އިއްތިފާގެއްތަ؟ ނޫނީ ޚުދުމުޚުތާރީތަ؟

ރައީސް މުއިއްޒާއި އުއްތަމަފަނޑިޔާރު: ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ވަނީ ހުށަހަޅާފައި -- ފޮޓޯ/ ރައީސް އޮފީސް

"އިއްތިފާގު" މިއީ ފިލްމެއްތޯ, ސީރީޒްއެއްތޯ ނުވަތަ ޑްރާމާއެއްތޯ ނިންމާނީ ރައްޔިތުންނެވެ. ސަބަބުވެރި އިންސާނެއްގެ ސިކުނޑިން ވިސްނައިފި ނަމަ ހަމަ ގައިމުވެސް ވަރަށް ފަސޭހައިން ގޮތް ނިންމޭހާ މިކަން ފަސޭހައެވެ. ކަންކަން ލޯ ކުރިމަތިން ހިނގައިދިޔައީ އެހާ ވެސް ފަސޭހައިން ގޮތް ނިންމޭ ގޮތަށެވެ.

ގޮތެއް ނިންމުމަށް ކަން ހިނގި ގޮތަށް ބަލާލަމާ ހިނގާށެވެ. މި އިންތިފާގުތައް ފެށުނީ މިދިޔަ އަހަރު ފަހުކޮޅެވެ. ވެރިކަން ކުރުމުގެ ބާރާއި މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތާއެކު ވަރަށް ހަމަޖެހިގެން ވެރިކަން ކުރަމުން އައި މި ސަރުކާރު ޑިފެންސަށް ފައިބަން ޖެހުނީ ޑޮލަރު މާރު ކުރުމުގެ ގަވާއިދާއެކުއެވެ. ގައުމުގައި ތިބި އެންމެ ތަނަވަސް ވިޔަފާރިވެރިންނާއި ސަރުކާރާ ހިޔާލު ތަފާތުވުން އުފެދުނު ހިސާބުން އިއްތިފާގުތައް ފެށުނީއެވެ.

https://www.sun.mv/202683

ކުއްލިއަކަށް ގާނޫނުއަސާސީއަށް ބޮޑު އިސްލާހެއް ގެނައެވެ. ގާނޫނީ ބޭފުޅުންނާއި ގާނޫނުއަސާސީ އެކުލަވާލި ގިނަ މެންބަރުންގެ ނަޒަރުގައި އެއީ "ވަރަށް ހެއްވާ" އިސްލާހެކެވެ. ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރާ މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއަކަށް ލިބޭ ގޮތަށެވެ. މިހާރުގެ ގޮތުންނަމަ ރައީސް ބޭނުންފުޅުއިރަކު ޕީއެންސީގެ ކޮންމެ މެންބަރެއްގެ ގޮނޑި ވެސް ގެއްލުވާލެވޭ ގޮތަށެވެ. އަވަސް އަރުވާލައިގެން ދުވަހުން ދުވަހަށް އިސްލާހު މަޖިލީހުން ފާސްކޮށް، ހަމަ އެ ދުވަހު ރައީސް އެ ބިލު ދަސްދީގުކުރެއްވީއެވެ.

ދެން ފެނުނީ ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހު ބާތިލުކުރަން ގިނަ ދުވަސްތަކެއް ވަންދެން މަޖިލީހުގެ މެންބަރުކަން ކުރެއްވި ގާނޫނީ ވަކީލު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވިތަނެވެ. އެމްޑީޕީއާއި ޑިމޮކްރެޓްސްއިން އެ މައްސަލައަށް ތަދައްޚުލުވިއެވެ. މައްސަލައިގެ އަޑުއެހުންތައް ފެށުމާއެކު ރައީސް ކަނޑައަޅުއްވާފައި ހުންނަވާ ބަންޑާރަނައިބުގެ ފަރާތުން ޝަރީއަތުގައި ވަކާލާތު ކުރައްވަމުން ގެންދެވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ވަރުގަދަ ސުވާލުތަކެއް ދައުލަތުގެ ވަކީލުންނަށް އަމާޒު ކުރެއްވެވިއެވެ. އެއަށް ފަހު، އެ މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމީއެވެ.

