ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އޭނާ މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމުމުގެ ކުރިން، އޭނާގެ ފަރާތުން ހުރި ޝަކުވާތަކާއި ކަންބޮޑުވުންތައް ހިއްސާކުރުމަށް ވަކީލާއެކު ކޮމިޓީއަށް ހާޒިރުވުމުގެ ފުރުސަތަކަށް މިއަދު އެދިވަޑައިގެންފިއެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އިއްޔެ ވަނީ ނިންމައިފައެވެ.
އެއާއެކު މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ވަނީ ދެ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ފޮނުވައިފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް، އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވަން ހިމަނައިފައެވެ.
އެއާއެކު އެންމެ ފަހު ވަގުތުގައި ވެސް އަޒްމިރަލްދާ މި ވަނީ މަޖިލީހުގެ ކޮމިޓީގައި އޭނާގެ ޝަކުވާތައް ހިއްސާކުރުމަށް ފުރުސަތެއް ދިނުމަށް އެދިވަޑައިގެންފައެވެ.
މަޖިލީހަށް ފޮނުވި ސިޓީގައި އަޒްމިރަލްދާ ސިފަކުރެއްވި ގޮތުގައި، އޭނާއާމެދު ޖޭއެސްސީން ނިންމި ނިންމުމަކީ ގާނޫނު އެއް ފަރާތްކޮށް، އަދުލު އިންސާފުގެ އެންމެ އަސާސީ އުސޫލުތަކާ ވެސް ޚިިލާފަށް، ޣައިރު ދުސްތޫރީ އިޖުރާއަތުތަކެއްގެ މައްޗަށް ހިންގައިފައިވާ ތަހުގީގަކުން ނިންމި ނިންމުމެކެވެ.
އެެހެންވެ ފަނޑިޔާރުކަމުން އޭނާ ވަކިކުރުމަށް، ޖޭއެސްސީން ނިންމި ނިންމުމާއެކު، މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިން، ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ދިރާސާކުރާއިރު، ވަކީލާއެކު ކޮމިޓީއަށް ހާޒިރުވެ، އޭނާގެ ފަރާތުން ފާހަގަކުރަން ހުރި ކަންކަން ފާހަގަކުރުމުގެ ފުރުސަތަކަށް ވަނީ އެދިވަޑައިގެންފައެވެ.
އަޒްމިރަލްދާގެ ސިޓީގައި އޭނާ ވިދާޅުވީ، ސުޕްރީމް ކޯޓަކީ އަދުލު އިންސާފުގެ އެންމެ މަތީ ބާރު ކަމަށެވެ. އެހެން ކަމުން އެ ކޯޓުގެ ފަނޑިޔާރެއް މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމާއިރު، އެ ފަނޑިޔާރެއްގެ ޝަކުވާތަކެއް ހުރިކަމަށް ފާހަގަކުރާއިރު، އެ ޝަކުވާތަކުގެ އަޑު އެހުމަކީ ކޮންމެހެން ވެސް ޖުޑިޝަރީ ކޮމިޓީން ކުރަންޖެހޭނެ ކަމެއް ކަމަށް ދެކިވަޑައިގަންނަވާކަމަށް ވެސް ވިދާޅުވިއެވެ.
"އެހެންކަމުން ފަނޑިޔާރުކަމުގެ މަގާމުން އަޅުގަނޑު ވަކިކުރުމާމެދު ތިޔަ ކޮމިޓީން ގޮތެއް ނިންމެވުމުގެ ކުރިން ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ތަހުގީގާ ގުޅިގެން އަޅުގަނޑު ފާހަގަކުރަން ހުރި ކަންކަން ތިޔަ ކޮމިޓީއަށް ހާޒިރުވެ ފާހަގަކުރުމަށް ފުރުސަތު ދެއްވުމަށް ހުށަހަޅަމެވެ،" ސިޓީގައިވެއެވެ.
ޖޭއެސްސީގައި އަޒްމިރަލްދާގެ ތަހުގީގު ކުރިއަށް ދިޔައިރު އޭނާ ވަނީ އޭނާގެ މައްސަލަ ބަލާ ކޮމިޓީގެ ބައްދަލުވުންތައް އާންމުކޮށް ހުޅުވައިލަން ވެސް އެދިވަޑައިގެންފައެވެ. އަދި ޖޭއެސްސީން ގޮތެއް ނިންމުމުގެ ކުރިން ވެސް އޭނާގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ފުރުސަަތަކަށް އެދިވަޑައިގަތެވެ. ނަމަވެސް އެ ކަންކަމަށް ޖޭއެސްސީން ފުރުސަތު ދީފައެއް ނުވެއެވެ.