މަސްތުގެ ހާލަތުގައި ހުރެ ލޯންޗު ދުއްވައި، އެކްސިޑެންޓުވި މައްސަލައަކާ ގުޅިގެން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ކ. އަތޮޅު، ވާދޫ ރިސޯޓާ ދިމާއިން ކަނޑުއޮޅީގެ ބޭރުން ލޯންޗަކާއި ފެރީ ދޯންޏެއް ޖެހި އެކްސިޑެންޓުވި މައްސަލައެއް ރޭގެ 7:26 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން އެކްސިޑެންޓުވި ލޯންޗު ދުއްވަން އިން މީހާ އެ ވަގުތު ހުރީ މަސްތުގެ ހާލަތުގައިގަން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ލޯންޗު ދުއްވަން އިނީ މ. ކޮޅުފުށީ ޒަހީރާމަންޒިލް، އުމުރުން 41 އަހަރުގެ ނާޝާދު ވަލީދު މުޙައްމަދެވެ.
އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެެންގޮސްފައި ކަމަށާއި އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން ގެންދާކަމަށް ވަނީ ބުނެފައެވެ. އިއްޔެ ވަނީ، މަސްތުގެ ހާލަތުގައި ހުރެ ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ޓެކްސީއެއް ދުއްވި މީހަކު ވެސް ފުލުހުން ހައްޔަރުކޮށްފައެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ފުލެޓް ނަންބަރު 07-1-4، އުމުރުން 23 އަހަރުގެ މުހައްމަދު މާއީސްއެވެ.