ސަރުކާރާއި މަޖިލީހުގެ ޕީއެންސީގެ މެންބަރުން ވަގުތުން "ޖަޒުބާތުގައި" ޖެހުނެވެ. ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުމެއް ބާއްވަވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް މަޖިލީހަށް ހުށަހަޅަން އެންގެވިއެވެ. އެވަރުން ނިމުނީއެއް ނޫނެވެ. ސުޕްރީމް ކޯޓުގެ ބެންޗު ހަތަކުން ފަހަކަށް ކުޑަ ކުރަން ކުއްލިއަކަށް މަޖިލީހަށް ބިލެއް ޕީއެންސީން ހުށަހެޅިއެވެ. އެ ބިލުގެ ބަހުސްގައި ފަނޑިޔާރުންނަށް ފާޑު ވިދާޅުވީ ވަކި ވަރަކަށް ނޫނެވެ. އެއަށް ފަހު އަވަސް އަރުވާލައިގެން އެ އިސްލާހު މަޖިލީހުން ފާސްކުރީއެވެ. ހައްތަހައި ވެސް އިއްތިފާގެވެ. ފާޅުގައި ދެކޮޅު ހަދަން ކެރިވަޑައިގަތީ ޕީއެންސީގެ މެންބަރުންގެ ތެރެއިން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާނަށް އެކަންޏެވެ.

ރައީސް މުއިއްޒު އެ ޕާޓީގެ ޕީޖީ ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ޕާޓީގެ ވިޕްލައިނާ ޚިލާފުވުމަކީ އެއްވެސް މެންބަރަކު, އެއްވެސް އިރަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް، އަޒާން ހުންނެވީ އޭނާގެ ގޮތުގައެވެ. ނަތީޖާއަކަށްވީ ޕީޖީ ވަޓްސްއަޕް ގުރޫޕުން އޭނާ ބޭރުކޮށްލުމެވެ. ހަމަ އެހެންމެ މާލިއްޔަތު ކޮމިޓީއާއި ގައުމީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ވެސް ވަކިކޮށްލުމެވެ. މިޔަށް އެ ބޭފުޅުން ކިޔަނީ އިއްތިފާގެވެ.

3 މެއި 2025: ރައީސުލްޖުމްހޫރިއްޔާގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ރައީސް ޑރ. މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

އެ ހިސާބުން އަދި އެއްކަލަ އިއްތިފާގުތައް ނުނިމެއެވެ. ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލަ ބަލަން ކުއްލިއަކަށް އެންގީ, މިނިވަންކަމެއް ނެތި ހިންގާ ކަމަށް އެންމެ ބޮޑަށް ތުހުމަތުވާ އެއް މުއައްސަސާ ކަމަށްވާ އޭސީސީންނެވެ. އެ ވެސް އިއްތިފާގަކަށް ވެދާނެއެވެ. ދެން އޮތް އިއްތިފާގަކީ ސަރުކާރުގެ ސީދާ މަސްލަހަތު އޮތް މައްސަލައެއް ސުޕްރީމް ކޯޓުގައި ތާވަލުކޮށް, ޝަރީއަތް ފެށެން ކުޑައިރުކޮޅަކަށްވެފައި ވަނިކޮށް އެންމެ މަތީ އެ ކޯޓުގެ ތިން ފަނޑިޔާރުން ކުއްލިއަކަށް, ސަރުކާރުގެ ބާރު އޮތް ކަމަށް ތުހުމަތު ކުރާ ޖޭއެސްސީން ސަސްޕެންޑް ކުރުމެވެ. އޭގެ ފަހުން ޖޭއެސްސީއަށް މެންބަރަކު އައްޔަންކުރެއްވުމުގައި ވެސް އިއްތިފާގުތަކެއް ހިނގައިފިއެވެ.

ސަސްޕެންޑް ކުރި ތިން ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން ދެން ޖޭއެސްސީން މައްސަލަ ބަލަން ފެށީ އަނެއް ދެ ފަނޑިޔާރުންގެއެވެ. އެ ދެ ފަނޑިޔާރުން ކަމަށްވާ, ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރު, ވަކިކުރަން ޖޭއެސްސީން އިއްޔެ ނިންމައިފިއެވެ. އޭގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަޖިލީހުގައި އެ މައްސަލަ އެޖެންޑާކޮށް މިއަދު އެ މަސައްކަތް ފަށައިފިއެވެ. އެތައް ގާނޫނެއް ނުހެދި އޮތް މަޖިލީހުން ވެސް އިއްތިފާގުން މި މައްސަލަ ވަރަށް ބާރަށް އެބަ ކުރިއަށް ދެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ކަމަށްވީ މިދިޔަ ހޮނިހިރު ދުވަހު ރައީސް މުއިއްޒު "ރިކޯޑް" ހެއްދެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކި ގޮތްގޮތަށް ނޫސްވެރިން މި ސުވާލުތައް ރައީސާ ކުރީ ސަބަބުތަކެއް ނެތަތީއެއް ނޫނެވެ. ފާޅުގައި ސަރުކާރާއި މަޖިލީހުން ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާކަމުގެ ހެކިތަކެއް އެ ނޫސްވެރިންނަށް ފެންނާތީއެވެ. އެހެންވެ، މިކަން ހިނގާދިޔަ ގޮތުގެ ޓައިމްލައިނާއެކު ނޫސްވެރިން ރައީސާ މި ސުވާލު ކުރިއެވެ.

ނަމަވެސް މިފަދަ ގިނަ އެހެން ކަންކަމެކޭ އެއްގޮތަށް ރައީސް މިކަމާ ހަވާލުވެނުލެއްވިއެވެ.

"އާދެ. އަޅުގަނޑަށް އެނގިގެން ހިނގާފައި ހުރި ކަންކަމެއް ނޫން. ތި ތަރުތީބުން ކަންކަން ހިނގާފައި އޮވެދާނެ،" ކަން ހިނގި ގޮތުގެ ޓައިމުލައިން ކިޔައިދިނުމުން ރައީސް ދެއްވި ޖަވާބަކީ މިއީއެވެ.

ރައީސް ވެސް, ޖޭއެސްސީން ވެސް އަދި ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން ވެސް ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމުގެ ހަޑިހުތުރު އަމަލު ހިންގަވާ ކަމަށް އެއްބަސްވެވަޑައެއް ނުގަންނަވައެވެ. ނަމަވެސް، ސަބަބުވެރި އިންސާނެއްގެ ސިކުނޑިން ވިސްނާއިރު އެނގޭ ވަރަށް ގިނަ ކަންކަން މި ކަމުގައި އެބައޮތެވެ.

ހަމަ އިއްތިފާގު؟

ކޮށްގެން މި އުޅެނީ އަދި ކުރަން ވެސް މިއުޅެނީ ކުޑަ ކަމެއް ނޫނެވެ. މިކަން މާ ބޮޑުވެގެން އާއްމުން އަދި ނޫޅެއެވެ. ނަމަވެސް، މިއީ ހުރިހާ ދިވެހިންގެ މަސްލަހަތާ ގުޅުން އޮތް ވަރަށް ބޮޑު މައްސަލައެކެވެ. އެތައް ދިވެހީންނެއް ލެއާއި ދަލުންވި ގުރުބާނީން ހޯދި ފެހި ގާނޫނުއަސާސީގެ ބާރު ކަނޑުވާލާނަމަ އެއީ ކުޑަ ކަމެއް ނޫނެވެ. ތިން ބާރު ވަކިވެފައި އޮތް ވެރިކަމުގެ ނިޒާމެއް ގާނޫނުއަސާސީން ކަށަވަރުކޮށްދޭއިރު ކިތަންމެ ބާރުގަދަ ބޭފުޅެއް ނަމަވެސް އެ ނިޒާމު ފުނޑާލަން ފުރުސަތު ދީގެން ނުވާނެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ހިތުހުރި ގޮތެއް ހެދޭއިރު ދެން ނުކުރާނެ ނުވަތަ ނުކުރެވޭނެ ކަމެއް އޮންނާނެ ހެއްޔެވެ؟

