އަތޮޅުތެރޭގެ މިސްކިތްތަކުގައި މަސައްކަތްކުރާ އިމާމުންނަށް މި މަހު މުސާރަ ޖަމާނުވާކަމުގެ ޝަކުވާތައް ފެންމަތިވެއްޖެއެވެ.
އެކަމާ ގުޅިގެން "ސަން"އާ ވާހަކަދެއްކި ގިނަ އިމާމުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެކަމުގެ ސަބަބުން ދިމާވެފައިވާ ދަތިތައް ވެސް ހިއްސާކޮށްފައެވެ.
އިމާމުން މައުލޫމާތުދިން ގޮތުގައި، އިސްލާމިކް މިނިސްޓްރީން އިމާމުން ހިމެނޭ ގޮތަށް ހަދައިފައިވާ ރަސްމީ ވައިބާ ގުރޫޕުގައި ވަނީ ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުން މުސާރަ ނުހެދި، ޖަމާކުރުމުގައި ލަސްތަކެއް އުޅޭ ކަމަށް އަންގައިފައެވެ. ނަމަވެސް މުސާރަ ޖަމާވާނެ ވަކި ތާރީޚެއް އަންގާފައި ނުވާއިރު، އެ ގުރޫޕުގައި އިތުރު ބަޔަކަށް ވާހަކަ ނުދެއްކޭ ގޮތަށް ހަދައިފައިވުމުން، އެކަމާ ގުޅޭ ގޮތުން މިނިސްޓްރީއާ ސުވާލު ވެސް ނުކުރެވޭ ކަމަށް އެ މީހުން ބުންޏެވެ.
"ސަން"އަށް މައުލޫމާތު ދިން އިމާމަކު ބުނި ގޮތުގައި އާއްމުގޮތެއްގައި ކޮންމެ މަހެއްގެ ވެސް އެކެއްގެ ކުރިން މުސާރަ ޖަމާވެއެވެ. އަދި ބަންދު ދުވަހަކާ ދިމާވެއްޖެނަމަ އޭގެ މާކުރިން ވެސް ޖަމާކޮށްދޭ ކަމަށް އޭނާ ބުންޏެވެ.
މިއަދަކީ މިމަހުގެ ހަތަރު ވަނަ ދުވަސްކަން ފާހަގަކޮށް އޭނާ ބުނީ މިމަހުގެ މުސާރަ ލަސްވުމުގެ ސަބަބުން ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އެގޮތުން ބައެއް ބިލުތައް ވެސް ނުދެއްކި އެބަހުރި ކަަމަށް އޭނާ ކިޔައިދެއްވިއެވެ.
"ސަން"އާ ވާހަކަދެއްކި ގދ. ތިނަދުއަށް ނިސްބަތްވާ އިމާމު އަހުމަދު އަންވަރު ބުނީ ކޮންމެ މަހެއްގެ ވެސް 11 ވަނަ ދުވަހު މުސާރަ ޝީޓްތަކުގައި ސޮއިކޮށް ނިންމާ ކަމަށެވެ. އެހެންކަމުން މުސާރަ ލަސްވާ ސަބަބާ ދޭތެރޭ ސުވާލު އުފެދޭ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑަށް މާބޮޑު އުނދަގުލެއް ނުވޭ، އެހެން އެހެން އިތުރު މަސައްކަތްތައް ވެސް ކުރާތީ. އެހެންނަމަވެސް ބައެއް އެހެން އިމާމުން އެކަމާ ޝަކުވާ އެބަކުރޭ ދަތިވާތީ،" އޭނާ ބުންޏެވެ.
"ސަން"އާ ވާހަކަދެއްކި އެހެން އިމާމުން ވެސް ވަނީ މި މައްސަލަ ފާހަގަކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މާލޭގެ މިސްކިތްތަކުގެ އިމާމުންނަށް މިމަހުގެ މުސާރަ ވަނީ ޖަމާވެފައެވެ.
މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީގެ ބަހެއް ހޯދުމަށް މިއަދު މެންދުރުން ފެށިގެން މަސައްކަތްކުރި ނަމަވެސް އަދިވެސް ވަނީ ބަހެއް ލިބޭގޮތް ނުވެފައެވެ.