ސަމާލުވޭ! ނުރައްކާތެރި ޑެންގީ ފެތުރެނީ

ޑެންގީ ހުން ފަތުރާ އީޑީސް މަދިރި: ނުރައްކާތެރި ޑެންގީ ފެތުރޭ ކަމަށް އެޗްޕީއޭއިން ބުނެފި --

ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހު، މި އަހަރުގެ އެހެން މަސްތަކާ އަޅައިބަލާއިރު ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ހަތަރު މަހު ޑެންގީ ރިޕޯޓުކޮށްފައިވާ އަދަދަށް ބަލާއިރު:

  • ޖަނަވަރީ: 75
  • ފެބުރުވަރީ: 80
  • މާރިޗު: 73
  • އޭޕްރީލް: 124

އެ އިދާރާއިން ބުނި ގޮތުގައި މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ރ. އަދި އއ. އަތޮޅުންނެވެ.

  • މާލެ ސަރަހައްދު: 134
  • ރ. އަތޮޅު: 57
  • އއ. އަތޮޅު: 40

އެޗްޕީއޭއިން ވަނީ ޑެންގީ ފެތުރުން މަދުކުރުމަށް ޓަކައި ފަރުދީ ޒިންމާ އަދާކޮށް، މަދިރިން ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޑެންގީގެ ކޭސްތައް އިތުރުވެގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވެސް ވަނީ މި އަހަރުގެ ފެބްރުވަރީ މަހު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޑެންގީ ހުމަކީ އީޑީސް މަދިރީގެ ޒަރީއާއިން ފެތުރޭ ވައިރަލް ހުމެކެވެ. ޑެންގީ ހުން ޖައްސާ ވައިރަސް ނުވަތަ ޑެންގީ ވައިރަސްގެ ހަތަރު ވައްތަރެއް މިހާތަނަށް ފެނިފައި ވާއިރު އެ ބަލިޖެހިގެން ފުރާނައަށް ނުރައްކާވާ ފަހަރުވެސް އާދެއެވެ. އަދި ބަލިޖެހިގެން މީހުން މަރުވެފައި ވެސްވެއެވެ.

ޑެންގީ ބަލީގެ އަލާމާތްތައް ފެންނާނީ މަދިރި ހަފާތާ ހަތަރު ދުވަހާއި 10ދުވަހާ ދޭތެރޭގެ މުއްދަތެއްގައެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި:

  • ގައިގައި ރިއްސުން
  • ހުން އައުން
  • ބޮލުގައި ރިއްސުން
  • ލޮލުގައި ރިއްސުން
  • ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން

ތިން ދުވަހަށް ވުރެ ގިނަ ދުވަހު ހުން އަންނަ ނަމަ ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަކީ މުހިންމުކަމެކެވެ. އަދި ގިނަގިނައިން ދިޔާ ތަކެތި ބޭނުން ކުރުމަށާއި އަރާމު ކުރުމަށް ވެސް ޑޮކްޓަރުން ލަފާ ދެއެވެ.

ޑެންގީ ހުން ޖައްސާ އީޑީސް މަދިރިން ރައްކާތެރިވުމަށް ފަރުދީ ގޮތުން ކުރެވޭނެ ގިނަ ކަންތައްތަކެއް ވެއެވެ. އެގޮތުން ހުސް ފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކައިނުލުމާއި ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ސާފުކުރަން އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

އަދި ހެނދުނު އިރުއަރާ ގަޑީގައާއި ހަވީރު އިރުއޮއްސޭ ވަގުތު މަދިރި ގިނަވާތީ، ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމާއި މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމަށް ވެސް އިލްތިމާސް ކުރެއެވެ.

comment ކޮމެންޓް