https://www.sun.mv/202961

މި ރިޕޯޓަށް ވާހަކަދެއްކެވި, ރާއްޖޭގެ ވަރަށް ސީނިއާ ގާނޫނީ ވަކީލަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް އޮތުމާއި ނެތުމާމެދު ގޮތެއް ނިންމުމަކީ މުޅި ރައްޔިތުންގެ މަސްލަހަތު އެކަމުގައި އޮތް ކަމެކެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަހަލަ ކަމެއްގައި އާދައިގެ ފަނޑިޔާރަކާމެދު ކަންތައް ކުރާ ގޮތަށްވުރެ ހާމަކަން ބޮޑުކޮށް ކުރުމަކީ ޖޭއެސްސީގެ އަޚުލާގީ ޒިންމާއެކެވެ.

"މިއަދު ސުލޫކީ ވި ކަމަށް ބުނާ ދެ ފަނޑިޔާރުންނަކީ އެ ބޭފުޅުންގެ ކެރިއަރުގައި 20 އަހަރާ ގާތްކުރާއިރު ދުވަހެއްގެ ކޮޅުން ވެސް ސުލޫކީ މައްސަލައެއް އޮތްކަމުގެ ތުހުމަތެއް ވެސް އޮތް ބައެއް ނޫން،" އޭނާ ވިދާޅުވިއެވެ.

"ސަރުކާރުގެ މަޞްލަޙަތު އޮތް މައްސަލައެއް ބަލަމުން ދަނިކޮށް، އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް، އޭސީސީން ފޮނުވިކަމަށް ބުނާ ސިޓީއަކާއި ޖޭއެސްސީން ނިންމި ނިންމުމަކާއި، ޖޭއެސްސީގެ މެންބަރުކަމުގައި ހުރި މީހަކު ބަދަލުވުމާއި، މި ހުރިހާ ކަމަކީ އިއްތިފާޤެއްކަމަށް ބެލުމަކީ ސިކުނޑީގެ ހަމަތަކުން ބެއްޔަސް ހަމަޖެހޭ ވާހަކައެއް ނޫން،"

އެ ތަޖުރިބާކާރު ވަކީލު ވިދާޅުވި ގޮތުގައި މިއީ ސީދާ ނުފޫޒު ފޯރުވުމުގެ އަމަލެކެވެ. އެއްވެސް މީހަކު، މީހަކަށް ގުޅާފައި މި ފޯރުވަނީ ނުފޫޒެކޭ ނުބުނާނެއެވެ. މި ދެނީ ރިޝްވަތެކޭ ވެސް ނުބުނާނެއެވެ. އެކަން ދެނެގަންނާނީ އަމަލުކުރާ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މި މައްސަލައިގައި ޢަމަލުކޮށްފައި އޮތް ގޮތުން، މިއީ ސަރުކާރުން ސީދާ ގޮތުން ފަނޑިޔާރުންގެ މައްސަލައަށް ނުފޫޒު ފޯރުވުން ނޫން އެހެން ކަމެއް ކަމަކަށް އަޅުގަނޑެއް ނުދެކެން. އިނގިރޭސި މުޙާވަރާއެއްގައި އޮވޭ އަސްދޫންޏެއް ހިނގާ ގޮތަށް ހިނގާފައި، އަސްދޫނި ލައްވާ ގޮތަށް އަޑު ލައްވާފައި، އަސްދޫނި އުޅޭގޮތަށް އުޅޭނަމަ، އެއީ އަސްދޫންޏެކޭ," އޭނާ ވިދާޅުވިއެވެ.

ވަޒީފާގެ މަސްލަހަތާއި ސިޔާސީ ޖަޒުބާތާއި ޕްރޮޖެކްޓާ އެހެނިހެން އެހެން ބޭނުންތަކުގައި ސަރުކާރަށް ތާއީދު ކުރާ މީހުންނަށް މި ތަފާތު ނުފެނިދާނެއެވެ. ނަމަވެސް، އަނެއްކާ ވެސް ސަބަބުވެރި އިންސާނެއްގެ ސިކުނޑިން ވިސްނާއިރު ފެންނަނީ އެހެން މަންޒަރެކެވެ.

