ތަންޑަބޯލްޓްސް ބޮކްސްއޮފީސް ހިޓަކަށް

ޑިޒްނީގެ މާވެލް ޕްރޮޑަކްޝަނުން މިހާރު ދައްކަމުން އަންނަ ސުޕަހީރޯ ފިލްމު "ތަންޑަބޯލްޓްސް" ބޮކްސް އޮފީސް ހިޓަކާ ދިމާލަށް މިސްރާބު ޖަހައިފިއެވެ.

މާވެލްގެ ތަފާތު އެކި ފިލްމުތަކުން ފެނިގެންދާ ކެރެކްޓަރުތައް އެއްފިލަމުން ޓީމެއްގެ ގޮތުގައި ފެނިގެންދާ ފިލްމު ދައްކަން ފަށާފައިވަނީ މިދިޔަ ހަފުތާ ބަންދުގައެވެ. ފިލްމު ނެރުމުގެ ކުރިން ވެސް ފިލްމަށް ވަނީ ރަނގަޅު ރިވިއުތަކެއް ފާޑުކިޔުންތެރިންގެ ފަރާތުން ލިބިފައެވެ.

އެންމެފަހުން ފިލްމު ނެރުމާއެކު މި ފިލްމަކީ ބޮކްސް އޮފީސް ހިޓަކަށް ވެދާނެ ކަމުގެ އިޝާރާތް ވަނީ ކޮށްފައެވެ. އެގޮތުން ފިލްމު އެޅުވި ދުވަހު އެކަނިވެސް ފިލްމަށް 73 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ އެމެރިކާއިން ލިބިފައެވެ.

މައުލޫމާތު ލިބޭގޮތުގައި ހަފުތާ ބަންދުގައި މި ފިލްމަށް އެމެރިކާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބުނު އާމްދަނީ 175 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ. ނަމަވެސް މި އަދަދުތައް އަދި ހާމަކޮށްފައެއް ނުވެއެވެ. މި ފިލްމުގެ އާމްދަނީ އަކީ ރަނގަޅު އާމްދަނީއަކަށް ވުން އެކަށީގެންވާ ކަމަށް އެނަލިސްޓުން ބުނެއެވެ. ނަމަވެސް އެ އެނގޭނީ އަންނަ ހަފުތާ ބަންދާ ހަމައިންނެވެ.

ފާޑުކިޔުންތެރިންގެ ތެރޭގައި ފިލްމަށް އޮތީ ބޮޑު މަގުބޫލުކަމެއް ލިބިފައެވެ. ރޮޓެން ޓޮމާޓޯސްގައި ފިލްމު ރިވިއުތައް އާންމުކޮށްފައިވަނީ މަތީ ރޭޓިން އިންނެވެ.

އެގޮތުން ޖުމްލަ 32 ފާޑުކިޔުންތެރިންގެ ރޭޓިން އާއެކު ފިލްމު ޑެބިއޫ ކުރި އިރު މި ފިލްމުގެ ރޭޓިން އަކީ 95 ޕަސެންޓެވެ. މިއީ މާވެލުން ނެރުނު ފިލްމުތަކުގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ ރޭޓިންއެކެވެ.

މި ރޭޓިންއާއެކު ތަންޑަބޯލްޓްސް ވެފައިވަނީ މާވެލްގެ މިހާތަނަށް ނެރުނު ދެވަނަ އަށް އެންމެ މަތީން ރޭޓިން ލިބުނު ފިލްމަށެވެ. ލިސްޓުގެ އެއްވަނައިގައި އޮތީ "ބްލެކްޕެންތާ" އެވެ.

މި ފިލްމުގައި ލީޑުން ފެނިގެންދާނީ ފްލޮރެންސް ޕިއޫ އާއި ސެބެސްޓަން ސްޓޭންގެ އިތުރުން ޑޭވިޑް ހާބާ އާއި ވާޔަޓް ރަސަލް އާއި ލޫވިސް ޕުލްމަން އަދި ޖެރާލްޑީން ވިޝްވަނާތަންއެވެ.

comment ކޮމެންޓް