މިދިޔަ މަހު ވޭޕާ ގުޅޭ 192،500 ރުފިޔާގެ ޖޫރިމަނާ

ވޭޕް: މިދިޔަ މަހު ވޭޕާ ގުޅޭ 192،500 ރުފިޔާގެ ޖޫރިމަނާކޮށްފައިވޭ --

މިދިޔަ މަހު އެކަނި ވެސް ވޭޕާ ގުޅޭ 192،500 ރުފިޔާގެ ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މިދިޔަ ޑިސެންބަރު 15 ގައި ވަނީ މުޅި ރާއްޖޭގައި ވޭޕް މަނާކޮށްފައެވެ.

ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބެއްގައި ވާގޮތުން، މިދިޔަ މަހު އެއްވަނަ ދުވަހުން ފެށިގެން 30 އާ ހަމައަށް ވޭޕާ ގުޅޭ އެކިއެކި ކަންކަމުގައި ޖުމުލަ 39 މީހަކު 192،500 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.

އޭގެ ކުރީ މަހު ޖޫރިމަނާކުރީ 27 މީހަކު ޖުމުލަ 123،000 ރުފިޔާއިންނެވެ.

އީ-ސިނގިރޭޓާއި ވޭޕް ބޭނުންނުކުރި ނަމަވެސް އެ ތަކެތި ގެންގުޅޭ ނަމަ އެ އެއްޗެއް އަތުލުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ އިސްލާހެއް ހުށަހަޅައިފައެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ނިޝާނެއް: ރާއްޖޭގެ ވޭޕް މަނާކުރީ ޑިސެންބަރުގައި --- ފޮޓޯ/ގެޓީ އިމޭޖަސް

ދުންފަތާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެ ތަކެތީގެ އަގު ވަރަށް ބޮޑަށް ބޮޑުކޮށްފައިވާއިރު، ޖަނަވަރީ 1، 2007 އިން ފެށިގެން އުފަންވެފައިވާ ޖީލުގެ މީހުންނަށް ސިނގިރޭޓު މަނާކުރަން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ. އެކަން ތަންފީޒުކުރަން ގާނޫނަށް އިސްލާހު ގެންނަން ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.

އެ އިސްލާހުގައިވަނީ ވޭޕާއި އީ-ސިނގިރޭޓު ބޭނުންނުކުރި ނަމަވެސް ގެންގުޅެނިކޮށް ފެނުނަސް އަތުލެވޭ ގޮތަށް ވެސް ބަދަލުކޮށްފައެވެ. އެ ގޮތުން، އާންމު ތަނެއްގައި އެ ފަދަ އާލާތެއް ގެންގުޅެނިކޮށް ފުލުހުންގެ އޮފިސަރަކަށް ފެނިއްޖެ ނަމަ އެ އެއްޗެއް އަތުލުމުގެ ބާރު އޮންނާނެއެވެ.

މި ގޮތަށް ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ގިނަވެގެން 45 ދުވަހުގެ ތެރޭގައި ނައްތާލަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.

މިހާރު ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނު އޮންނަ ގޮތުން މީހަކަށް ހިލޭ ވޭޕެއް ދިނަސް 10،000 ރުފިޔާގެ އަދަދުން ޖޫރިމަނާ ކުރެވެއެވެ. ވޭޕް ބޭނުންކުރާ ކޮންމެ މީހަކު 5،000 އިން ޖޫރިމަނާ ކުރެވެއެވެ. އަދި، ވޭޕް ވިއްކައިފި ނަމަ 20،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރާއިރު ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ ޖޫރިމާނާއެއް އަންނާނެއެވެ.

comment ކޮމެންޓް