ސައިކަލެއްގެ ކުރީ ކަވަރުު ތެރެއަށް ނުވަ އިންޗީގެ ވަޅިއެއް ޖަހައިގެން އުޅުނު މީހަކު މަސްދުވަހާ 20 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މިދިޔަ ބުދައިގައި، މި މައްސަލައިގައި ޖަލަށްލާން ހުކުމްކޮށްފައިވަނީ ލ. ގަން ތުނޑި، ހުރަވީގޭ މާތިއު މުހައްމަދު ޝަކީބެވެ.
މާތިއުގެ މައްޗަށް ކުރި ދައުވާގައިވަނީ 2022ވަނަ އަހަރު މާލޭ ކުޑަހެންވޭރު ދަނޑު ކައިރީގައި ޕާކުކޮށްފައިހުރި ސައިކަލެއްގައި އޭނާ ދާން އުޅުމުގެ ތެރޭގައި ފުލުހުން ފެނިގެން ބިރުގަނެ، ސައިކަލަށް ނާރައި ދާން އުޅުނު ކަމަށެވެ. އެއާއެކު އޭނާ އުޅުނީ އެއްޗެއް ފޮރުވަން ކަމަށް ޝައްކު ކުރެވިގެން ފުލުހުން ގޮސް ބަލައިފާސްކުރިއިރު، ސައިކަލުގެ ކުރީ ކަވަރު ތެރެއަށް ޖަހާފައި ހުރި ނުވަ އިންޗީގެ ވަޅިއެއް ފެނުނު ކަމަށް ދައުވާގައިވެއެވެ.
އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ މަގުބޫލު ސަބަބެއް ނެތި، ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް އާންމު ތަނެއްގައި ގެންގުޅެގެންނެވެ.
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން، މި ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހަ މަސްދުވަހާއި 12 މަސްދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.
މި މައްސަލައިގައި މާތިއުވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ. އެ އެއްބަސްވުމުގައި ކަނޑައެޅޭ އަދަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެއް މަހާއި 20 ދުވަހަށް ޖަލަށްލުމަށެވެ. އެއީ އޭނާ ބަންދުގައި ހުރި މުއްދަތު ޖަލު ހުކުމުން އުނިކުރުމުން ބާކީ އޮތް މުއްދަތެވެ.
އެއާއެކު ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ، މުހައްމަދު މިސްބާހް ހުކުމް ކުރެއްވީ އިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތަށް އެއް މަހާއި 20 ދުވަހަށް މާތިއު ޖަލަށް ލުމަށެވެ.