އިންޑިއާގެ މަނަވަރު "އައިއޯއެސް ސާގަރު" އަންގާރަ ދުވަހު ރާއްޖެ އަންނަނީ

އައިއޯއެސް ސާގަރު ސީޝެލްސްގެ ބަނދަރު، ވިކްޓޯރިއާއިން ފުރަނީ --

އިންޑިއާގެ އަސްކަރީ މަނަވަރު، އޮފް ޝޯ ޕެޓްރޯލް ވެސެލް 'އައިއޯއެސް ސާގަރު' ރާއްޖެ އައުމަށް ދަތުރު ފަށައިފައިވާ ކަމަށް އެ ގައުމުގެ ނޭވީއިން އިއްޔެ ބުނެފިއެވެ.

އައިއޯއެސް ސާގަރު މިހާރު ވަނީ ސީޝެލްސްގެ ބަނދަރު، ވިކްޓޯރިއާއިން ރާއްޖެ އައުމަށް ދަތުރު ފަށައިފައެވެ. އެ ދަތުރު ފެށީ ހުކުރު ދުވަހެވެ.

އިންޑިއަން ނޭވީއިން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އައިއޯއެސް ސާގަރު ރާއްޖެއަށް ބަނދަރުކުރާނީ އިންޑިއާއަށް އަނބުރާ ދިއުމުގެ ކުރިން، އެންމެ ފަހު ތަނެއްގެ ގޮތުގައި ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު، ސީޝެލްސަށް އެ މަނަވަރު ބަނދަރުކޮށް އޭގައި ވަނީ އެ ގައުމުގެ އިސްވެރިންނާއި، އިންޑިއާ ނޭވީގެ އިސްވެރިންނާއެކު މަޝްވަރާ ބައްދަލުވުންތަކާއި، ސަގާފީ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އަދި ކަނޑުގެ ސަލާމަތާ ގުޅޭ ކަންކަމުގައި އެއްބާރުލުން ދިނުމާ ގުޅޭ މަޝްވަރާތައް ވެސް ކުރިއެވެ.

އިންޑިއާގެ އަސްކަރީ މަނަވަރު، އައިންއެސް ސުނައިނާ، އިންޑިއަން އޯޝަން ޝިޕް (އައިއޯއެސް) ސާގަރުގެ ގޮތުގައި ކަނޑައެޅީ، އެ ގައުމުގެ ނޭވީއިން އިސްނަގައިގެން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހުރިހާ ގައުމަކަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ފެށި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

މި ކަމަށް ޓަަކައި އޮފް ޝޯ ޕެޓްރޯލް ވެސެލް އައިއެންސް ސުނައިނާ، އައިއޯއެސް ސާގަރުގެ ނަމަށް ބަދަލުކޮށް، އިފުތިތާހުކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހެވެ.

މިއީ 2015 ވަނަ އަަހަރު އިންޑިއާއިން ލޯންޗުކުރި ސާގަރު ޑޮކްޓްރިންއާ ގުޅޭ ގޮތަށް އިންޑިއާ ކަނޑުގައި ހިމެނޭ އެ ގައުމުގެ އަވައްޓެރި ޤައުމުތަކާއެކު އިޤްތިޞާދީ އަދި ސަލާމަތީ އެއްބާރުލުން އިތުރުކުރުމަށް ކުރިއަށް ގެންދާ ކަމެކެވެ.

މިކަމުގެ މަގްސަދުތަކުގެ ތެރޭ، އިންޑިއާ ކަނޑުގެ ސަރަހައްދުގައި އިންޑިއާއަކީ ގައުމުތަކުން "އެންމެ ބޮޑަށް އިސްކަންދޭ ސަލާމަތީ ބައިވެރިއެއް" ކަމަށް ހެދުމާއި، "އެންމެ ފުރަތަމަ އެހީތެރިވާ ފަރާތް"ކަމަށް އިންޑިއާ ވުމަށް ގުޅުން ބަދަހިކުރުން ހިމެނެއެވެ.

މި މަނަވަރު ދަތުރު ފެށީ، އިންޑިއާ ކަނޑު ސަރަޙައްދުގެ ނުވަ ޤައުމަކުން 44 ފަޅުވެރިން ހިމެނޭހެންނެވެ. އޭގެ ތެރޭގައި، އިންޑިއާ ހިމެނޭހެން، ރާއްޖެ، ސްރީ ލަންކާ، މޮރިޝަސް، މޮޒަމްބިކް، ސީޝެލްސް، ކޮމޮރޮސްއާއި ކެންޔާގެ އިތުރުން ޓެންޒޭނިއާ ހިމެނެއެވެ.

މި ބައިވެރިންނާއެކު، މި މަނަވަރުގައި ޓްރެއިނިންތަކާއި، އީއީޒެޑް ބެލެހެއްޓުމުގެ އޮޕަރޭޝަންތައް ކުރިއަށްދާނެއެެވެ.

އިންޑިއާގެ މަނަވަރެއް އަނެއްކާ ވެސް ރާއްޖެ އަންނައިރު، މިދިޔަ ހަފުތާ ތެރޭ އެ ގައުމުގެ 'އައިއެންއެސް ކޮޗީ' ވެސް ވަނީ މާލެ އައިސްފައެވެ. އެ މަނަވަރު ރާއްޖެ އައީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޯސްޓްގާޑު ޝިޕް ހުރަވީ މަރާމާތަށްފަހު ރާއްޖެ ގެނައުމަށެވެ.

comment ކޮމެންޓް