ކުރީގެ އުއްތަމަފަނޑިޔާރު، ގާނޫނީ ދާއިރާއިން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވާ ގޮތުގައި ދުސްތޫރީ މައްސަލައެއް ބަލަނިކޮށް ފަނޑިޔާރުންތަކެއް ވަކިކުރުމަކީ އިއްތިފާގެއް ނޫނެވެ. އޭނާ ވިދާޅުވީ، އެއީ ދުސްތޫރީ މައްސަލައަށް ހުރަސްއަޅަން ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ.

އެ ގޮތުން، މެންބަރުން ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން ވެސް މެންބަރުކަން ގެއްލޭ ގޮތަށް ގެނައި އިސްލާހަކީ ދިވެހި ދައުލަތުގެ އެންމެ އަސާސީ އެއް ރުކުން ކަމުގައިވާ ދިވެހި ރައްޔިތުންގެ ބާރު ގެއްލޭ ގޮތަށް ގެނެސްފައިވާ ބަދަލެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުންދަނިކޮށް ފަނޑިޔާރުންގެ މައްޗަށް ތަހުގީގު ހިންގައި ވަކިކުރަން ހުށަހެޅީ އިއްތިފާގުން ކަމަށް ބަލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ ކަނޑައެޅިގެން ގާނޫނުއަސާސީގެ 41 ވަނަ މާއްދާގެ ނ އާއި ރ އާ ޚިލާފަށް، އެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސްއެޅުމުގެ ނިޔަތުގައި ހިންގާފައިވާ ޖަރީމާއެކެވެ،" ކަންބޮޑުވުން ފާޅުކުރައްވައި، އޭނާ ވިދާޅުވިއެވެ.

އެ 'ޖަރީމާ'ގައި ބައިވެރިވި އެންމެން ރައްޔިތުންގެ ކުރިމަތީ ޖަވާބުދާރީވާން ޖެހޭނެ ކަމަށް އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ. އޭނާ ވަނީ އެ ކަމުގައި ބައިވެރިވި މީހުން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު, ވިދާޅުވި ގޮތުގައި ގާނޫނުއަސާސީއާ ޚިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ގައުމުގެ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށެވެ.

"ދިވެހިރާއްޖޭގެ ޖުޑީޝަރީއަށް ތިޔަ ދިން ހަމަލާގައި ބައިވެރިވި ބޭފުޅުން އަދާކުރެއްވި ދައުރު ދިވެހި ޖުޑީޝަރީގެ ތާރީޚުން ފޮހެވިގެންނުދާނެ،" ސުއޫދު ވިދާޅުވިއެވެ.

މި އިއްތިފާގު ނިމެން މާ ގިނަ ދުވަހެއް ދެން ނުވާނެއެވެ. އެހެން މައްސަލަތައް ފިނިހަކަ ސުޕީޑުގައި މުއައްސަސާތަކާއި މަޖިލީހުން ކުރިއަށް ގެންދިޔަ ނަމަވެސް މި ޒާތު ކަންކަން ވަރަށް ފޯރީގައި ކޮށް ނިންމާނެއެވެ. ބާރުތައް ވަކިކޮށްފައިވާ ނިޒާމަކުން ވެރިކަން ކުރަން ރައްޔިތުން އިންތިޚާބު ކުރީމާ ބާރުތައް އެއް ކުރައްވަން އުޅުމަކީ "އިއްތިފާގެއް" ނޫނެވެ. އެއީ، ޚުދުމުޚުތާރުކަމުގެ ސިފައެކެވެ. ޝަރުއީ ދާއިރާގައި ކަޅު ލައްގަނޑެއް ޖެހޭގޮތަށް މިހާރު މި ކުރައްވާ ކަންކަން އެއީ އިއްތިފާގެއް ކަމަށް ގަބޫލެއް ނުކުރެވެއެވެ. މިއީ ހަމަ ޚުދުމުޚުތާރުކަމުގެ ސިފައެކެވެ.

comment ކޮމެންޓް