިދާޅުވެފައިވެއެވެ.
ވަކިން ޚާއްސަކޮށް ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ދައުލަތުގެ މީޑިއާގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރުމާއި، ވަކިވަކި ފަރުދުންނަށާއި އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައިވެސް ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރުމަކީ، ދައުލަތުގެ މީޑިއާގެ ސިޔާސަތުތަކުގެ ތެރެއިން ސިޔާސަތެއް ކަމަށް މައްސަލައިގައި ވިދާޅުވެފައިވެއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލިސް ބޭރުގައި މަޑުކޮށްލައިގެން -- ފޮޓޯ/ ރައީސް އޮފީސް
"ވަކި ފަރާތެއްގެ ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫންވެސް ޒާތީ މަސްލަހަތެއް ހިމާޔަތްކުރުމަށްޓަކައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެފައިވާ އަމަލެއް ބަންޑާރަ މީޑިއާއިން ހިންގައިގެން ނުވާނެކަމަށް، ދެންނެވުނު ގާނޫނު ގެ 6 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވޭ،" ކުޑޫ ހުށަހެޅި މައްސަލައިގައި ވިދާޅުވެފައިވެއެވެ.
އަދި ރާއްޖޭގައި ބާއްވާ އެކިއެކި އިންތިޚާބުތަކާއި، ރައްޔިތުންގެ އާންމު ވޯޓު ނެގުން ފަދަ ކަންކަމުގައި، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިޝްތިހާރުކުރުމަށް ޖާގައާއި ވަގުތު ގަނެވޭނެ އުސޫލެއް ކަނޑައަޅަންޖެހޭކަން ވަނީ ފާހަގަ ކުރައްވައިފައެވެ. އަދި ވާދަކުރާ ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލުމަށްފަހު ނޫނީ އިންތިޚާބުތަކާއި އާންމު ވޯޓުތަކާ ގުޅޭ ކެމްޕޭން އިޝްތިހާރުތައް ނުފޮނުވުމާއި ޝާއިއުނުކުރުން ގާނޫނުގައި ހިމަނައިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
ނަމަވެސް އެއިން އެއްވެސް ހަމައަކާ އުސޫލަކަށް ބެލުމެއް ނެތި، ގައުމީ މީޑިއާއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބަދަލުގައި، ވަކި ބަޔަކަށް ފުރުސަތުދީ، ގާނޫނުގައި ބަޔާންކުރާ އެޑިޓޯރިއަލް މިނިވަންކަން މުޅިން ނަގައިލައި، ވަކި ފަރާތެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ޒާތީ މަސްލަހަތެއް ހިމާޔަތްކުރުމަށްޓަކައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެ، ދައުލަތުގެ މީޑިއާގެ ޗެނަލްތަކުން މަސައްކަތް ކުރަމުންދާ ކަމަށް މެމްބަރު ވަނީ ވިދާޅުވެފައެވެ.
އަދި އެކަންކަމަކީ ވަކިވަކި ފަރުދުންނަށާއި އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައިވެސް ހަމަހަމަކަން ގާއިމުނުކޮށް، ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނާ ޚިލާފަށް އެތަނުގެ މެނޭޖްމަންޓުން ހިންގަމުންގެންދާ ކަންތައްތަކެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ދައުލަތުގެ މީޑިއާއިން، ތަކުރާރުކޮށް ގާނޫނާ ޚިލާފުވަމުންދާ މައްސަލަ އަކީ، ދިވެހިރާއްޖޭގައި ރަސްމީ ސިފައެއްގައި ގާނޫނުގެ ބާރު ކަނޑުވައިލައި، ގާނޫނަށް އަމަލުނުކުރުމުގެ ސަގާފަތެއް އަށަގެންނެވުމަށް ހިތްވަރު ލިބޭ ފަދަ ކަމެއް ކަމަށް މައްސަލައިގައި ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން އެ ކަމަކީ ގައުމުގެ މަސްލަހަތު ހިމެނިގެންވާ ކަމަކަށްވާތީ، އެ ކަމާމެދު މަޖިލީހުގައި ބަހުސްކުރުމަށްޓަކައި، މެންބަރު ކުޑޫ ވަނީ އެ މައްސަލަ ހުށަހަޅުއްވައިފައެވެ.