ޖޭއެސްސީން ނިންމިތާ ގިނައިރުތަކެއް ނުވެ، ފަނޑިޔާރުން ވަކި ކުރުން މަޖިލީހުގައި އެޖެންޑާކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު: ދެ ބޭފުޅުން މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ވަނީ އެޖެންޑާކޮށްފައި -- ފޮޓޯ: ރައީސް އޮފީސް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނިންމުމާއެކު، ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި އެ މައްސަލަ ހިމަނައިފިއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ ޖިނާއީ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލާކަމަށް ބުނެ، އެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ ފެބްރުއަރީ މަހުގެ 26ވަނަ ދުވަހެވެ.

އޭގެ ފަހުން ޖޭއެސްސީން ވެސް ތިން ފަނޑިޔާރުންގެ މައްސަލައެއް ބަލާ ކަމަށް ބުނެފައިވެއެވެ.

އެ ސަސްޕެންޝަނަށް މާ ގިނަ ދުވަހެއް ނުވެ ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވިއެވެ.

ޖޭއެސްސީން މިއަދު ބުނީ މަހާޒާއި އަޒްމިރަލްދާ ބައިވެރިވެގެން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވާފައިވާކަން ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަމަށާއި އެހެންވެ، ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް މިއަދު ކޮމިޝަނުން ނިންމައިފައިވާ ކަމަށެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ޖަލްސާގެ އެޖެންޑާގައި ވަނީ ދެ ފަނޑިޔާރުންގެ މައްސަލައި ހިމަނައިފައި -- ފޮޓޯ/ މަޖިލީސް

ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުގެ، މާދަމާގެ ޖަލްސާގެ އެޖެންޑާ މިރޭ ވަނީ އާންމުކޮށްފައެވެ. އެ އެޖެންޑާގައި ވަނީ ދެ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ފޮނުވައިފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް، އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވަން ހިމަނައިފައެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހާ ދެކޮޅަށް ހުށަހަޅައިފައިވާ މައްސަލައެއް ބަލަމުން ދަނިކޮށެވެ.

އެ ބޭފުޅުން ސަސްޕެންޑުކުރި ދުވަހަކީ އެ މައްސަލައާ ގުޅޭ ވަގުތީ އަމުރެއް ނެރުމާ ގުޅޭ ގޮތުން އަޑުއެހުމެއް ބޭއްވުމަށް ވެސް ތާވަލުކޮށްފައި އޮތް ދުވަހެވެ. ނަމަވެސް ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމުން، ފުލް ބެންޗުން ބަލަމުން އައި އެ މައްސަލަ މަޑު ޖެހުނީއެވެ.

އަޒްމިރަލްދާއާއި ސުއޫދު ވެސް ވަނީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

އެ ތުހުމަތުތައް ކުރައްވާފައި ވަނިކޮށް ރައީސް އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/205271

ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ އޭސީސީން ބަލާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެފައިވާއިރު، އަޒްމިރަލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލް ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅުއްވާފައެވެ. އޭސީސީން ވަނީ އެ މައްސަލަ ރެޖިސްޓާކޮށްފައެވެ.

މީގެ އިތުރުން ޖޭއެސްސީން އެ މައްސަލައިގެ ތަހުގީގު ހިންގި ގޮތާ ގުޅޭ ގޮތުން ވެސް އަޒްމިރަލްދާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން ހުޅުވާލައިގެން މައްސަލަ ބަލަން އެދިވަޑައިގަތް ނަމަވެސް ފުރުސަތު ނުދިނުމާއި އެކަމަނާގެ ވަކީލަށް ފުރުސަތު ނުދިނުމާއި މައްސަލަ ބަލަން ފެށިއިރު ކުރި ތުހުމަތާ މައްސަލަ ބަލައި ނިމުނުއިރު ކޮށްފައި އޮތް ތުހުމަތު ތަފާތު ކަމަށް އަޒްމިރަލްދާގެ ފަރާތުން ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް