އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އަވަށެއް ކަމަށްވާ ހަތުރާސްގެ މީހެއްގެ އެކައުންޓަށް އަދަދު ކިޔަން ނޭނގޭ ވަރުގެ ގިނަ އަދަދެއްގެ ފައިސާ އެ ސްޓޭޓްގެ ބޭންކަކުން ޖަމާކޮށްދީފިއެވެ.
އަޖިތު ނަމަކަށް ކިޔާ މި މީހާގެ އެކައުންޓަށް ނޭނގި ހުއްޓާ ބޭންކުން ޖަމާކުރި މި ފައިސާގެ އަދަދު ގުނަންވެސް ދަތި ކަމަށާއި 36 ނަމްބަރުގެ އަދަދަކާ އެކު ލިބުނު ފައިސާގެ އަދަދު ފެނުމުން އޭނާގެ އިތުރުން އެ އަވަށުގެ ގިނަ ބަޔަކަށް ވަނީ ހައިރާންކަމެއް ލިބިފައެވެ.
މިދިޔަ އޭޕްރިލް މަހުގެ 24ގައި އަޖިތުގެ އެކައުންޓުގައި ހުރި ފައިސާގެ އަދަދަކީ އެންމެ 1،800 ރުޕީސްއެވެ. އޭގެފަހުން އެ އަދަދު 1،400 ރުޕީސްއަށް ދަށްވި ކަމަށާއި ނަމަވެސް އޭޕްރިލް 25 ވަނަ ދުވަހު އޭނާގެ އެކައުންޓުގައި ފައިސާގެ ހުރި އަދަދަކީ 1,00,13,56,00,00,01,39,54,21,00,23,56,00,00,01,39,542 މިއީ ކަމަށާއި މި އަދަދު ފެނުމުން މުޅި އެ އަވަށުގެ މީހުންނަށް ލިބުނީ ބޮޑު ޝޮކެއް ކަމަށް އަޖިތު ވަނީ ބުނެފައެވެ.

ފައިސާ ޖަމާވި އިންޑިއާ ރައްޔިތެއް ކަމަށްވާ އަޖިތު--ފޮޓޯ/އެންޑީޓީވީ
އަޖިތުގެ އިތުރުން އޭނާގެ އަންހެނުންނަށް މިކަމާ ގުޅިގެން ވަރަށް ބޮޑު އުފާވެރިކަމެއް ލިބުނުއިރު ކުޑަ ހިނދުކޮޅެއްގެތެރޭގައި އެކަންވީ ބިރުވެރިކަން އިހުސާސްކުރުވި ކަމަށެވެ. މިކަމާ ގުޅިގެން އެ އަވަށުގައި ހުންނަ ބޭންކުގެ ގޮތްޕަކަށް ގުޅުމުން ބުނީ އެއީ ޖައްމޫ އާއި ކަޝްމީރުގެ ބޭންކާ ދެމެދު ހިނގި ފައިސާގެ މުއާމަލާތެއްގައި ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އޮޅިގެން އަޖިތުގެ އެކައުންޓަށް ޖަމާވި ފައިސާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބޭންކަށް ގުޅުމަށްފަހު ވެސް މި އަދަދަށް އަޖިތުގެ އެކައުންޓުގައި ފައިސާ ހުރިތަން ފެނުމުން އޭނާގެ އާއިލާއިން ދެން ދިޔައީ ފުލުސް އޮފީހަށެވެ. ފުލުސް އޮފީހަށް ދިއުމުން މި މައްސަލަ ސައިބަކްރައިމް ޑިވިޝަނަށް ހުށަހެޅުމަށް އަޖިތަށް އަންގާފައިވާ ކަމަށް އޭނާ ވަނީ މީޑިއާގައި ބުނެފައެވެ.
އެންމެ ދުވަހެއްގެ ތެރޭގައި އަޖިތުގެ އެކައުންޓަށް ނޭނގި ހުއްޓާ ލިބުނު ފައިސާގެ ބޮޑު އަދަދާއެކު އަޖިތު ވެފައި ވަނީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނދި މީހާ، ސްޕޭސް އެކްސްގެ ސީއީއޯ އެލޮން މަސްކްއަށް ވުރެން މުއްސަނދި މީހަކަށެވެ.
އަޖިތުގެ މިހާރުގެ ކަންބޮޑުވުމަކީ އިންޓަނެޓު މެދުވެރިކޮށް ބަޔަކު މީހުން ހިންގާ ފްރޯޑެއްގެ ޝިކާރައަކަށް އޭނާވެ ބޭންކު އެކައުންޓު ވެސް ފްރީޒްކޮށްފައިވާތީއެވެ.